ނާދިރު ލޭގެ ޕްލާސްމާއިން މިލިއަނުން ގުނާލެވޭ ތުއްތު ކުދިންގެ ފުރާނަ ސަލާމަތްކޮށްދިން އޮސްޓްރޭލިއާގެ ޖޭމްސް ހެރިސަން އަވަހާރަވެއްޖެއެވެ.

އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ނާސިންގ ހޯމެއްގައި ޖޭމްސް ހެރިސަން އަވަހާރަވީ ނިދިފައި އޮއްވާ، މިދިޔަ މަހުގެ 17 ވަނަ ދުވަހު ކަމަށް އޭނާގެ ޢާއިލާއިން މަޢުލޫމާތު ދެއްވިއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 88 އަހަރެވެ.

ރަނުގެ އަތުގެ ނަމުން މަޝްހޫރުވެފައިވާ ހެރިސަންގެ ލޭގައި ވަރަށް ނާދިރު އެންޓިބޮޑީއެއް ކަމަށްވާ އެންޓި-ޑީ އެކުލެވިގެންވެއެވެ. މިއީ މާބަނޑު އަންހެނުންގެ ލޭ، ބަނޑުގައިވާ ދަރިފުޅަށް ހަމަލާދިނުމުގެ ނުރައްކާ އޮންނަ ޙާލަތުގައި ދޭ ބޭހެއްގައި ބޭނުންކުރާ އެންޓިބޮޑީއެކެވެ.

ހެރިސަންގެ ހަނދާން އާކުރަމުން އޮސްޓްރޭލިއަން ރެޑް ކްރޮސް ބްލަޑް ސަރވިސްއިން ވިދާޅުވީ އޭނާ ލޭ ހަދިޔާކުރަން ފެށްޓެވީ އުމުރުފުޅުން 14 އަހަރުގައި މޭގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ހެއްދެވި އިރު ލޭ އަޅަން ޖެހުނު ހިސާބުން ކަމަށެވެ.

އުމުރުފުޅުން 18 އަހަރުގައި ލޭގެ ޕްލާސްމާ ހަދިޔާކުރަން ފެއްޓެވި ގޮތަށް، އުމުރުފުޅުން 81 އަހަރު ވަންދެން ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު އޭނާ އެގޮތަށް ޕްލާސްމާ ހަދިޔާކުރައްވަމުން ގެންދެވިއެވެ.

އޭނާއަށް 2005 ވަނަ އަހަރުަރު ވަނީ އެންމެ ގިނައިން ލޭގެ ޕްލާސްމާ ހަދިޔާކުރެއްވުމުގެ ރެކޯޑު ލިބިވަޑައިގެންފައެވެ. ނަމަވެސް 2022 ވަނަ އަހަރު އެ ރެކޯޑު ވަނީ އެމެރިކާގެ ބޭފުޅަކަށް ލިބިވަޑައިގެންފައެވެ.

ހެރިސަންގެ އަންހެން ދަރިކަލުން ޓްރޭސީ މެލޯޝިޕް ވިދާޅުވީ އެއްވެސް އަގަކާއި ވޭނަކާ ނުލައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވުނީތީ އޭނާގެ ބައްޕަ ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

މެލޯޝިޕާއި ހެރިސަންގެ ކާފަ ދަރިންނަކީ ވެސް ލޭގައި އެންޓި-ޑީ އެކުލެވޭ ބޭފުޅުންނެވެ.

އެންޓި-ޑީ އިން، ވިހެއުމާއި އަލަށް އުފަންވާ ކުދިންގެ ލޭގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ހީމޯލިޓިކް ޑިޒީޒް ނުވަތަ އެޗްޑީއެފްއެން އިން ސަލާމަތްކޮށްދެއެވެ. މާބަނޑު ދުވަސްވަރު މިފަދަ ޙާލަތެއް މެދުވެރިވަނީ މައިމީހާގެ ރަތުލޭ ހަތާތައް، ބޮޑުވަމުން އަންނަ ތުއްތު ކުއްޖާއާ ނުގުޅޭ ޙާލަތްތަކުގައެވެ.

މިފަދަ ޙާލަތެއް މެދުވެރިވުމުން، މައިމީހާގެ ދިފާޢީ ނިޒާމުން ކުއްޖާގެ ލޭގެ ހަތާތައް ނުރައްކަލެއްގެ ގޮތުގައި ދެނެގަނެ، އެ ހަތާތަކަށް ހަމަލާދިނުމަށް އެންޓިބޮޑީޒް އުފައްދައެވެ. މިކަމުގެ ސަބަބުން ތުއްތު ކުއްޖާއަށް ލޭމަދުވުމުގެ ނުރައްކާ ބޮޑުވުމާއި ހިތުގެ މައްސަލަތައް ފަދަ ނޭދެވޭ ޙާލަތްތަކާ ވެސް ކުރިމަތިލާން ޖެހިދާނެއެވެ.

އެންޓި-ޑީ ފަރުވާ 1960 ގެ އަހަރުތަކުގެ މެދުތެރޭގައި ދޭން ފެށުމުގެ ކުރިން، އެޗްޑީއެފްއެން ޖެހޭ ކޮންމެ ދެ ކުއްޖަކުން އެއް ކުއްޖަކު މަރުވެއެވެ.

ޖޭމްސް ހެރިސަންގެ ނާދިރު ލޭގެ ޕްލާސްމާއިން އެތައް މިލިއަން ތުއްތު ކުދިންގެ ފުރާނަ ސަލާމަތްކުރެވުނުކަމީ، އިންސާނިއްޔަތަށް އޭނާ ކޮށްދެއްވި އަގުހުރި ޚިދުމަތެކެވެ. އޭނާގެ މި މަތިވެރި ޢަމަލަކީ އެހެން މީހުންނަށް ވެސް ހެޔޮ ނަމޫނާއެއް ކަމުގައި ދެކެވެއެވެ. ހެރިސަންގެ ފަދަ ބޭފުޅުންގެ ހިތްވަރާއި ހެޔޮ ނިޔަތުގެ ސަބަބުން، ޞިއްޙީ ދާއިރާގައި ކުރިއެރުންތަކެއް ޙާޞިލުކުރެވި، އެތައް ފުރާނައެއް ސަލާމަތްކުރެވިގެންދާކަން ފާހަގަކުރެވެއެވެ.