މެކްސިކޯ ލީގުގައި އިއްޔެ ކުޅުނު މެޗުގައި ސާޖިއޯ ރާމޯސް ވައްދާލި ފުރަތަމަ ގޯލާއެކު، މޮންޓެރޭ އިން 4-2 ގެ ނަތީޖާއަކުން ސަންޓޯސް ލަގޫނާ ބަލިކޮށްފިއެވެ.
މި މެޗުން ހޯދީ މޮޅާއެކު، މޮންޓެރޭ ވަނީ ތާވަލްގެ ނުވަވަނަ އަށް ކުރިއަށް ޖެހިލައިފައެވެ. އެ ޓީމަށް ކުޅުނު 10 މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. މިއާއެކު، ތާވަލްގެ ކުރީގައި އުޅޭ ލިއޯންއާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
އެސްޓާޑިއޯ ބީބީވީއޭގައި ކުޅުނު މެޗުގައި ސަންޓޯސް ލަގޫނާގެ ލަނޑުތައް ޖަހައިދިނީ އަލްޑޯ ލޮޕޭޒް އާއި ބްރޫނޯ ބާޓިޗިއޮޓޯ އެވެ.
މޮންޓެރޭގެ ގޯލްތައް ކާމިޔާބުކޮށްދިނީ ޖާމަން ބާޓެރާމޭ، ސާޖިއޯ ރާމޯސް، ސާޖިއޯ ކެނާލެސް އާއި ޖެރާޑޯ އާޓިއޭގާ އެވެ.
މިއީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި މޮންޓެރޭއާ ގުޅުނު އުމުރުން 38 އަހަރުގެ ރާމޯސް، އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
ސްޕެއިނާއެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް، ދެ ފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް އުފުލާލައިފައިވާ ރާމޯސް އެންމެ ފަހުން ކުޅެފައިވަނީ، ކެރިއަރު ފެށި ސެވިއްޔާ އަށެވެ.
ރާމޯސްގެ ކުލަބު ކެރިއަރުގައި 120 ގޯލްޖަހައިފައިވާއިރު، އޭގެތެރެއިން 101 ލަނޑުޖަހައިދިނީ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ރެއާލް މެޑްރިޑަށެވެ. އޭގެފަހުން، އޭނާ ވަނީ ފްރާންސްގެ ޕީއެސްޖީ އަށް ވެސް ކުޅެފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން