ސްޓެލްކޯއަކީ ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރާ ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މި ކުންފުންޏަކުން ރައްޔިތުންނަށް އޮޅުވައެއް ނުލާނެ ކަމަށެވެ. އަދި އޮޅުވާލާނެ އެއްޗެއްވެސް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން ސްޓެލްކޯއިން މަސައްކަތް ކުރާނީ އަބަދުވެސް އިހުލާސްތެރިކަމާއެކުގައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސްޓެލްކޯއަކީ އަބަދުވެސް ކަސްޓަަމަރުންނަށް އެންމެ ލުއި ފަސޭހަގޮތް ހޯދައިދޭން މަސައްކަތްކުރާ ކުންފުނި ކަމުގައި ވެސް ވިދާޅުވިއެވެ.
އެ ޓްވީޓުގައި ވިދާޅުވީ ބިލްދެއްކުމަށް ދަތިވާ ފަރާތްތަކަށްވެސް ލުއި ގޮތްތައް އަބަދުވެސް އޮންނާނެ ކަމަށާއި އެގޮތުން ސްޓެލްކޯ ވެބްސައިޓް https://stelco.com.mv/rpex މެދުވެރިކޮށް ޕޭމަންޓް އެކްސްޓެންޝަނަށް އެދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވާނީ ހުޅުވާލެވިފައި ކަމަށެވެ.
"މިކަމުގައި އަޅުގަނޑަށް ނުވަތަ ސްޓެލްކޯގެ އެއްވެސް ވެރިއަކަށް ގުޅާކަށް ނުޖެހޭނެ." ފަހުމީ ވިދާޅުވިއެވެ.
