ރަމަޟާން މަހަކީ މުސްލިމުންގެ ހިތްތަކުގައި ޚާއްޞަ މަޤާމެއް ލިބިފައިވާ މަހެކެވެ. މިއީ އަޅުކަމާ ތަޤުވާގެ މައްސަރެކެވެ. މިއީ ބަރަކާތާ ރަޙްމަތުގެ މައްސަރެކެވެ. އުޚުރަވީ ހަޔާތަށް އެތައް އުންމީދެއްކުރާ މައްސަރެކެވެ. ނަމަވެސް މި މަހުގައި ގިނަ ބަޔަކު އުއްމީދު ކުރާ ދުނިޔެވީ އެތައް ކަމެއް ވެސް ވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ބަރުދަން ލުއިވުމެވެ. ނަމަވެސް، ގިނަ ފަހަރަށް މީހުން ހައިރާންވަނީ ރޯދަ ހިފުމުން ބަރުދަން ލުއި ނުވާތީއެވެ. މިއީ ގިނަބަޔަކު ޝަކުވާވެސް ކުރާ ކަމެކެވެ.

ކަންމިހެން ހުރިނަމަވެސް، ރޯދަ ހިފުމުގެ މައިގަނޑު މަޤްޞަދަކީ ބަރުދަން ލުއިކުރުމެއް ނޫންކަން ހަނދާންކުރަންވާނެއެވެ. ރޯދައިގެ މަޤްޞަދަކީ ތަޤްވާވެރިވުމާއި ނަފްސު ޠާހިރުކުރުމެވެ. އެހެންކަމުން، ބަރުދަން ލުއިވުމަށް އެކަނި އަމާޒުކޮށްގެން ރޯދަ ހިފުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

ދިވެހިންގެ ތެރޭގައި ގިނަ މީހުން ރޯދަ ވީއްލުމުގައި ހައްދުފަހަނައަޅައި ދެއެވެ. ރޯދަ ވީއްލާއިރު ގިނަ އަދަދަކަށް ކާނާ ކެއުމާއި، ތާޒާ މޭވާއާއި ތަރުކާރީ މަދުން ކެވުމާއި، ތެލާއި ފޮނި ގިނަ އަދަދަކަށް ބޭނުން ކުރެވުމާއި ކާބޯހައިޑްރޭޓްސް އާއި ކެލަރީސް ގިނަ އަދަދަކަށް އެކުލެވޭ ކާނާ ބޭނުން ކުރެވުމަކީ ރޯދަ މަހުގެ އާދައެކެވެ. ހާއްސަކޮށް ގޮދަން ފުށުގައި ތައްޔާރުކުރާ ތެލުލި ހެދިކާތަކަކީ ބަރުދަން ލުއިވުމަށް ހުރި ބޮޑު ގޮންޖެހުމެކެވެ.

ރަމަޟާން މަހަކީ އެމަހެއްގައި ހަރަކާތްތެރިކަން މަދު މަހެކެވެ. ގިނަ ބަޔަކު ދުވާލު ނިދުމާއި، މަސައްކަތް މަދުކުރުމާއި، ކަސްރަތު ނުކުރުން ފަދަ ކަންތައްތަކުގެ ސަބަބުން ހަށިގަނޑުގައި އަނދާ ކެލަރީސްގެ މިންވަރު މަދުވެ ބަރުދަން ލުއިވާން އުނދަގޫވެއެވެ. މިއީ ވެސް ބަރުދަން ލުއި ނުވުމަށް ދިމާވާ ސަބަބެކެވެ.

ރަމަޟާން މަހުގައި ގިނަ ބަޔަކު ފެން ބުއިން މަދުކުރެއެވެ. ގަސްތަކާ ނުލާ ނަމަވެސް ގިނަ މީހުންނަށް ރަމަޟާންމަހުގައި ފެން ބޮވޭ މިންވަރު ބޮޑުތަނުން މަދުވެއެވެ. މިކަމުގެ ސަބަބުންވެސް ބަރުދަން ލުއިނުވެ ހުރެދާނެއެވެ.

ބައެއް މީހުންގެ ހަށިގަނޑު ރޯދައަށް ހޭނުމަށް ވަގުތު ނަގައެވެ. މިކަމުގެ ސަބަބުން ފުރަތަމަ ހަފްތާގައި ބަރުދަން އިތުރުވެފައި، ފަހުން ލުއިވާންވެސް ފަށާފާނެއެވެ.

ރޯދަ ހިފުމުގެ މަޤްޞަދު ހާސިލުކުރުމަށް މަސައްކަތް ކުރުމާއެކު، ޞިއްޙީ ގޮތުން ރަނގަޅު އާދަތައް އަށަގެންނެވުމަކީ މުހިންމު ކަމެކެވެ. ރޯދަ ވީއްލުމުގައި ހަމައެއް ހިފެހެއްޓުމާއި، ފެން ގިނައިން ބުއިމާއި، ކަސްރަތު ކުރުމަކީ ބަރުދަން ހިފެހެއްޓެމަށް އެހީތެރިވެދޭނެ ކަންތައްތަކެވެ. ނަމަވެސް، ހަނދާން ބަހައްޓަންވީ ކަމަކީ ރޯދައަކީ ހަމައެކަނި ހަށިގަނޑަށް ކުރާ ކަމެއް ނޫންކަމެވެ. އެއީ ރޫޙާނީ އަދި އަޚްލާޤީ ދަރަޖަ މަތިވެރި ކުރުމަށް ކުރާ އަޅުކަމެކެވެ. ބަރުދަން ލުއިކުރަން ހާރު ނުކައި، ތަރާވީހް ނަމާދު ވަގުތު ކަސްރަތުކޮށް ހެދުމަކީ މުއިއަކުން ރަނގަޅު ގޮތެއް ނޫނެވެ.