ޝާއި ގިލްޖިއަސް-އެލެގްޒެންޑާގެ މޮޅު ކުޅުމާއެކު އޮކްލާހޯމާ ސިޓީ ތަންޑާ އިން ހިއުސްޓަން ރޮކެޓްސް ބަލިކޮށް، ލީގުގެ 50 ވަނަ މޮޅު ހޯދައިފިއެވެ.

މި މެޗުން ތަންޑާ މޮޅުވީ 137-128 އިންނެވެ. 

އޮކްލާހޯމާގެ ޕޭކޮމް ސެންޓަރުގައި ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާގައި 31-30 އިން ރޮކެޓްސް ކުރިހޯދިއިރު، ތަންޑާ އިން ވަނީ ދެންޖެހިގެންއައި ކުއާޓާގައި 33-31 އިން ކުރިހޯދާފައެވެ. ތަންޑާ އިން މެޗުގެ ކޮންޓްރޯލް އަތުލީ ތިންވަނަ ކުއާޓާގައި، 39-27 އިން ނެގި ލީޑާއެކު އެވެ.

އެއަށްފަހު ދެން ކުޅެވުނު ފަހު ކުއާޓާގައި ރޮކެޓްސް ކުރިހޯދިނަމަވެސް، މެޗުގެ ދެވަނަ އަދި ތިންވަނަ ކުއާޓާގައި ތަންޑާ އިން ދެއްކި ތަފާތުގެ ސަބަބުން ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މެޗުގައި ތަންޑާ އިން އެންމެ ޕޮޅަށް ކުޅުނު ގިލްޖިއަސް-އެލެގްޒެންޑާ ވަނީ 51 ޕޮއިންޓާއެކު، ހަތް އެސިސްޓް ހަދާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޖަލެން ވިލިއަމްސް ވަނީ 24 ޕޮއިންޓް އެއްކޮށްފައެވެ.

ރޮކެޓްސް އިން އެންމެ ގިނަ ޕޮއިންޓް އެއްކުރީ ކޭމް ވިޓްމޯރ އެވެ. އޭނާ ވަނީ 27 ޕޮއިންޓާއެކު 11 ރީބައުންޑްނަގައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ. މީގެއިތުރުން، އެ ޓީމުގެ ރީޑް ޝެޕާޑް ވަނީ 25 ޕޮއިންޓް އެއްކޮށްފައެވެ.

މުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސެކްރަމެންޓޯ ކިންގްސް ވަނީ 122-98 އިން ޑަލާސް މޭވްރިކްސް ބަލިކޮށްފައެވެ. ގޯލްޑެން ސްޓޭޓް ވޯރިއާސް ވަނީ 119-101 ގެ ތަފާތަކުން ނިއު އޯލިއާންސް ހޯނެޓްސް އަތުން މޮޅުވެފައެވެ.