ބޮލީވުޑްގެ އެންމެ ކުޅަދާނަ އެކްޓަރުންގެ ތެރެއިން ޝާހިދު ކަޕޫރަކީ މިފަހަކަށް އައިސް ފިލްމުތަކުގައި އެންމެ ވަރުގަދަ ޕާފޯމެންސެއް ދައްކަމުން އަންނަ އެއް އެކްޓަރެވެ. "ހައިދަރު (2014)"، "އުޅްތާ ޕަންޖާބް (2016)"، "ޕަދުމާވަތު (2018)" އަދި "ކަބީރް ސިންގ (2019)" އަކީ އޭގެ ހެކިތަކެވެ. އެ ފިލްމުތަކުގެ އޭނާ ދެއްކި މޮޅު އެކްޓިންގއަށް އެތައް އެވޯޑެއް ލިބިފައިވެއެވެ.
ޝާހިދު، 40، އަކީ އޭނާ ކުޅޭ ރޯލުތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވާ އެކްޓަރެއްކަން އޭނާގެ ފަހުގެ ފިލްމުތައް ބަލައިލުމުން އެނގިގެން ދެއެވެ. އޭނާގެ އެންމެ ފަހުން ނުކުތް "ކަބީރް ސިންގ"ގެ ޓައިޓްލް ރޯލަށް ތައްޔާރުވުމަށް ޝާހިދު ވަނީ ކޮންމެ ދުވަހަކު 20 ސިނގިރޭޓު ބޮއިފައެވެ. ކުރިން ކަރީނާ ކަޕޫރާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެމީހުން ވަކިވި ފަހުން، ޝާހިދު ސިނގިރޭޓު ބޯން ފަށައި އެކަމަށް ވަރަށް ބޮޑަށް ދެވި ހިފިއެވެ. ނަމަވެސް އޭނާގެ އަންހެނުން މީރާއާއި ކައިވެނި ކުރުމަށްފަހު، މީރާގެ ޝަކުވާތަކާއިއެކު ޝާހިދު ވަނީ ސިނގިރޭޓު ބުއިން ހުއްޓާލާފައެވެ.
ސިނގިރޭޓު ބުއިން ހުއްޓާލުމަށްފަހު އަލުން ސިނގިރޭޓު ބުއިން ޝާހިދަށް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. އޭނާ ޝޫޓިންގ ނިންމާފައި ގެއަށް ގޮސް ދަރިންނާއި ބައްދަލުކުރުމުގެ 2 ގަޑިއިރު ކުރިން ފެންވަރައި ގައިން ވަސް ފިލުވާކަމަށް ވެއެވެ.
ޝާހިދުގެ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ މިއަހަރު ނޮވެމްބަރު 5 އަށް ތާވަލުކޮށްފައި އޮތް ކްރިކެޓް ފިލްމު "ޖާރޖީ"އެވެ. މި ފިލްމުގައި ޝާހިދު ފެންނާނީ މުރްނާލް ޓާކުރްއާއި ޕަންކަޖް ކަޕޫރާއި އެކުގައެވެ.