މި ދުވަސްވަރު ދެކެވެނީ ކޮންމެވެސް ތަށި ސެޓެއްގެ ވާހަކައެވެ. އެވޮން ފިހާރައިން ރާއްޖޭގެ އެކިއެކި 'އިންފްލުއެންސަރުންނަށް' ނުވަތަ މީސްމީޑިއާގައި ނުފޫޒުގަދަ ބައެއް މީހުންނަށް ތަށި ސެޓް ހަދިޔާކުރާތީ އެވާހަކައެވެ. ތަށި ސެޓް ނުލިބިގެން އާންމުން ކުރާ ޝަކުވާތަކުގެ ވާހަކައެވެ. ބައެއް މީހުން މީސްމީޑިއާގައި، ތިމާއަކީ އިންފްލުއެންސަރަކަށް ނުވާތީ އެއްވެސް ހަދިޔާއެއް ނުލިބެނީކަމަށްބުނެ ޝަކުވާތައް ބަންޑުންކޮށްލާފައިވެސް އެބަ ހުއްޓެވެ.

އެވޮން ފިހާރައިގެ ތަށި ސެޓް ވާހަކަ އިހަށް ބާއްވާށެވެ. މީސްމީޑިއާގައި އިންފްލުއެންސަރަކަށް ނުވަތަ ނުފޫޒުގަދަ މީހަކަށް ވާން ހަދަން ޖެހޭނީ ކިހިނެއް ހެއްޔެވެ؟

ފުރަތަމަ އިންފްލުއެންސަރުންނަކީ ކޮބާ ހެއްޔެވެ؟ އެއީ ހަމަ ވީޑިއޯއެއް ހަދާފައި ޓިކްޓޮކަށް ނުވަތަ އެހެންވެސް މަންސައަކަށް ދޫކޮށްލާ މީހުންނެއް ނޫނެވެ. އަދި ބޭކާރު ޒުވާބުކޮށް މުޖުތަމަޢުއާއި ނުގުޅޭ ވާހަކަ ދައްކާ ލައިވްތަކުގައި އޮރިޔާންވުމެއްވެސް ނޫނެވެ. މިބުނާ މީހުންނަކީ، ކޮންޓެންޓް ކްރިއޭޓާސް އެވެ. ބިނާކުރަނިވި ގޮތަކަށް އެމީހުންގެ ކޮންމެ ކޮންޓެންޓެއްވެސް އާންމުންނަށް ދޫކޮށްލާ ފަރާތްތަކެވެ. 

އިންފްލުއެންސަރަކަށް ވުމަށް، ތިމާގެ ހުނަރު ނުވަތަ ލިބިފައިވާ ހާއްސަ ކަމެއް ދެނެގަންނަން ޖެހެއެވެ. ބައެއް މީހުންނަކީ ވަރަށް މޮޅަށް ވާހަކަ ދައްކާ މީހުންނެވެ. އެކްޓު ކުރާ މީހުންނެވެ. އުފެއްދުންތައް އުފައްދާ މީހުންނެވެ. ކުރަހާ މީހުންނެވެ. ކަސްރަތުކުރާ މީހުންނެވެ. މިހެންގޮސް ކޮންމެވެސް ހުނަރަކުން އެހެން މީހުން 'އިންސްޕަޔަރ' ވާނެކަހަލަ ހުނަރެއް ލިބިފައިވާ މީހުންނެވެ. އެހެންކަމުން، މި ދެންނެވިގޮތަށް ޓިކްޓޮކަށް ކޮންޓެންޓް ހަދަން ވިސްނާއިރު، ތިމާ ވަކި ކަމަކަށް ހާއްސަވުމަކީ ވަރަށް މުހިންމުކަމެކެވެ.

ދެވަނަ ކަމަކީ، ތިމާ ދޫކޮށްލާ ވީޑިއޯ ނުވަތަ ކޮންޓެންޓް އަމާޒުކުރަނީ ކޮން ބަޔަކަށްކަން ދެނެގަތުމެވެ. މިކަން ކުރެވޭނީ މިކަމަށް ދިރާސާކޮށްގެންނެވެ. މިސާލަކަށް ފެޝަނަށް ލޯބިކުރާ މީހުންގެ މުޖުތަމަޢުއަކަށް ގުޅޭނީ ފެޝަނާ ގުޅޭ ވީޑިއޯ ނުވަތަ ކޮންޓެންޓްތަކެވެ. މިގޮތުން ކޮންޓެންޓްތައް އަމާޒުކުރަން ބޭނުންވާ މީހުންގެ ބޭނުންތައް ދެނެގަނެ، އެމީހުން ގަޔާވާ ކަންކަން ބަލައި އެކަމަށް ތިމާގެ ކޮންޓެންޓްތައް ހެދީމާ، ގިނަ މީހުން ވީޑިއޯތައް ބަލާނެއެވެ.

އެކަމަށް އެންމެ އެކަށީގެންވާ މަންސައެއް ދެނެގަތުމަކީވެސް ވަރަށް މުހިންމުކަމެކެވެ. އާންމުކޮށް ދިވެހިން ބޭނުންކުރަނީ އިންސްޓަގްރާމް، ޓިކްޓޮކް، ފޭސްބުކް އެވެ. އިންސްޓަގްރާމްއާއި ޓިކްޓޮކަކީ، ބޮޑަށް ވައްޓަފާޅިއާއި ފެޝަނާއި، މުނިފޫހިފިލުވުމަށް ހާއްސަ މަންސަތަކެވެ. ޓިކްޓޮކަށް މާދިގު ވީޑިއޯ ލުމަކީ ގިނަ މީހުން ފޫހިވާކަމަކަށް ވެދާނެއެވެ. އާދައިގެ ފޮޓޯ އަދި ވީޑިއޯ ލުމުގެ ބަދަލުގައި ރަނގަޅު ފެންވަރުގެ ކޮންޓެންޓް ހެދުމަކީވެސް މުހިންމުކަމެކެވެ. އަދި ދަމަކުން ބަޑިއެއް ޖަހާހެން ކޮންޓެންޓްލުމުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތެއްގައި ކައިރިކައިރީގައި ކޮންޓެންޓްލުމަށްވެސް ސަމާލުކަން ދޭންޖެހޭނެއެވެ. އެހެން ނޫންނަމަ، ތިމާގެ ފޮލޯވަރުންތައް ތިމާ މަތިން ފޫހިވެގެން ހިނގައިދާނެއެވެ. މީގެ އިތުރުން ފޮލޯވަރުންގެ ހިތްތައް އަތުލުމަށްޓަކައި، އެ ފޮލޯވަރުން ކުރާ ކޮމެންޓްތަކަށް ރައްދު ދިނުމަކީވެސް މުހިންމުކަމެކެވެ. އަދި މަޝްހޫރު ވިޔަފާރިތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް މަސައްކަތްކުރާށެވެ.

ތިޔައިގެ ތެރެއިން ކޮންމެ މީހަކަށްވެސް އިންފްލުއެންސަރަކަށް ވެވިދާނެއެވެ. އަދި އެވޮން ނޫނަސް، އެހެން ވިޔަފާރިތަކުން އެ ބަހާ އެކި ޒާތްޒާތުގެ ހަދިޔާތައްވެސް ލިބިދާނެއެވެ.