ދެ ބިލު ފޮނުވަން ނިންމީ ކަސްޓަމަރުންގެ ފައިދާއަށްޓަކާ ކަމުގައި ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިހެން ބުނީ ގާތްގާތުގައި ދެ ބިލު ފޮނުވުމުގެ މަޤްޞަދު ސާފުކޮށްދިނުމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ކުރެއްވި ޕޯސްޓެއްގައެވެ.

ފަހުމީގެ ޕޯސްޓުގައި 75 އަހަރުގެ ޤައުމީ ޚިދުމަތުގެ ރެކޯޑް އޮތް ކުންފުންޏަކުން ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ގާތްގާތުގައި ދެ ބިލު ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައިވާ ވާހަކައެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކައި ނިންމި ނިންމުމެއް ކަމަށާއި އެއް ޔޫސޭޖަކަށް ކުރާ ބިލެއް ވެސް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ،

މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީޑިންގ ނެގުމަށްފަހު ބިލް ޑެލިވަރ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް ކަމަށާއި، އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މި ބިލް ދެއްކުމަށް 30 ދުވަހުގެ މުހުލަތެއްވެސް ދީފައިވާ ކަމަށް ވެސް ފަހުމީގެ ޕޯސްޓުގައި ވިދާޅުފައިވެއެވެ.

މި ބިލް ފޮނުވުމުގެ މަޤްޞަދުތަކުގެ ތެރޭގައި، ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުން ހިމެނޭ ކަމަށް ފަހުމީ ވިދާލުވިއެވެ. މީގެ ކުރިން މި ދެންނެވި ބެކްލޮގާއި އެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް ކަމަށާއި، އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދައިދިނުމަކީ މީގެ އެއް މަޤްޞަދު ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެމަހެއްގެ ފަހު ހަފްތާގައި ރީޑިންގ ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑެލިވަރ ކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިންގ އާއި މީޓަރާއި އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ ކަމަށް ފަހުމީގެ ޕޯސްޓް ނިންމާލަމުން ވިދާޅުވެފައިވެއެވެ.