ތުއްތު ކުދިންގެ ސިފައާއި ހަށިގަނޑަށް ކޮންމެވެސް ކަހަލަ އިބާރާތަކުން ފާޑުކިޔުމަކީ ގިނަ މީހުންގެ އާދައެކެވެ. ހިކިއްޔާ ހިކި ވާހަކަ ބުނެއެވެ. ފަލަނަމަ، އެކަންވެސް އަންގައެވެ. މިވެރިންނަށް ކަމުދާ އެއްގޮތެއްވެސް ނޯވެއެވެ. ކުއްޖާ ފެންނަ ކޮންމެތާކުން "ހާދަ ހިއްކޭ، މަންމަ ކާން ނުދެނީ ދޯ؟" ފަދަ ޢިބާރާތްތައް ބުނާކަށް ފަހަކަށް ނުޖެހެއެވެ. "ހީވަނީ ދެން ކަށިގަނޑެއް/ދަނޑިގަނޑެއް ހެން" ފަދަ ޖުމުލަތަކުން ކުއްޖާއަށް އަންގަނީ، އޭނާގެ ހިކިކަމާއި އަނަރޫފަކަމެވެ. "ބަނޑު ތިޔައޮތީ ދެފުއް ޖެހިފައެއްނު؟" ނުބުނެ ހަމަ މި މީހުން ހިތަށް ހަމަޖެހުމެއް ނުލިބޭ ކަހަލައެވެ. ދެން ނިމުނީއެއް ނޫނެވެ. ކިރިޔާ ގައިގައި މަސްކޮޅެއް ޖަހާއިރަށް "ކުރިޔަށްވުރެ ހާދަ ފަލަވެއްޖޭ ދޯ؟" ބުނަން ހަމަ ފަޅި ސިކުންތެއްވެސް ނުނަގާނެއެވެ. "ހާދަ ބަރޭ! ކޯއްޗެއް އަނެއްކާ ކާންދެނީ؟" ކުއްޖާ އުރާލާފައި އެ ޝަކުވާވެސް ކޮށްލާނެއެވެ. ދެން ކިޔާނީ މާގިނައިން ކާންދޭ ވާހަކައެވެ. ހެޔޮ އެއްގޮތެއްވެސް ނޯންނަނީއެވެ.

ނަމަވެސް މިފަދަ ފާޑުކިޔުންތަކުގެ ސަބަބުން، އެކަމެއް ރައްދުވާ ކުދިންގެ މައިންބަފައިންނަށް ކުރާނެ އަސަރެއް ވިސްނާލަނީ ކިތައް މީހުން ހެއްޔެވެ؟ ކޮމެންޓެއް ކޮށްލެވުނީމާ އެމީހުންގެ ހިތް ފުރެއެވެ. ނަމަވެސް އެ ރައްދުވީ އިބާރާތާއި މެދުގައި، ބެލެނިވެރިން ވިސްނާނެކަމާމެދު ހިތަކަށް ނާރައެވެ. ބައެއް ކުދިންނަކީ ކާންދޭން މަސައްކަތް ކުރިޔަސް ނުކާ ކުދިންނެވެ. ނުވަތަ ނުކެވޭ ކުދިންނެވެ. ކާން އުނދަގޫ ކުދިންނެވެ. އަނެއްބައި ކުދިންނަކީ ކެޔަސް، ހަށިގަނޑަށް އެހާ ބޮޑަށް ނޭނގޭ ކުދިންނެވެ. އެކި ކުދިންގެ ހަށިގަނޑު ހެދިބޮޑުވާ ގޮތާއި، ހަށިގަނޑަށް އަންނަ ބަދަލުތައް ތަފާތުވާނެއެވެ.

މިސާލަކަށް، މަންމަ ކާން ނުދެނީ ދޯ އޭ ބުނެލަނީ ކިތަށްމެ މަޖަލަކަށް ކަމުގައިވިޔަސް، އޭގެ ސަބަބުން ކުއްޖާގެ މަންމައަށް އަސަރު ކޮށްފާނެކަން ޤަބޫލުކުރަން ޖެހެއެވެ. ގަދަކަމުން ކާންދޭން އުޅުނަސް ދަރިފުޅު ނުކާތީ އެކަމާ ވިސްނާ މަންމައެއް، މިފަދަ ޖުމުލައެއް އަޑުއިވުމުން ހިތަށް އަރާނީ ކޮން އެއްޗެއް ހެއްޔެވެ؟ ތިމަންނައަކީ ރަނގަޅު މަންމައެއް ނޫންކަމަށް ވިސްނެން ފަށާފާނެއެވެ. ދަރިފުޅަށް ކާންދީ، ރަނގަޅު ސިއްޙަތެއްގައި ބެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހިތްވަރު އެލިދާނެއެވެ. ތިމަންނައަށް ގޯސްކޮށް ކުރެވެނީ ކޮންކަމަކާ މެދުގައިތޯ ސުވާލު އުފައްދަފާނެއެވެ. އެކަމާ ބޯ ހާސްވެ، ނަފްސާނީ ގޮތުން އުނދަގޫތަކެއް ވާންފަށާފާނެއެވެ. ރަނގަޅަށް ދަރިފުޅު ބެލުމުގެ ޤާބިލުކަން ނެތްކަމުގައި ދެކެވެން ފަށާފާނެއެވެ. ކުރު އިބާރާތެކެވެ. ނަމަވެސް އޭގެ އަސަރު ނުހަނު ފުންވެދާނެކަން ޤަބޫލުކުރަން ޖެހެއެވެ. އެއީ 'އޯވަރ ރިއެކްޓް' ކުރުމެއް ނޫނެވެ. އެއީވެސް އިޙްސާސެވެ.

ތުއްތު ކުދިންނާއި ބޮޑެތި މީހުންގެ ހަށިގަނޑަށް ފާޑު ކިޔުމާއި ކޮމެންޓު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެއް ނޫނެވެ. ލޯގަނޑު އެމީހުންގެ ގޭގައިވެސް ހުރެއެވެ. ހަށިގަނޑު ހުންނަ ގޮތާއި، ހަށިގަނޑަށް އަންނަ ބަދަލުތައް އެ ކުދިންގެ މައިންބަފައިންނަށް އެނގެއެވެ. އެކި މީހުންނަށް ދިމާވާނީ އެކި މައްސަލަތަކެވެ. ތަފާތު ގޮންޖެހުންތަކެވެ. އެކަން އެންމެންވެސް ދަންނަށް ޖެހޭނެއެވެ. ހިތަށް އަރާ އެއްޗެއް ކޮންމެ ފަހަރަކު ބުނެ، 'ބޮޑީ ޝޭމް' ކުރުމުގެ ކުރިން ވިސްނާލުން ބުއްދިވެރިއެވެ.