ފަލަޞްޠީނުގެ ޙާލަތަށް މިއަދު މުޅި ދުނިޔޭގެ ލޯ ހުޅުވިއްޖެއެވެ. ޒަމާނުއްސުރެ އިސްރާއިލުން ދައްކަމުންދިޔަ ހަޤީޤަތެއް ނެތް 'ނެރޭޓިވް' މިއަދު ބާޠިލު ވެއްޖެއެވެ. ހަޤީޤަތުގައި އަނިޔާވެރިންނަކީ އެމީހުންކަން މިއަދު ހުޅަނގުގެ އެތައް ބަޔަކުވެސް ޤަބޫލުކުރެއެވެ. އެހެންކަމުން ގިނަ ބަޔަކު ދަނީ، ފަލަޞްޠީނުގެ ޙައްޤުގައި އިޖުތިހާދުކޮށް، އެއްވުންތައް ބާއްވާ، މުޒާހަރާ ކުރުމުގެ އިތުރުން ފަލަޞްޠީނަށްޓަކައި އަޑު އުފުލަމުންނެވެ. އެމެރިކާގެ ފަރާތުން އިސްރާއީލަށް ފޯރުކޮށްދޭ އެހީތައް، ހަރުކަށި އިބާރާތުން ކުއްވެރި ކުރަމުންނެވެ. އެފަދައިން އަޑުއުފުލަމުންދާ އެއްބަޔަކީ 'ޕަލެސްތައިން އެކްޝަން' ދަރިވަރުންނެވެ. އެެއީ ފަލަޞްޠީނުގެ ހައްޤުގައި މަސައްކަތްކުރާ ދަރިވަރުންތަކެކެވެ.
ފަލަޞްޠީނުގެ ޙައްޤުގައި މަސައްކަތްކުރާ ދަރިވަރުންވަނީ ކޭމްބްރިޖް ޔުނިވަރސިޓީގެ އެންޑޯމަންޓް ފަންޑް އޮފީސްތަކަށް އަމާޒުކޮށް އިޖުތިހާދު ކޮށްފައެވެ. ދަރިވަރުން ކޭމްބްރިޖް ޔުނިވަރސިޓީއަށް ގޮވާލާފައިވަނީ، ފަލަޞްޠީނުގެ ރައްޔިތުން ޤަތުލުކުރުމަށް އިސްރާއީލަށް އެހީތެރިވެ ވާގިވެރިވާ ކުންފުނިތަކަށް އިންވެސްޓު ކުރުން ހުއްޓާލުމަށެވެ. ރަތްކުލައިން އެތަން ދައްކާލުމުން އަންގައިދެނީ، އެމީހުންގެ އެހީތެރިކަން އިސްރާއީލަށް ލިބޭނަމަ، އެމީހުންގެ އަތްތަކުގައިވެސް ފަލަޞްޠީނުގެ ބިމަށް އޮހޮރޭ ލޭތައް ވާނެކަމެވެ. އެ ޤަތުލުޢާއްމުގައި އެމީހުންނަށްވެސް ބައިވެރިވެވޭކަމެވެ. އޭގައި އެމީހުންގެ ހިއްސާވެސް ވާކަމެވެ.
މި ޙަރަކާތް ފެށިފައިވަނީ، ފަލަސްތީނުގެ ޙައްޤުގައި ކުރެވޭ އިޙްތިޖާޖުތައް ހުއްޓުވުމަށްޓަކައި ޤާނޫނީ ފިޔަވަޅެއް އެޅުމަށް ޔުނިވަރސިޓީން މަސައްކަތްކޮށް، ނާކާމިޔާބު ވެފައި ވަނިކޮށެވެ. ގޮންޖެހުންތަކާއި ފިއްތުންތައް ކުރިމަތިވިޔަސް، ފަލަޞްޠީނުގެ ޙައްޤުޤައި އަޑުއުފުލުމަށް އެކުދިން އަދިވެސް ތިބީ ސާބިތުވެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން