ދުނިޔޭގެ ކުޑަކުދިންގެ މެދުގައި މަޤްބޫލު ކާޓޫނު ސިލްސިލާ "ޕެޕާ ޕިގް" އަށް އައު މެމްބަރަކު އިތުރުވާން އުޅޭ ކަމުގެ ޚަބަރު ވަނީ ހާމަކޮށްފައެވެ. މި ސިލްސިލާގެ މަމީ ޕިގް އާއި ޑެޑީ ޕިގް ވަނީ އެ ދެމަފިރިންގެ ތިންވަނަ ދަރިފުޅު ލިބެންއުޅޭ ކަމުގެ އުފާވެރި ޚަބަރު އިއުލާނުކޮށްފައެވެ.
މި ސިލްސިލާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަމީ ޕިގް އާއި ޑެޑީ ޕިގްގެ ތިންވަނަ ދަރިފުޅު ލިބެން އުޅޭކަމަށާއި، އެ ދެމަފިރިންނަށް ކުދިން ގިނަވާންއުޅޭ ކަމަށެވެ. އަދި އަލަށް ފެނިގެންދާ ޕިގް ދުނިޔެއަށް އަންނާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގައި ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މިހާރު ހަތަރު އަހަރުގެ ޕެޕާ އާއި ދެ އަހަރުގެ ޖޯޖްގެ އިތުރުން އާ ކުއްޖަކު އުފަންވުމާ ގުޅިގެން ޕެޕާ ޕިގް ޢާއިލާގެ މެމްބަރުންގެ އަދަދު އިތުރުވާނެއެވެ. މި ސިލްސިލާ ވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު ކުޑަކުދިންނަށް މަޖާ ކާޓޫނެއްގެ ގޮތުގައި ދައްކަމުން އައިސްފައެވެ.
"ގުޑް މޯނިންގ ބްރިޓެއިން" ޕްރޮގްރާމްގެ ޚާއްޞަ އެޕިސޯޑެއްގައި މަމީ ޕިގް ވަނީ އޭނާގެ އުފާވެރިކަން ހިއްސާކޮށްފައެވެ. އަދި އޭނާގެ އަލްޓްރާސައުންޑް ސްކޭން ދައްކާލަމުން ބުނެފައިވަނީ އާ ކުއްޖާ ލިބޭނެ ކަމުގެ ޚަބަރު އިއުލާނުކުރުމަށް ވަރަށް އުފާވާކަމަށެވެ.
ޕެޕާ ޕިގް ސިލްސިލާ ވަނީ 40 އަށްވުރެ ގިނަ ބަހަށް ތަރުޖަމާކޮށްފައެވެ. އަދި 2004 ވަނަ އަހަރުން ފެށިގެން މި ސިލްސިލާ ވަނީ ކުޑަކުދިންނަށް މަޖާ ކާޓޫނެއްގެ ގޮތުގައި ދައްކަމުން އައިސްފައެވެ. މި ސިލްސިލާގައި ޕެޕާ އާއި އޭނާގެ ކުޑަ ކޮއްކޮ ޖޯޖް އަދި އެކުދިންގެ ރަހުމަތްތެރިންނާއި ޢާއިލާގެ ދިރިއުޅުމުގެ ވާހަކަތައް ހިމެނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން