ރޯދަ ވީއްލުމާއެކު ސިނގިރެޓެއް ނުވަތަ ބިޑިއެއް އޮޅާލުމަކީ ދިވެހި މުޖުތަމަޢުގައި މިއަދު އާދަޔަކަށްވެފައިވާ ކަމެކެވެ. ރޯދަ ވީއްލުމާއި އެކު ސިނގިރެޓު ބޯ މީހުން މަގުމައްޗަށް ނުވަތަ ގެވަޅުތެރެއަށްވަދެ ސިނގިރެޓެއް ރޯކޮށް ދަމާއިރު، ބިޑި އޮޅާ މީހުން ކަރުދާހަށް ދުންފަތް ގަންނުވާ އެ އޮޅަން އަވަސްވެގަނެއެވެ. މިބައިމީހުން އުޅޭ ގޮތުން، ރޯދަ ވީއްލުމަށްފަހު، މަޣްރިބު ނަމާދުގެ ކުރިން ބިޑިއެއް އޮޅާލުމަކީވެސް ރޯދައިގެ ބައެކޭ ހީވާ ކަހަލައެވެ. މިކަން މިހާ އާއްމުވެފައި ވީނަމަވެސް، މިއީ ވަރަށް ނޭދެވޭ އާދައެކެވެ. ގިނަ ބަޔަކު މިކަން ކުރަނީ އެމީހުންގެ ހަށިގަނޑަށް ނިކޮޓިންގެ ބޭނުން ޖެހިފައިވާތީއެވެ. އެހެންނަމަވެސް، މިއީ އިޖްތިމާޢީ ގޮތުންނާއި ޞިއްޙީ ގޮތުން ވަރަށް ގެއްލުން ބޮޑު ކަމެކެވެ.
އިޖްތިމާޢީ ގޮތުން ބަލާއިރު، ރޯދަ ވީއްލުމާއެކު ބިޑިއެއް އޮޅާލާ އެ ބުއިމަކީ ވަރަށް ހުތުރު ޢަމަލެކެވެ. ރަމަޟާން މަހަކީ އަޅުކަމާއި ތަޤްވާވެރިކަން އިތުރުކުރުމަށް އޮންނަ މަހެކެވެ. މި މަހުގައި ރޯދަ ވީއްލުމާއެކު ކުރަންވާނީ ކަމަކީ ﷲ އަށް ޝުކުރުވެރިވުމެވެ. އެހެންނަމަވެސް، ސިނގިރެޓެއް ނުވަތަ ބިޑިއެއް ބުއިމަކީ މި މަތިވެރި ވަގުތު ނަހަމަ ގޮތުގައި ބޭނުންކުރުމެވެ.
ޞިއްޙީ ގޮތުން ބަލާއިރު، ރޯދަ ވީއްލުމާއެކު ސިނގިރެޓެއް ބުއިމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ދުވާލު ގަޑީގައި ރޯދައިގެ ސަބަބުން ހަށިގަނޑު ހުންނާނީ ވަރަށް ބޮޑަށް ޑީހައިޑްރޭޓް ވެފައެވެ. ނުވަތަ ފެންދެމި، ފެން މަދުވެފައެވެ. މި ހާލަތުގައި ސިނގިރެޓެއް ބުއިމުން ހަށިގަނޑަށް ވަންނަ ނިކޮޓިންގެ އަސަރު އާދަޔާ ޚިލާފަށް ބޮޑުވާނެއެވެ. މީގެ ސަބަބުން ހިތުގެ މަސައްކަތަށާއި ލޭ ދައުރުވުމުގެ ނިޒާމަށް ބޮޑެތި އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
އަދި ހަމައެހެންމެ، ރޯދަ ވީއްލުމާއެކު ސިނގިރެޓެއް ބުއިމަކީ މަޣްރިބު ނަމާދަށް ދިއުމުގައި ސަމާލުވާން ޖެހޭނެ ކަމެކެވެ. އެހެނީ ކޮންމެ ގޮތެއްވިޔަސް މަޣްރިބު ނަމާދުކުރަން ޖެހޭނެއެވެ. އަދި ގިނަ ބަޔަކު ދާނީ މިސްކިތަށެވެ. މިގޮތަށް މިސްކިތަށް ދާއިރު، ގައިގާ ސިނގިރެޓު ވަސްދުވާނަމަ މިއީ މިސްކިތުގައި ތިބޭ އެހެން މީހުންނަށާއި ކައިރީގައި ހުންނަ މީހުންނަށް އުނދަގޫވާނެ ކަމެކެވެ. ރަމަޟާން މަހު، ތިބާގެ ފަރާތުން އެހެން މީހަކަށް ގަސްތުގައިވިޔަސް އަދި ގަސްތަކާ ނުލާވެސް އުނދަގުލެއް ތުރާލެއް ޖެއްސުމަކީ ރޯދައިގެ ޘަވާބާއި ދަރުމަ އުނިވެދާނެ ކަމެކެވެ.
ރޯދަ ވީއްލުމާއެކު ސިނގިރެޓު ބުއިމުގެ އާދަ ދޫކޮށްލުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް، މިއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިކަމުގައި އެހީތެރިވެދޭނެ ގޮތްތަކެއް ވެސް އެބަހުއްޓެވެ. މިސާލަކަށް، ނިކޮޓިން ޕެޗް ބޭނުންކުރުމާއި، ކައުންސެލިންގ އަށް ދިއުމާއި، އާދަ ބަދަލުކުރުމަށް މަސައްކަތްކުރުން ފަދަ ކަންކަމެވެ. މިފަދަ ފިޔަވަޅުތަކުން ދުންފަތުގެ އިސްތިޢުމާލު ދޫކޮށްލުމަށް އެހީތެރިވެދޭނެއެވެ. އަދި މިކަންކަމުގެ އިތުރުން ރޯދާ ވީއްލުމާއި އެކު އެކަމަށް ވާގިދެއްވުން އެދި ﷲ ގެ ހަޟްރަތަށް ދުޢާ ކުރަންޖެހޭނެއެވެ. ރަމަޟާން މަސްފަދަ މާތް މަހަކީ ދުންފަތާއި ދުރުވުމަށް ރަނގަޅު މައްސަރެކެވެ.
ރޯދަ ވީއްލުމާއެކު ސިނގިރެޓެއް ނުވަތަ ބިޑިއެއް ބުއިމަކީ އިޖްތިމާޢީ ގޮތުންނާއި ޞިއްޙީ ގޮތުން ނޭދެވޭ ކަމެކެވެ. މިކަމުގެ ބަދަލުގައި ރަމަޟާން މަހުގެ ރޫޙާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުމަކީ މުހިންމު ކަމެކެވެ. އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަންވާނީ މި ނޭދެވޭ އާދަ ދޫކޮށްލައި، އަޅުގަނޑުމެންގެ ޞިއްޙަތާއި، ޢާއިލާއާއި، މުޖުތަމަޢު ރައްކާތެރިކުރުމަށެވެ. މިގޮތުން، ރަމަޟާން މަހަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން ދޫކޮށްލުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމުގައި ދެކި، މި ފުރުޞަތުގެ ބޭނުން ހިފުމަށް ހިތްވަރު ދޭންޖެހެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން