ނިއުޒީލޭންޑުގެ "ޓަރަނާކީ" ފަރުބަދައަށް އިންސާނެއްގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތައް ލިބިދިނުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. މިއީ ނިއުޒީލޭންޑުގެ ޤާނޫނުގެ ދަށުން އިންސާނެއްގެ ގޮތުގައި ބަލައިގަނެވުނު ތިންވަނަ ޤުދުރަތީ ވަސީލަތެވެ. މީގެ ކުރިން "ޓެ އުރެވެރާ "ކިޔާ ބޮޑު ޖަންގަލީ ސަރަހައްދަކާއި "ވަނަގާނުއީ" ކޯރަށްވެސް މިފަދަ ޙައްޤުތަކެއް ލިބިދީފައިވެއެވެ.
މި އައު ޤާނޫނުގެ ދަށުން "ޓަރަނާކީ" ފަރުބަދައަށް އިތުރު ޙިމާޔަތްތަކެއް ލިބިގެންދާނެއެވެ. މި ފަރުބަދައަށް މިހާރު ކިޔަނީ އޭގެ މައޯރީ ނަމުން ކަމުގައިވާ "ޓަރަނާކީ މައުންގާ"އެވެ. މި ޤާނޫނު ފާސްވުމާ ގުޅިގެން، މި ފަރުބަދައަށް އިންސާނެއްގެ ހުރިހާ ޙައްޤުތަކާއި ބާރުތަކާއި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ލިބިގެންދާނެއެވެ.
މިއީ ނިއުޒީލޭންޑުގެ ސަރުކާރާއި އަސްލު ވެރިން ކަމުގައިވާ މައޯރީ ޤަބީލާތަކާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ބައެކެވެ. މައޯރީ ޤަބީލާތަކުން އަބަދުވެސް މި 8,261 ފޫޓުގެ ފަރުބަދަ ދެކެފައިވަނީ އެމީހުންގެ ކާބަފައިންގެ ގޮތުގައެވެ.
މި ފަރުބަދައިގެ ޤާނޫނީ ޝަޚްޞިއްޔަތަށް ކިޔަނީ "ޓެ ކަހުއީ ޓުޕުއާ"އެވެ. ޤާނޫނުގައި މިއީ "ދިރިހުރި އަދި ނުބެހެވޭނެ އެއްޗެއް" ގެ ގޮތުގައި ބަލައިގަނެފައިވަނީ. މީގެ ތެރޭގައި ޓަރަނާކީ ފަރުބަދައާއި އޭގެ ވަށައިގެންވާ ފަރުބަދަތަކާއި ބިންތައް ހިމެނޭ ގޮތަށެވެ. އަދި "އޭގެ ހުރިހާ މާއްދީ އަދި މެޓަފިޒިކަލް އުންސުރުތައް" ވެސް ހިމެނެއެވެ.
މި ފަރުބަދައިގެ "މޫނުމަތި އަދި އަޑު" ގެ ގޮތުގައި މަސައްކަތްކުރާނެ އައު ޖަމާޢަތެއް އުފެދިގެންދާނެއެވެ. މި ޖަމާޢަތުގައި ހިމެނޭނީ ސަރަހައްދުގެ މައޯރީ އިވީ ނުވަތަ ޤަބީލާތަކުގެ 4 މެންބަރުންނާއި ޤައުމުގެ ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ވަޒީރު ޢައްޔަންކުރާ 4 މެންބަރުންނެވެ.
މި ޤާނޫނީ ބަދަލާއެކު، ނިއުޒީލޭންޑު އިސްތިޢުމާރުކުރެވުނު ފަހުން ޓަރަނާކީ ސަރަހައްދުގެ މައޯރީންގެ އަތުން މި ފަރުބަދަ ވަގަށް ނެގުނުކަން ޤަބޫލުކުރެވި، އޭގެ ފަހުން ބިމަށް ކުރިމަތިވި ގެއްލުންތަކަށް ބަދަލު ދިނުމުގެ ގޮތުން ސަރުކާރުން އަސްލު ވެރިންނާއެކު ވެފައިވާ އެއްބަސްވުން ފުރިހަމަވެގެންދާނެއެވެ.
މި ޤާނޫނީ ޙައްޤުތަކުގެ ސަބަބުން، ފަތުރުވެރިކަމާއި ފަރުބަދަ އަރައި ފޭބުމާއި ސްނޯ ކުޅިވަރުތަކަށް މަޤްބޫލު ތަނަކަށް ވެފައިވާ މި ފަރުބަދައިގެ ދުޅަހެޔޮކަމާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް މައޯރީ ޤަބީލާތަކަށް އިތުރު ބާރުތަކެއް ލިބިގެންދާނެއެވެ.
ޕާލިމެންޓުން އިއްތިފާޤުން ފާސްކުރި މި އައު ބިލާ އެކުވެސް، މި ފަރުބަދައަކީ އާންމުންނަށް ވަދެވޭ ތަނެއްގެ ގޮތުގައި ދެމިއޮންނާނެއެވެ.
ސަރުކާރާއި މައޯރީ ޤަބީލާތަކާ ދެމެދު އެއްބަސްވުންތަކާ ޙަވާލުވެ ހުރި ސިޔާސީ ފަރާތް ކަމުގައިވާ ޕޯލް ގޯލްޑްސްމިތު ބުރާސްފަތި ދުވަހު ޕާލިމެންޓުގައި ދެއްކި ވާހަކައެއްގައި ބުނެފައިވަނީ "މި ފަރުބަދައަކީ އެތައް ޒަމާނެއް ވަންދެން އިޙްތިރާމް ކުރެވޭ ކާބަފައެއްގެ ގޮތުގައި ބެލެވިފައިވާ، މާއްދީ، ސަގާފީ އަދި ރޫޙާނީ ދިރުން ލިބޭ މަސްދަރެއް އަދި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ބެލެވިފައިވާ ތަނެކެވެ" މިފަދައިންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން