އަތޮޅުތެރޭގެ މީހުން ހަލަބޮލި މާލޭގައި ކުލި ދައްކަމުން ދިރިއުޅުން ކަޑައްތުކުރަނީކީ ކޮންމެހެން މާލޭގައި އުޅޭހިތުންނެއް ނޫނެވެ. އަތޮޅުތެރެއަށް އުފަން ކޮންމެ މީހަކު މާލެއަށް އަންނަނީ ކެރިއާއެއް ފެށުމުގެ ނިޔަތުގައެވެ. އަމިއްލަ ރަށުން ލިބޭ ވަޒީފާގެ ފުރުސަތުތައް ނުވަތަ އޭރުގައި އޮތް ތައުލީމީ ފުރުސަތުތައް ކުޑަވުމުން ގިނަ މީހުން ވެރިރަށް މާލެއަށް ދިރިއުޅުން ބަދަލުކުރެއެވެ. އދ. މަހިބަދޫއަށް އުފަން ޝަބާނާ އާދަމްވެސް ފުރާވަރުގައި ދޮންތައާއިއެކު މާލެއަށް ދިރިއުޅުން ބަދަލުކުރީ ތައުލީމާއި އާމްދަނީ ހޯދުމުގެ ފޮނި އުންމީދުތަކާއިއެކީއެވެ. އެ އުންމީދުތަކުގައި ކުލަ ޖައްސަން އޭނާ އެންމެ ފުރަތަމަ ވަނީ ދައުލަތުގެ ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށެވެ. 

ޝަބާނާ ދައްކާލީ އަންހެނުންވެސް ފަހަތަށް ނުޖެހޭނެކަން

ޝަބާނާއަކީ އެސްޓީއޯގައި މަސައްކަތްކުރާ ހީވާގި މުވައްޒަފެކޭ ބުނުމަކުން ނުފުދެއެެވެ. ޝަބާނާއަކީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޑެލިވަރީ ބައިގައި ފައިތިލަ ޖައްސާލި ފުރަތަމަ އަންހެންމީހާއެވެ. 1 އޭޕްރީލް 1998 އިން ފެށިގެން އެސްޓީއޯ ޕީޕަލްސް ސުޕަމާކެޓްގައި މަސައްކަތްކުރަމުންގެންދިޔަ ޝަބާނާ، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޑެލިވަރީ ބަޔަށް ބަދަލުވުމާއެކު، އެސްޓީއޯގައި މަސައްކަތްކުރާ އަންހެނުންނަށް އައު ބާބެއް ހުޅުވިގެންދިޔައެވެ. "ތީރު" އަށް މައުލޫމާތުދެމުން އުމުރުން 47 އަހަރުގެ ޝަބާނާ ކިޔާދިންގޮތުގައި އޭނާ އެސްޓީއޯ ސުޕަމާކެޓްގައި މަސައްކަތްކުރަމުންދަނިކޮށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަށް ބަދަލުވީ ދަރިއެއް ލިބުމާއެކު، ސުޕަމާކެޓްގެ ޝިފްޓް ޑިއުޓީގައި އުޅެން އުނދަގޫވެގެން ކަމަށެވެ. އޭރު ޝަބާނާ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ކައުންޓަރުގައި މަސައްކަތްކުރިޔަސް މިއަދު އޭނާއަކީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ސޭލްސް ކޯޑިނޭޓާއެވެ. އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޑެލިވަރީގެ މަސައްކަތްތައް ގާތުން ބެލުމަކީ ޝަބާނާ ދެމުންގެންދާ މުހިންމު ހިދުމަތެވެ. މިހާރު އެމަސައްކަތަށް 4 އަހަރު ވާނެއެވެ. އެސްޓީއޯގެ ގިނަ މުވައްޒަފުން ފަހުރުވެރިކަމާއެކު ފާހަގަކުރާ ގޮތުގައި ޝަބާނާއަކީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޑެލިވަރީ ބައިގައި ފިޔަވަޅު ޖައްސާލި ފުރަތަމަ އަންހެން މުވައްޒަފެވެ. ޝަބާނާ ހުޅުވާލި އެ ސަފްހާއާއިއެކު މިހާރު އޭނާއަކީ އެސްޓީއޯ ކޮންސްޓަރްކްޝަން ސޮލިއުޝަންސްގައި މަސައްކަތްކުރާ ހަމައެކަނި އަންހެން މުވައްޒަފެއް ނޫނެވެ.

 

އަލަށް އެހެން އަންހެންކުދިން ވަތްއިރު ކުޑަކޮށް ޖެހިލުންވި ކޮންސްޓްރަކްޝަން ދާއިރާވީމަ، ފޫހިވެސް ވާނެ. އެކަމަކު އަޅުގަނޑު ބުނިން ކޮންސްޓްރަކްޝަންއެކޭ ބުންޏަސް މިއީކީ ހުސް ފިރިހެނުންނަށް ހާއްސަ މަސައްކަތެއް ނޫންކަން. އަންހެނުންކުދިންނަށްވެސް ވާނެކަމަށް ހިތްވަރުދިނިން. މިހާރު އެސްޓީއޯ ކޮންސްޓްރަކްޝަންގެ އަންހެން މުވައްޒަފުން މިތާނގައި އުޅެނީ ވަރަށް ހިތްހަމަޖެހިގެން

އެސްޓީއޯ، ފަނޑުވުމެއް ނެތް އެއްބާރުލުން

 ހަމައެކަނި ފިރިހެނުން ވަޒީފާ އަދާކުރާ ދާއިރާއެއްގެ ގޮތުގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އޮތް އޮތުން ބަދަލުކޮށްދިނީތީ ޝަބާނާ ވަނީ އެސްޓީއޯއަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކޮށްފައެވެ.

އޭނާއަށް އަބަދުވެސް މެނޭޖްމެންޓުން ދިން ހިތްވަރާއި އެއްބާރުލެއްވުންވެސް މި ފުރުސަތުގައި ފާހަގަކުރިއެވެ. އަދި އޭނާއާއި އެއްކޮށް މަސައްކަތް ކުރާ ޓީމަށްވެސް އައްސަރިބަހާއި ސާބަސް ރައްދުކޮށްދީފައި ވެއެވެ. އެގޮތުން، ބައެއްފަހަރު ޑެލިވަރީ މަސައްކަތުގައި ކުދިކުދި ގޮންޖެހުންތައް ދިމާވިޔަސް، ޑެލިވަރީ ޓީމުން އެކަން ވަރަށް ޕްރޮފެޝަނަލް މިންގަނޑަކުން ހައްލުކުރާކަން ޝަބާނާގެ ވާހަކައިގައި ފާހަގަކޮށްފައި ވެއެވެ. 

"މާލޭގެ މަގުތައް ހުންނަގޮތުން ވަގުތުން ޑެލިވަރީކުރުމުގައި ގޮންޖެހުން އުފެދޭ. އެކަމަކު ކަސްޓަމަރުންނާއި ވާހަކަދައްކައިގެން ވަރަށް އޮމާންކޮށް މަސައްކަތް ހިނގާ. ކޮންމެ ކަމެއްގައިވެސް ވަރަށް ރަނގަޅަށް ކަސްޓަމަރުންނާއި މުއާމަލާތްކުރަން. އޯގާތެރިކަމާއިއެކީ މުއާމަލާތްކުރުމުން ކަސްޓަމަރުންގެ އިތުބާރު އަޅުގަނޑުމެންނަށް ލިބޭ " ހައްލުނުކުރެވޭ އެއްވެސް މައްސަލައެއް މިހާތަނަށް ދިމާވެފައިނުވާ ކަމަށް ޝަބާނާ ބުނެފައި ވެއެވެ. 

ޝަބާނާ ބުނީ އޭނާގެ މި މަސައްކަތް ކުރިއަށްގެންދަނީ ސުޕަވައިޒަރުންގެ އިރުޝާދު ކަނުލާ އަޑުއަހައިގެން ކަމަށެވެ. 26 އަހަރުގެ މި ދިގު ދަތުރުގައި ޝަބާނާއަށް އެސްޓީއޯއިން ވަނީ އެކި ތަމްރީންތައް ދީފައެވެ. ޝަބާނާ މިހާރު ބޭނުންވަނީ އޭނާގެ މަސައްކަތުގެ ދާއިރާއިން ތައުލީމެއް ހާސިލުކުރާށެވެ. ޝަބާނާ ބުނިގޮތުގައި އޭނާ މިހާރުވެސް ދަނީ މެނޭޖްމެންޓާއިއެކު އެކަމުގެ މަޝްވަރާތައް ކުރަމުންނެވެ. 

ޝަބާނާގެ ސުޕަވައިޒަރު މުޙައްމަދު އިމާދު "ތީރު" އަށް އޭނާ ސިފަކޮށްފައިވަނީ ކަސްޓަމަރުންނާއި އޭނާއާއިއެކީ މަސައްކަތްކުރާ މުވައްޒަފުންނާއި ރަނގަަޅަށް މުއާމަލާތްކުރުމުގެ އިތުރުން މަސައްކަތަށް ފަރުވާތެރިކަން ބަހައްޓާ މުވައްޒަފެއްގެ ގޮތުގައެވެ. 

"ޝަބާނާއަކީ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގައި މަސައްކަތްކުރާ އެންމެ ރަނގަޅު އެއް މުވައްޒަފު. އަމިއްލައަށް އިސްނަގައިގެން މަސައްކަތްތައް ވަރަށް ޒިންމާދާރުކަމާއި ތެދުވެރިކަމާއިއެކީ ބަލަަހައްޓާ. ޓީމްބިލްޑާއެއް. އަދި ކަސްޓަމަރުންނާއި ވާހަކަދެއްކުމުގައި ފުރިހަމަ ހުނަރު ލިބިގެންވާ ސޭލްސް ކޯޑިނޭޓާއެއް" އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ލޮޖިސްޓިކް ސުޕަވައިޒަރު ކަމުގައިވާ އިމާދު ބުނެފައި ވެއެވެ. 

އަންހެނުންގެ ކުޅަދާނަކަން

މިކިޔާދިނީ އެސްޓީއޯގައި ޝަބާނާ އަދާކުރާ ދައުރުގެ ވާހަކައެވެ. ކޮންމެ މީހަކުވެސް 8 ގަޑިއިރުގެ ވަޒީފާއެއް އަދާކުރަން ދަނީ ގޭތެރޭގެ ހުރިހާ ކަމެއް ސިކުނޑިން އެއްފަރާތްކޮށްގެންނެވެ. ނަމަވެސް އޭގެ މާނައަކީ އޭނާގެ ހުރިހާ ޒިންމާތައް ގުޅިފައިވަނީ އެސްޓީއޯއާއި އެކަންޏެއް ނޫނެވެ. ޝަބާނާ ކޮންމެދުވަހަކު ހެނދުނު 8 އިން 6 ވަންދެން ވަޒީފާއަށް ނުކުންނަނީ ގޭތެރޭގެ ޒިންމާތައްވެސް އުފުލަމުންނެވެ. އެއާއެކު، އަމިއްލަ ފައިމައްޗަށް ކޮޅަށްހުރުމުގައި ޝަބާނާ ކުރާ މަސައްކަތުގައި އޭނާގެ ފިރިމީހާގެ އެއްބާރުލުން ލިބޭކަން ޝަބާނާ ވަނީ ފާހަގަކޮށްފައެވެ. ޝަބާނާ ބުނީ އަލަށް ކުއްޖަކު ލިބުނުއިރު ދެމަފިރިން ވަޒީފާ އަދާކުރާތީ، ކުޑަކޮށް އުނދަގޫވިކަމަށެވެ. ނަމަވެސް، އޮފީހަށާއި ދަރިފުޅަށް ދޭ އަހައްމިއްޔަތުކަން ބެލެންސްކުރުމުގައި ޝަބާނާ ފަހަތަށް ނުޖެހުނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ޒާތީ ދިރިއުޅުމާއި އޮފީސް މާހައުލަށް އެއްވަރަކަށް ވަގުތު ދިނުމަކީ ދިވެހި އަންހެނުންނަށް މިއަދު ފުއްޓައްކެއް ޖަހާލުން ފަދަ ކަމެކެވެ. ދުވަސްތައް ފަހަނައަޅަމުންދިއުމާއިއެކު މިހާރު އޭނާގެ ފިރިހެން ދަރިފުޅަށް 16 އަހަރު ފުރިފައި ވެއެވެ.  

ޝަބާނާ އާއިލާއާއިއެކު--ފޮޓޯ: ޝަބާނާ އާދަމް

މީގެ އަހަރުތަކެއް ކުރިން ޝަބާނާ އެޅި މި ފިޔަވަޅާއިއެކު އޭނާއަކީ އަންހެނުންނަށް ހުރި ލާމަސީލު ނަމޫނާއެއްކަން ދޭހަވެ އެވެ. އޭނާގެ ވާހަކަ ނިންމާލާފައިވަނީވެސް އަންހެނުންނަކީ ކޮންމެ މަސައްކަތެއްވެސް ކުރެވޭނެ ހިންމަތު ލިބިގެންވާ ބައެއްކަން ބުނަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އަންހެނުން އެކި މަގާމުތަކުގައި ކެރިގެން މަސައްކަތްކުރާ މިންވަރު އިތުރުވުމަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ކަމެއް ކަމަށް ޝަބާނާ ބުނެފައި ވެއެވެ.