ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދުން ފެށިގެން ޚިދުމަތް ދޭނީ ހަފުތާއަކު 2 ދުވަހު ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަން ނިންމީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި އެމް.އެމް.އޭ ގެ އިޢުލާނާއި އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތްދިނުމަށް ކަމަށެވެ.

އެގޮތުން 15 މެއި އާ ހަމަޔަށް ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވިފައި ހުންނާނީ ހޯމަ ދުވަހާއި ބުދަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:00 އަށް ކަމަށް އެ ބޭންކުން ބުނެއެވެ.

އަސާސީ ޚިދުމަތްތައް ފޯރިކޮށްދިނުމަށް ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފްތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރެވޭނެ ކަމަށް ވެސް ބުނެއެވެ. 

މީގެ އިތުރުން އެ ބޭންކުން ވަނީ މާލޭ ސިޓީގައި ބޭންކިންގ ޚިދުމަތް ހޯއްދެވުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެންގެވުމަށާއި ޚިދުމަތް ހޯއްދެވުމަށް ބޭންކަށް ވަޑައިގެންނެވުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިއްބެވި ކަސްޓަމަރުންގެ ޢަދަދު ޗެކް ކުރުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.

"އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރތަކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށް. ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ." ބީއެމްއެލް އިން ބުނެއެވެ.

ދިވެހީންގެ ބޭންކް، ބީއެމްއެލް އިން ބުނީ އަބަދުވެސް އެންމެ އިސްކަމެއްދެނީ އެ ބޭންކުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށެވެ.

ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ޚިދުމަތް ބޭނުންކުރައްވައި، އޮންލައިންކޮށް ލިބެން ހުންނަ ޚިދުމަތްތައް ބޭނުންކުރެއްވުމަށް ވެސް ބީއެމްއެލް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.