ފާއިތުވި އަހަރުތަކުގައި، ދިވެހިރާއްޖޭގެ ގިނަ ފިހާރަތަކާއި އޮންލައިން ވިޔަފާރިވެރިން އެމީހުންގެ މުދަލުގެ އަގު ނުޖަހާ ވިއްކަން އިސްތިހާރުކުރާކަން ފާހަގަވެއެވެ. ފިހާރަތަކަށް ވަންނަ ކަސްޓަމަރުންނަށް ގިނަފަހަރު ފެންނަނީ އަގު ޓެގް ނެތް މުދާތަކެވެ. އަދި އޮންލައިންކޮށް ޝޮޕިންގ ކުރާ މީހުންނަށް ގިނަފަހަރަށް ކުރިމަތިވަނީ "އަގު އެނގެން ބޭނުންނަމަ މެސެޖް ކުރޭ" މިފަދަ މެސެޖުތަކެވެ. މިކަމުން އުފެދޭ ކަންބޮޑުވުންތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ކަސްޓަމަރުންނަށް ލިބޭ އުނދަގޫތަކާއި، ވިޔަފާރީގެ އުސޫލުތަކާއި މިންގަނޑުތަކާ ގުޅޭ މައްސަލަތައް ހިމެނެއެވެ.

އަގު ހާމަނުކުރުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ އޭގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވާ އުނދަގޫތަކެވެ. ފިހާރަތަކުންނާއި އޮންލައިންކޮށް ޝޮޕިންގ ކުރާ މީހުންނަށް، އަގު ކުރިން އެނގުމަކީ ނިންމުންތައް ނިންމުމަށް ފަސޭހަވާނެ ކަމެކެވެ. އޭގެ ބަދަލުގައި، ކަސްޓަމަރުން މަޖުބޫރުވަނީ ތަކުރާރުކޮށް އަގު އަހަންޖެހުމަށެވެ. މިއީ ވަގުތު ނަގާ، އަދި ބައެއް ޙާލަތްތަކުގައި އުނދަގޫވާ ކަމެކެވެ. ތަކެތި ގަންނަ ބައެއް މީހުންނަކީ  ގަންނަން ބޭނުންވާ މުދަލުގެ އަގު އަހަން ޖެހިލުންވެ، އަގު ނާހައި ދޫކޮށްލައިމީހުންނެވެ. މި ހާމަކަން ކުޑަ ކަމުގެ ސަބަބުން އަގު ތަފާތުކުރުމަށްވެސް މަގުފަހިވެއެވެ.

އިންލައިންކޮށް ތަކެތި ވިއްކާ ފަރާތްތަކުން އަގު ހާމަނުކޮށް ހުންނަ ޕޯސްޓްތަކަށް ގިނަމީހުން ކޮމެންޓް ކޮށްފައި ހުންނަނީ ވިއްކާ މުދަލަށްވުރެން ބޮޑަށް އަގުނެތުމުން އެކަމާއި ފާޑުކިއާފައެވެ.

ގިނަ ޤައުމުތަކުގައި އަގު ހާމަކުރުމާ ގުޅޭގޮތުން ހަރުކަށި ގަވާއިދުތަކެއް ހުރެއެވެ. މިސާލަކަށް، ޔޫރަޕިއަން ޔޫނިއަންގައާއި އެމެރިކާގައި، ވިޔަފާރިތަކުން އަގުތައް ސާފުކޮށް ދައްކުވައިދިނުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެކެވެ. ހަމައެހެންމެ، އިންޑިއާގައި، ކޮންމެ ވިއްކާ މުދަލެއްގައި އެންމެ މަތީ ވިއްކޭނެ އަގު (އެމް.އާރު.ޕީ) ޖަހާފައި އޮންނަން ޖެހެއެވެ. މިއީ އަގު ބޮޑުކޮށް ވިއްކުން ހުއްޓުވުމަށްޓަކައެވެ. މި ގަވާއިދުތަކުން ކަސްޓަމަރުން ރައްކާތެރިކުރެވެނީ ހަމަހަމަ ނޫން އަގު ކިޔުމުގެ އާދަތަކުންނެވެ. އަދި މިކަމުނެ ވިޔަފާރިކުރުމުގެ ތަޖުރިބާ އިތުރަށް ހަރުދަނާވެ، އިތުބާރު ބޮޑުވެއެވެ.

އަގު ސިއްރުކުރާ ވިޔަފާރިވެރިން އާންމުކޮށް ދައްކާ އެއް ވާހަކައަކީ އެމީހުން ބޭނުންވަނީ ކަސްޓަމަރުން ސީދާ އެމީހުންނާ މުޢާމަލާތް ކުރުމަށް ކަމަށެވެ. މިގޮތުން އަގަށް ވާހަކަދެއްކުމަށް ނުވަތަ ވަކި ކަސްޓަމަރަކަށް ޚާއްޞަ އަގެއް ހުށަހެޅުމަށް ފުރުޞަތު ލިބޭ ކަމަށް އެމީހުން ބުނެއެވެ. ނަމަވެސް، މި އާދަ ގިނަފަހަރު ނުބައިކޮށް ނިމެއެވެ. އެއީ މިކަމުން ކަސްޓަމަރުންގެ މެދުގައި އިތުބާރު ގެއްލޭތީއެވެ. އަދި މީގެ އިތުރުން، އަގުތައް ސާފުކޮށް ދައްކުވައިދޭ ވިޔަފާރިތަކަށް މީހުން ޝައުގުވެރިވާލެއް މީބޮޑެވެ.

ދިވެހިރާއްޖޭގައި ޝޮޕިންގ ތަޖުރިބާ ރަނގަޅުކުރުމަށްޓަކައި، ތަކެތީގެ އަގު ރަނގަޅަށް ޖެހުމަކީ މުހިންމުކަމެކެވެ. ހާމަކަން ބޮޑުވުމަކީ އެންމެންނަށް ފައިދާހުރި ކަމެކެވެ: ކަސްޓަމަރުންނަށް އިތުބާރާއެކު ޝޮޕިންގ ކުރެވޭނެއެވެ. އަދި ވިޔަފާރިތަކަށް އިތުބާރާއި ވަފާތެރިކަން އުފެއްދޭނެއެވެ.