ފޭރަކީ ރާއްޖޭގައި އާންމުކޮން ބޭނުންކުރާ، ގިނަބަޔަކަށް މީރު މޭވާއެކެވެ. މިއީ ގަހެއްގައި އަޅާ މޭވާ އެކެވެ. ފޭރުގެ އޮށް ހުންނާނީ ކަރުގަނޑުގެ ތެރޭގައެވެ. އެގޮތުން ފޭރުގައި ގިނަ އަދަދަލަށް އޮއް ހުރެއެވެ.

ދިވެހި ބަހަށް "ފޭރު" މިނަން ނެގިފައިވަނި ބަންގާޅީ ބަހުން ކަމަށް ވެސް ބުނެވެއެވެ. އެއީ ބަންގާޅީ ބަހުން ފޭރަށް ކިޔަނީ "ޕޭރަ" މިހެން ކަމަށް ވާތީ އެވެ. ދިވެހިން ފޭރު ބޭނުން ކުރަނީ ކެއުމަށާއި، ފަނިގިރުމަށެވެ. ހުސްފޭރު ދޮންކޮށާއި، ގަބުޅިކޮށް ހުންނައިރު ވެސް ދިވެހިން ކައިއުޅެއެވެ. ފޭރުގަހުގެ ބައިތަކަކީ ކުރީ ޒަމާނުގެ ގަދީމީ ބޭސްވެރިކަމުގައި ބޭނުންކޮށް އުޅުނު ބާވަތްތަކެއް ކަމަށް ވެއެވެ.

ފޭރުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އެކި ދިރާސާތަކުން ދައްކާގޮތުގައި މިހާތަނަށް 100 އަށްވުރެ ގިނަ ވައްތަރު ފޭރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރެއެވެ. އެހެން ނަމަވެސް ރާއްޖެގައި ފޭރު ގެ މާ ގިނަ ވައްތަރުތައް ހުންނަކަމަށް ފާހަގަ ކުރެވިފައެއް ނުވެއެވެ. ނަމަވެސް މިހާރަކަށް އައިސް ރާއްޖެއިން ބޭރުގެ ބައެއް މުޑުވައްތައް ރާއްޖޭގައިވެސް ހައްދާ އުޅެއެވެ. ފޭރުގެ ވައްތަރު ތަކުގެ ތެރޭގައި ހުދު ފޭރު، ރަތް ފޭރު، ރަންގު ފޭރު އަދި މިނޫނަސް ތަފާތު ކުލަ ކުލައިގައި އެތެރެ ހުންނަ ފޭރުތައް ހިމެނެއެވެ.


ފޭރުން ލިބޭ ފައިދާ

ފޭރަކީ ވިޓަމިން ސީ އަދި ވިޓަމިން އޭގެ މާއްދާތަކުން މުއްސަނދި މޭވާއެކެވެ. ވިޓަމިން ސީ އަކީ ހަށިގަނޑަށް ވަރަށް މުހިންމު މާއްދާއެކެވެ. މިގޮތުން ހަށިގަނޑުގައި ހުންނަ ޓިޝޫ އާކުރުމުގައި ވިޓަމިން ސީގެ ރޯލު ވަރަށް ބޮޮޑެވެ. ވިޓަމިން ސީއަކީ ހަންގަނޑުގެ ރީތިކަމަށް މުހިންމު މާއްދާްއެކެވެ.

އެންމެ ފޭރެއްގައި ގާތްގަނޑަކަށް 126 މިލިގުރާމުގެ ވިޓަމިން ސީ ހުރެއެވެ. އަދި ސައިންސް ވެރިންގެ ހޯދުންތަކުން ދައްކާގޮތުގައި ދުވާލަކު 400 ގުރާމުގެ ފޭރު ކާނަމަ، ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކޮށްދެއެވެ. އަދި ކޮލެސްޓްރޯލްގެ މިންވަރު ހަށިގަނޑުން ދަށްކޮށްދެއެވެ.

މީގެ އިތުރުން ފޭރުގައި ހިމެނޭ އިތުރު ފައިދާތަކަށް ބަލައިލާއިރު ވިޓަމިންސް އަދި މިނަރަލްސްގެ ތެރޭގައި މެގްނީސިއަމް، ކެލްސިއަމް، ވިޓަމިން ބީ ސިކްސް ވިޓަމިން އޭ އަދި ފޮސްފޮރަސް ހިމެނެއެވެ. މީގެ ސަބަބުން ހަމުގެ މައްސަލަތަކާއި، ރާއްޖެބަލީގެ ކަންކަމަށްވެސް ފަރުވާއަކަށްވެއެވެ.

ފޭރުން ލިބޭ ފައިދާ ގެ އިތުރުން ފޭރު ގަހުގެ ފަތަކީ ވެސް ވަރަށް ގިނަ ފައިދާހުރި އެއްޗެކެވެ. މިގޮތުން ބޭރަށްހިންގާ، މީހުން ފޭރުފަތް ބޭނުންކުރުމުން، އެންމެ އާންމުކޮށް ބޭރަށް ހިންގުމުގެ ސަަބަބެއް ކަމުގައިވާ ބެކްޓީރިއާ ސްޓެފިލަކޯކަސް އެރޭއަސް ފެެތުރުން ހުއްޓުވައި ދިފާއީ ނިޒާމް ސާފުކޮށްދެއެވެ.

މިހުރިހާކަމަކަށް ބަލާއިރު ފޭރަކީ ކެއުމަށް ހަމަ އެންމެ ރަނގަޅު އެއް މޭވާ އެވެ. އަދި ފަނިގިރަންވެސް މިއީ މޮޅު މޭވާއެކެވެ. އެހެންކަމުން ފޭރު ރާއްޖޭގައި އިންދާ، ހެއްދުން ވަރަށް މުހިންމެވެ. އޭރުން ރާއްޖޭން ބޭރުން ފޭރު އެތެރެކުރާ މިންވަރު ދަށްކުރެވޭނެއެވެ.