ކުރިއަށް އޮތް 2 ހަފުތާގައި މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާގުޅޭ އިދާރާތަކުގެ ލަފާގެ މަތިން ކަމަށެވެ. އަދި އެ ނިންމުން ދެ ހަފްތާ ފަހުން މުރާޖައާ ކުރެވޭނެ ކަމަށެވެ.
ރާއްޖެއިން ކޮވިޑް19 ފެނުމާއި ގުޅިގެން އެޅި ފިޔަވަޅުތަކާއި އެކުގައި ސްކޫލުތައް ބަންދުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 12ވަނަ ދުވަހުއެވެ.
ނަމަވެސް ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ސްކޫލުތައް އަލުން ހުޅުވާލީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އޭރު މާލެ ސަރަހައްދުގައި ގްރޭޑު 9 އިން މައްޗަށް ކިޔަވައިދިން އިރު، އެހެން ރަށްރަށުގައި މިދިޔަ މަހުން ފެށިގެން ހުރިހާ ގްރޭޑަކަށްވެސް އަންނަނީ ކިޔަވައިދެމުންނެވެ.
