މިހާރު ސޮނީ ޓީވީއިން ކުރިއަށް ގެންދާ ކުޑަކުދިންގެ ޑާންސް ރިއަލިޓީ ޝޯވ، "ސުޕަ ޑާންސާ ޗެޕްޓަރ 4"ގެ އަޑު ދުވަހަކަށްވުރެ ދުވަހެއް ދަނީ ގަދަވަމުންނެވެ. ހުނަރުވެރި އެތައް ކުދިންގެ ނެށުންތަކެއް ކޮންމެ ހަފުތާ ބަންދެއްގައި ގެނެސްދެމުން ދާއިރު މި ޝޯވ ވަނީ އިންޑިއާގެ ގަދަ 5 ޓީވީ ޝޯވގެ ލިސްޓުން ޖާގަ ހޯދާފައެވެ.

އިންޑިއާގައި އެއްވެސް ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި މި ޝޯވ ޝޫޓްކުރާ ލޮކޭޝަން ވަނީ ދާމަންއަށް ބަދަލުކޮށްފައެވެ. މި ޝޯވގެ ޖަޖުކަން ކުރަމުން އަންނަނީ ގީތާ ކަޕޫރާއި ޝިލްޕާ ޝެޓީގެ އިތުރުން އަނޫރާގް ބާސޫއެވެ. ނަމަވެސް ވޭތުވެދިޔަ ހަފުތާގައި އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކަކާއި ގުޅިގެން ޝިލްޕާއާއި އަނޫރާގް ޝޯވގައި ބައިވެރިއެއް ނުވެއެވެ. އެ ދެމީހުންގެ ބަދަލުގައި ވޭތުވެދިޔަ ހަފުތާގެ ޝޯވ ގީތާއާއިއެކު ޖަޖުކުރީ ފަރާ ޚާންއާއި ރެމޯ ޑީ ސޫޒާއެވެ.
ޝޯވގެ ލޮކޭޝަން ބަދަލުކޮށްފައިވާއިރު އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން ޝިލްޕާއަށް އެ ލޮކޭޝަނަށް ދަތުރުކުރެވެން ނެތުމުން ޝިލްޕާގެ ބަދަލުގައި ދެން ޝޯވ ޖަޖުކުރާނީ މަލައިކާ އަރޯރާއެވެ. ގީތާއާއި އަނޫރާގް ޝޯވގައި ބައިވެރިވާނެކަމަށް ޚަބަރުތައް ބުނާއިރު މަލައިކާއާއެކު ޓެރެންސް ލުވިސްވެސް ޖަޖިންގ ޕެނަލްއާއި ގުޅޭނެކަމަށްވެއެވެ.
ކޮވިޑާއި ގުޅިގެން އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ބައެއް ސްޓޭޓްތައް ވަނީ ފުރަބަންދު ކޮށްފައެވެ. މަހާރާޝްތުރައިގެ ވަރުގަދަކުރި ސަލާމަތީ ފިޔަވަޅުތައް މެއި 14 އާއި ހަމައަށް ދަމަހައްޓަން ނިންމާފައިވާތީ ގިނަ ޝޯވތަކެއްގެ ޝޫޓިންގ ވަނީ އެހެން ސްޓޭޓްތަކަށް ބަދަލުކޮށްފައެވެ. "ސުޕަ ޑާންސާ" އާއި "އިންޑިއަން އައިޑޯލް"ގެ ޓީމު ދާމަންއަށް ބަދަލުވީއިރު "ޑާންސް ދީވާނޭ"ގެ ޓީމުން ބަދަލުވީ ބެންގަލޫރަށެވެ.
