ރޯދަމަހުގެ ރޯދަތައް ކުރުކޮށްލުމަށް އެކި މީހުން ކޮށްއުޅެނީ އެކި ކަންކަމެވެ. އެއްބަޔަކަށް ބަނދިގެ ތެރެއިން ސަލާމަތްނުވެވޭއިރު، އަނެއްބަޔަަކު ތިބެނީ ކުރާނެ ކަމެއް ނެތިގެން ފޫހިވެފައެވެ. ދުވާލުގެވެސް ގިނަ ވަގުތުތައް އަޅުކަމުގައި ހޭދަކޮށް، ހަވީރުގެ ވަގުތަކީ ގިނަބަޔަކު އަމިއްލަ ނަފުސަށް ހުސްވެލަން ބޭނުންވާ ވަގުތެކެވެ. އެގޮތުން ރޯދަ ކުރުކުރުމަށް ކުރާ ބައެއް ކަންތައްތަކަށް ކުޑަކޮށް ކަޅިއެއް އެއްލަމާ ހިނގާށެވެ.
ހަވީރު ބުރުޖަހާލުން: ހަވީރު ފިންޏަށް ސައިކަލު ދުއްވާލަން ނުވަތަ ހިނގާލަން ނުކުތުމަކީ ގިނަ ބައެއްގެ އާދައެކެވެ. ފުރާވަރުގެ ކުދިން ހަވީރު ބުރުޖަހާލަން ގުރޫޕު ހަދާފައި ބައިސްކަލުގައިވެސް ނުކުމެއެވެ. ޖެހޭ ފިނި ވައިރޯޅިތަކާއި، މެދުމިނަކަށް ހަލަބޮލިވެފައިވާ މަގުމަތީގެ މާހައުލަށް ނުކުމެ، ހިތްހަމަޖައްސާލާށެވެ. ދަންނަ މީހުންނާ ބައްދަލުވެ، ވާހަކަ ދެއްކުމަށް ވަގުތު ހޭދަކޮށްލުމުން، އުފާވެރިކަން އިޙްސާސްވެއެވެ.
ތާސް/އުނޯ ކުޅުން: ގުރޫޕު ހަދާފައި ރައްޓެހިންނާއެކީ ނުވަތަ އާއިލާ މެމްބަރުންނާއެކީ ތާސް ނުވަތަ އުނޯ ކުޅުމަކީ ޒަމާންވީ ކަމެކެވެ. އެކުގައި މަޖާ ވަގުތުތަކެއް ހޭދަކުރެވޭ، އުފާވެރި ހަނދާންތަކެއް ނުވަތަ 'މެމޮރީސް' އުފެއްދޭ ހަރަކާތެކެވެ. ތާސްބައިން ކުޅެވޭ އެކި ކުޅިވަރުތައް ކުޅުމަށް ގިނަ މީހުން ވަރަށް ޝައުޤުވެރިވެއެވެ.
ޓީވީ ޕްރޮގްރާމްތައް ބެލުން: ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެންނަ ތަފާތު އެކި ޕްރޮގުރާމްތައް ބެލުމަށް ވަގުތުކޮޅެއް ހުސްކޮށްލުމަކީ ރޯދަ ކުރުކުރަން ކުރާ ކަމެކެވެ. ނަން ނޯޓު ކޮށްގެން އެ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ހަވާލުކުރެވޭ މަސައްކަތްތައް ވަރަށް ޖޯޝާއި ފޯރީގައި ކުރިއަށް ގެންދެއެވެ. އަދި ޕްރޮގްރާމްގައި ހިއްސާވާ އެހެން ބައިވެރިންގެ މަސައްކަތްވެސް ޝައުގުވެރިކަމާއެކު ބަލައެވެ.
ރޭޑިއޯ ޕްރޮގްރާމްތައް އަޑުއެހުން: ކުރުވާހަކަ މުބާރާތާއި ރަސޫލާގެ ސިއަރަތުގެ އިތުރުން، ރޯދަ ކުރުކުރަން ޚާއްސަ ޕްރޮގުރާމްތައް އަޑުއެހުމަށް ގިނަ ބަޔަކު ޝައުގުވެރިވެއެވެ. ބަނދިގޭގައި އުޅެމުންވެސް ރޭޑިއޯ އަޑުއަހާ ކަނބަލުން މަދެއް ނޫނެވެ. ހެއްވާ މަޖާ ވާހަކަތައް އަޑުއިވި، ފޫހިފިލުވުމަށްވެސް ގިނަ ބަޔަކު ރޭޑިއޯ އިޙްތިޔާރުކުރެއެވެ.
މަސްބާނަން ދިއުން: ރަސްމީކޮށް މަސްބޭނުމަށް ދޯނިފަހަރުގައި ކަނޑުމައްޗަށް ނުކުތުން ނޫންކަމުގައި ވިޔަސް، ބަނދަރު މައްޗަށް ނުވަތަ ގޮނޑުދޮށަށް، ދޮށި އެއްލަން ދިއުމަކީ ރޯދަ ކުރުކުރަން އިޙްތިޔާރުކުރާ މަގެކެވެ. ތުއްތުކުދިން ގޮވައިގެން ނުވަތަ އަމިއްލަޔަށްވެސް ދޮށި ހިފައިން ނުކުމެ މަސްބާނަން އުޅުމުން ހިތްހަމަޖެހެއެވެ.
ގުޑި/މަޑި އެރުވުން: އިރުވާ މޫސުމުގައި ދޭ އަތްވާއިއެކީ ޖެހޭ ބާރު ވަޔާއެކު ގިނަ ކުޑަކުދިން ބޭނުންވަނީ ގުޑި/މަޑި އަރުވާށެވެ. އަތިރިމައްޗަށް ނުވަތަ ގޮނޑުދޮށް ކައިރިއަށް ގޮސް، އެކި ބައްޓަމަށް ހުންނަ އެކި ކުލަތަކުގެ ގުޑި އެރުވުމަށް ތުއްތު ކުދިން އުޅޭތަން ފެނުމުންވެސް ގެނުވަނީ އުފާވެރިކަމެވެ. އެ ލޯބި ހިނިތުންވުންތަކާއި މައުސޫމު މޫނުތަކުން ފެންނަ ހިތްހަމަޖެހުމުން އަހަރުމެންނަށްވެސް ހަމަޖެހުން ލިއްބައިދެއެވެ.
މި ނޫނަސް އެތައް ކަމެއް ރޯދަ ކުރުކުރަން އެކި މީހުން ކުރެއެވެ. ވާހަކަ ފޮތްތައް ކިޔާލުމަށް ރައްޓެހިންނާއެކީ ހިތްގައިމު ސަރަހައްދުތަކަށް ދިއުމާއި، ގޭމުތައް ކުޅުންފަދަ ކަންކަމެވެ. ރޯދަ ކުރުކުރަން މިފަދަ ކަންކަން ކުރުމަށް ވަގުތު ހޭދަކުރިކަމުގައި ވިޔަސް، އަޅުކަންތަކަށްވެސް ބަރާބަރަށް ސަމާލުކަންދޭންވާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން