ބްރެޒިލިއަން ޕައުލިސްޓާ ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުގައި ބްރަގަންޓީނޯ 2-0 އިން ބަލިކޮށް، ސަންޓޯސް އިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗުގައި ސަންޓޯސް މޮޅުކޮށްދިނުމުގައި 12 އަހަރަށްފަހު އެ ކުލަބަށް އައިސް މޮޅުކުޅުމެއްދައްކަމުން އަންނަ ނޭމާ ވަނީ އެހީތެރިވެދީފައެވެ. 

އުމުރުން 33 އަހަރުގެ ނޭމާ ވަނީ މެޗުގެ ނުވަވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ސަންޓޯސް އަށް ލީޑުނަގައިދީފައެވެ. މިއާއެކު، ނޭމާ ވަނީ ސަންޓޯސް އަށް ތިން ލަނޑުޖަހައިދީ، އިތުރު ތިން ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.

ދެވަނަ ހާފުގައި ސަންޓޯސްގެ ލީޑު ފުޅާކޮށްދިނީ ބްރެޒިލްގެ ސްޓްރައިކަރު ޖޮއާއޮ ޝްމިޓް އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ސަންޓޯސް ނިކުންނަން ޖެހޭނީ ކޮރިންތިއަންސް ނުވަތަ ޕަލްމެއިރާސްއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ނުވަތަ 9 ވަނަ ދުވަހު އެވެ.