އަރިދަފުސް ރޯގާ އަކީ ބައެއް މީހުންނަށް ވަރަށް އާންމު ސިއްހީ މައްސަލައެކެވެ. ހާއްސަކޮަށް ސައިނަސްގެ މައްސަލަތައް ހުންނަ މީހުންނަށް އަރިދަފުސް ރޯގާގެ އުނދަގޫ ވަރަށްބޮޑުވެއެވެ. ހިކި ކެއްސުމަކަށް ކެއްސުމަކީވެސް ބައެއް މީހުންނަށް މިކަމުގެ ސަބަބުން ދިމައިވާ ކަމެކެވެ. އަނެއްބައި މީހުންނަށް ކިނބިހި އެޅުމާއި އެކު ނޭފަތުން ފެން އައުން ފަދަ ކަންކަން ދިމައިވެއެވެ.

އަރިދަފުސްރޯގާއަކީ އެޔަށް ސީދާ ފަރުވާއެއް އޮތް ބައްޔެއް ނޫނެވެ. ނަމަވެސް އެބަލީގެ އަލާމާތްތަކަށް ފަރުވާކުރުމަކީ އޮތްކަމެކެވެ. އެގޮތުން ގޭތެރޭގައިވެސް ކުރެވިދާނެ ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.

.ގިނަގިނައިން ފެންބުއިން:

އަރިދަފުސްރޯގާ އަކީ އޭގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުކުރުވާ ބައްޔެކެވެ. ހާއްސަކޮށް ނޭފަތުން ފެންފައިބާނަމަ މިކަން އިތުރުވެގެން ދެއެވެ. އެހެންކަމުން ހަށިގަނޑުން ބޭރުވާ ފެނުގެ ބަދަލަށް ހަށިގަނޑަށް ފެން ބޭނުންވާނެއެވެ. އެގޮތުން ގިނަ ގިނައިން ފެން ބުއިމުން، ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން ދިމައިވެދާނެ އެންމެހާ ނުރައްކަލުން ސަލާމަތްވެވޭނެއެވެ. މީގެ އިތުރުން ފެންގިނައިން ބޮނީނަމަ ހަށިގަނޑުގެ ލޭ ދައުރުން ރަނގަޅުވެ ގުނަވަންތަކުގެ މަސައްކަތް އިތުރުވުމަށް އެހީވެދެއެވެ.

.އަރާމު ކުރުން:

އިންސާނާގެ ހަށިގަނޑު ހިނގާގޮތުގެ މި ނިޒާމު ތަރުތީބުވެފައިވަނީ އަރާމުކުރުންވެސް ހަށިގަނޑަށް ބޭނުންވާނެ ގޮތަކަށެވެ. އެގޮތުން އަރިދަފުސް ރޯގާގެ ފަރުވާއެއްގެ ގޮތުންވެސް އަރާމުކުރުން ހިމެނެއެވެ. އެހެނީ ހަށިގަނޑުގެ ގުނަވަންތަކަށް އަރާމުކުރުމަށް ވަގުތު ދިނުމެވެ. ނަތީގާއަކީ އެގުނަވަންތަކުގެ މަސައްކަތް ހަރުދަނާވެ ހަށިގަނޑުގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަވުމެވެ.

.ކަރު ދޮއުން:

ތާފަނާ ފެނުން ކަރު ދޮއުމަކީ ކަރާއި އަނގަތެރޭގައި އަށަގަނެފައި ހުންނަ ޖަރާސީމުތަށް ނެތިކޮށްލަން އެހީވެދޭ ކަމެކެވެ. އަދި މީގެ އިތުރުން މިގޮތަށް ތާފަނާ ފެނުން އަނގަދޮންނައިރު އޭގެ ތެރެއަށް ކުޑަ ލޮނުކޮޅެއް އަޅާލާނަމަ އޭގެ ބާރުގަދަވެގެންދެއެވެ. ބައެއް ފަހަރު މޫދުލޮނުވެސް މިގޮތަށް ތާފަނާ ކޮށްގެން ކަރުދޮވުމަށް ބޭނުން ކުރެވިދާނެއެވެ.

.އާވި އެރުވުން:

އާވި އެރުވުމަކީ އަރުތެރޭގައި ހުންނަ އަރިދަފުސްތައް ބޭރުވުމަށް އެހީވެދޭނެ ކަމެކެވެ. މިގޮތައް އަރިދަފުސްތައް ބޭރުކުރެވޭނަމަ ނޭވާހޮޅި ސާފުވެ ނޭވައިލާން ފަސޭހަވާނެއެވެ. އަދި އަރުތެރޭގެ ހިރުވުން ކުޑަވާނެއެވެ. އާވި އަރުވާއިރު ހަމައެކަނި ހޫނު ފެނުންވެސް އާވި އެރުވިދާނެއެވެ. ނުވަތަ ފެނުގެ ތެރެއަށް ބާމު ނުވަތަ ކޯރާޑި ތެޔޮފޮދެއް ފަދަ އެއްޗެއް ބޭނުންކުރެވިދާނެއެވެ.

.ތާފަނާ ފެން ބުއިން:

ތާފަނާ ފެން ބުއިމަކީ އާވި އެރުވުންފަދަ ކަމެކެވެ. އާވި އެރުވުމުން އަރުތެރެއަށް އަންނަ ބަދަލު ތާފަނާ ފެން ބުއިންމުންވެސް އަންނާނެއެވެ.

.އިނގުރު ސައި:

އިނގުރު ސަޔަކީ އޭގައި އެތަކެއް ރަހައެއް މަސްހުނިވެފައިވާ ސައެކެވެ. އެގޮތުން އިންގުރު، ލުނބޯ، މާމުއި އަދި ސައިފަތް ހިމެނެއެވެ. މި ހުރިހާ ރަހަތަކީ އޭގައި "އެންޓި ހިސްޓަމައިން" ގެ މާއްދާތަކެއް އެކުލެވިގެންވާ ރަހަތަކެކެވެ. މި މާއްދާއަކީ އަރުތެރޭގެ ހިރުވުމާއި އަރިދަފުސް ސާފުކޮއްދިނުމަށް އެހީވެދޭ މާއްދާއެކެވެ. އެހެންކަމުން މި ރަހަތައް މަސްހުނިވެފައިވާ ސައިފޮދެއް ނުވަތަ ފެންފޮދެއް ބޯލެވިދާނެއެވެ. މިގޮތަށް ބޯލާއިރު ތާފަނާކަމުގައި ބޯލުމުން މީގެ ރާހަތް ކުރާލެއް ބޮޑުވެއެވެ.