އެޕޯލޯ ވެފާއަކީ ވަރަށް ކުރިން ފެށިގެން ދިވެހިންގެ މެދުގައި މަގްބޫލުވީ ވެފާއެކެވެ. މި ޗޮކްލެޓް ވެފާއަކީ މިހާރުވެސް ދިވެހިންގެ މެދުގައި އެހާމެ މަގްބޫލު އެއްޗެކެވެ. މިއަދު އަހަރެމެން މި ގެނެސްދޭން އުޅޭ ރެސިޕީއަކީ ޓިކްޓޮކް ހޭންޑްލް އައިޝް ޒިކީގެ ރެސިޕީއެކެވެ. ފަސޭހައިން ތައްޔާރުކޮށްލެވޭ މި ރެސިޕީއަށް ބޭނުންވަނީ މަދު ސާމާނެކެވެ. މިއީ ރޯދަ ވީއްލުމަށްފަހު އަނގަ ފޮނިކޮށްލަން ރަނގަޅު ރެސިޕީއެއް ކަމަށް ބެލެވެއެވެ. 

 

ކޭކް ބޭސްއަށް ބޭނުންވާ ތަކެތި

  • 1 3/4 ޖޯޑު (220ގ) ފުށް
  • 1 ޖޯޑު (240 އެމްއެލް) ދިޔާ ކިރު
  • 1/2 ޖޯޑު (120 އެމްއެލް) ވެޖިޓަބަލް އޮއިލް
  • 2 ސައިސަމްސާ ވެނީލާ އެސެންސް
  • 2 ބިސް
  • 3/4 ޖޯޑު (65ގ) ކޮކޯ ޕައުޑާ
  • 2 ޖޯޑު (400ގ) ހިމުންކޮށްފައިވާ ހަކުރު /ބްރައުން ޝުގާ
  • 1 1/2 ސައިސަމްސާ ބޭކިން ޕައުޑާ
  • 1 1/2 ސައިސަމްސާ ބޭކިން ސޮޑާ
  • 1 ސައިސަމްސާ ލޮނު

ކޭކް ސޯސްގަނޑަށް ބޭނުންވާ ތަކެތި

  • 1 ގެރިކިރު ދަޅު
  • 5 އެޕޯލޯ ވެފާ
  • ވޯލްނަޓް (އޮޕްޝަނަލް)

ކޭކް ބޭސްއަށް ބޭނުންވާ ހުރިހާ ތަކެތި އެއްކޮށް ގިރާލާފައި ކޭކްއަޅާ ޓްރޭއެއްގެ ތެރެއަށް އަޅާލާށެވެ. އަވަން 180 ޑިގްރީ ސެލްޝިޔަސް ހޫނުމިނަށް ޖައްސާލާފައި ކޭކް 30-35 މިނެޓް ވަންދެން ފިހެލާށެވެ. މިހާރު މި އޮތީ ކޭކް ބޭސް ތައްޔާރުކުރެވިފައެވެެ. އެއަށްފަހު ސޯސްގަނޑު ތައްޔާރުކުރުމަށް މިކްސްޗަރެއް ބޭނުންކޮށްގެން އެޕޯލޯ ވެފާއާއި ގެރިކިރު އެއްކޮށްލާށެވެ. ދެން، ކޭކް މަތީގައި ސޯސްގަނޑު ފަތުރާލާށެވެ. ބޭނުން ނަމަ ކޭކް ދެ ފަޅިކޮށްފައި ސޯސްގަނޑު ލޭޔާވެސް ކުރެވިދާނެއެވެ. އެއަށްފަހު ހިމުންކޮށްފައިވާ އެޕޯލޯ ވެފާކޮޅާއި ވޯލްނަޓް ބޭނުންކޮށްގެން ކޭކް ގާނިޝްކުރެވިދާނެއެވެ.