ސިއްހީ ދާއިރާއަކީ އަބަދުވެސް އައު ހޯދުންތަކާއި އައު އީޖާތުތަކުން އަބަދުވެސް ބަދަލުވެ ބަދަލުވެ އޮންނަ ދާއިރާއެކެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ އިހުގައި މާބަނޑު އަންހެނުން ވިއްސުމަށް އީޖާދު ކުރެވުނު އީޖާދަކާއި ބެހޭ ގޮތުންނެވެ. 1963 ވަނަ އަހަރު އުފެއްދުނު މި އީޖާދަކީ އަންހެނުންނަށް ފަސޭހައިން ވިހެއުމަށް އެހީތެރިވުމަށް ފަރުމާކުރެވިފައިވާ އާލާތެކެވެ. ނުވަތަ އެނދެކެވެ. ނުވަތަ މޭޒެކެވެ. ނަމަވެސް މި އީޖާދަކީ އަމަލީގޮތުން އެއްވެސް އިރަކު ބޭނުން ކުރެވުނު އީޖާދެއް ނޫނެވެ. މި އީޖާދު އޮތީ، ކޮންސެޕްޓެއް ނުވަތަ ނަޒަރިއްޔާއެއްގެ ގޮތުގައެވެ. ނަމަވެސް މި މޭޒު ފަރުމާކޮށް ވުޖޫދުކޮށްފައި ވެއެވެ.
އެންމެ ފުރަތަމަ، މާބަނޑު އަންހެނާ އުއްޑުން އޮވެ ޚާއްޞަ މޭޒަކަށް ނުވަތަ އެނދުގައި ބާއްވައިލެވެއެވެ. ވިހެއުމުގެ ވޭން ފެށުމާއެކު، މި މޭޒު ކަނޑައެޅިފައިވާ ވަކި މިންވަރެއްގެ ބާރުމިނެއްގައި ހަރަކާތްކުރަން ނުވަތަ ތެޅެން ފަށައެވެ. މިގޮތުން ސެންޓްރިފިއުގަލް ފޯސް ބޭނުންކޮށްގެން ކުއްޖާ ވިހެއުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ. މޭޒުގެ ސްޕީޑް އެންމެ މަތިވެގެން 8 ޖީ އާ ހަމައަށް އަރައެވެ. މިއީ ފައިޓަރ ޖެޓް މަތިންދާބޯޓުތަކުގައި މަތީ ސްޕީޑުގައި ދަތުރުކުރާއިރު، ޖެޓުގެ އެތެރޭގައި ތިބޭ ޕައިލެޓުންނަށް ކުރިމަތިވާ ބާރާ އެއްވަރުގެ ބާރެކެވެ. މޭޒުގެ ދައުރުވާ ސްޕީޑް ބަދަލުކުރެވެނީ މަންމަގެ ކުރިއެރުމާއި ކުއްޖާގެ ޕޮޒިޝަނަށް ބަލައިގެންނެވެ. މި ބާރުގެ ބޭނުމަކީ މަންމަގެ އަމިއްލަ މަސައްކަތަށް އިތުރު ބާރެއް ދީގެން ކުއްޖާ ނެރުމަށް ރަޙިމަށް އެހީތެރިވެދިނުމެވެ.
ހަރަކާތްކުރާ މޭޒުގެ ތިރީގައި ހަރުކުރެވިފައިވާ މަޑު ރިސެޕްޓަކަލްއެއް ނުވަތަ ދާގަނޑެއް ވެއެވެ. މިއީ ކުއްޖާ ނުކުތުމުން ރައްކާތެރިކަމާއެކު ހިފުމަށް ޚާއްޞަކުރެވިފައިވާ އެއްޗެކެވެ. ރިސެޕްޓަކަލް ފަރުމާކުރެވިފައިވަނީ އިމްޕެކްޓް އެބްޒޯބްކޮށް، އުފަންވާ ކުއްޖާ މަޑުމައިތިރިކަމާއެކު ބޭއްވުމަށެވެ. މިއީ އެއްވެސް އަނިޔާއެއް ވިޔަ ނުދިނުމަށް އެޅިފައިވާ ފިޔަވަޅެކެވެ.
މި ސިސްޓަމްގައި ރަނގަބީލެއްވެސް ހިމެނެއެވެ. މިއީ ކުއްޖާ ވިހޭ ވަގުތު އަންގައިދިނުމަށް ބޭނުންކުރެވޭ އެއްޗެކެވެ. މި ރަނގަބީލުގެ ބޭނުން ޚާއްޞަކޮށް ބޭނުންކުރެވެނީ މެޑިކަލް މުވައްޒަފުން ވަގުތީގޮތުން އެހެން ކަމަކަށް ސަމާލުކަން ދީފައިވާ ޙާލަތްތަކުގައި ކުއްޖާ ވިހޭ ސީދާ ގަޑި އޮޅި ހަނދާން ނެތިދާނެތީއެވެ. ކުއްޖާ އުފަންވުމުން، މޭޒު ހުއްޓާލެވި، މަންމަ އެ މޭޒުން ނެގޭނެއެވެ. އުފަންވާ ކުއްޖާ ވިހެއުމަށްފަހު ވަގުތުން ކުރަންޖެހޭ އާންމު މެޑިކަލް ޗެކްތަކަށް ގެންދެވެއެވެ.
މި އާލާތުގައި ނުވަތަ މޭޒުގައި މެނުއަލް އަދި އޮޓޮމެޓިކް ސްޓޮޕް ފަންކްޝަނެއް ހިމެނެއެވެ. މިއީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވަގުތުން ދައުރުވުން ހުއްޓާލުމަށް ބޭނުންކުރެވޭ އާލާތެކެވެ.
މީގެ އިތުރުން، މި ސިސްޓަމުން ދައުރުވާ އެންމެ މަތީ ސްޕީޑް ލިމިޓްކުރެވިފައިވެއެވެ. ނުވަތަ ވަކި މިންގަނޑަކަށްވުރެ މައްޗަށް ނުދާގޮތަށް ފަރުމާކުރެވިފައި ވެއެވެ. މިއީ މަންމައަށް ނުވަތަ ކުއްޖާއަށް ގެއްލުން ލިބިދާނެ މާބޮޑު ބާރުތަކެއް ކުރިމަތިވިޔަ ނުދިނުމަށް އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
މި އީޖާދީ ކޮންސެޕްޓް ތަރައްޤީކުރީ ޖޯޖް އަދި ޝާލޮޓް ބްލޮންސްކީ ނަމަކަށް ކިޔުނު ފިރިހެނަކާއި އަންހެނެކެވެ. މި އީޖާދަށް ދެވިފައިވާ ނަމަކީ ބްލޮންސްކީ ޑިވައިސް އެވެ. އެމީހުންނަކީ ދަރިއަކު ލިބުމުން މަހުރޫމުވެފައިވާ ދެމަފިރިންނެވެ. ޚާއްޞަކޮށް ފާހަގަކޮށްލެވޭ ކަމަކީ މި ދެމީހުންނަކީވެސް މެޑިކަލް ދާއިރާގެ ތަޖުރިބާއެއް ނެތް ބައެއް ކަމެވެ. ޖޯޖް ބްލޮންސްކީއަކީ މައިނިންގ އިންޖިނިއަރެކެވެ.
މި އީޖާދީ ޚިޔާލު އެމީހުންނަށް ތަޞައްވުރުވީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. އެއީ އެމީހުން ޒުލަކަށް ޒިޔާރަތްކުރިއިރު އެތަނުން ދުށް މަންޒަރަކުންނެވެ. އެމީހުން ފާހަގަކުރީ އެތާ އޮތް ޖަނަވާރެއް ވިހާއިރު އެނބުރި، ފުރޮޅެމުން ކަހަލަ ގޮތަކަށް އުޅޭތަނެވެ. މި ޢަމަލު އެމީހުންގެ ސަމާލުކަން ހޯދައި، ސެންޓްރިފިއުގަލް ފޯސް ބޭނުންކޮށްގެން އިންސާނުންގެ ވިހެއުމަށް އެހީތެރިވެދެވިދާނެކަމުގެ ޚިޔާލު އުފެދުނެވެ.
އެމެރިކާގެ ސަރުކާރުން 1965 ވަނަ އަހަރު އެމީހުންނަށް މި އީޖާދަށް ހުއްދަ ދިން ނަމަވެސް، އެމީހުންގެ އީޖާދު ހުރީ ހަމައެކަނި ނަޒަރިއްޔާތެއްގެ ގޮތުގައެވެ. އަދި އެއްވެސް މެޑިކަލް ދާއިރާއެއްގައި މި އީޖާދު ޢަމަލީގޮތުން ތަންފީޒުކުރެވިފައެއް ނުވެއެވެ. މިކަމުގެ ސަބަބުތަކަކީ ކޮބައިކަން ވިސްނާލުމުން ގިނަ ބަޔަކަށް ދޭހަވާނެއެވެ.
މި އީޖާދަކީ ޞިއްޙީ އަދި ސަލާމަތީ ގޮތުން ގިނަގުނަ ސުވާލުތަކެއް އުފެދޭ އެއްޗެކެވެ. އޭގެ ތެރޭގައި މަތީ ސްޕީޑުގައި ދައުރުވުމުގެ ސަބަބުން މަންމައަށާއި ކުއްޖާއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާއި، އާލާތުގެ މެކޭނިކަލް މައްސަލަތަކުން ކުރިމަތިވެދާނެ ނުރައްކާތައް ހިމެނެއެވެ. އަދި މިފަދަ އާލާތެއް ބޭނުންކުރުމަކީ ވިހެއުމުގެ ޠަބީއީ ސިފައަށް ހުރަސްއެޅިދާނެ ކަމެއްގެ ގޮތުގައިވެސް ބެލެވެއެވެ.
މި އީޖާދަކީ އޭގެ ޒަމާނުގައި ވަރަށް އާދަޔާ ޚިލާފު އަދި އީޖާދީ ވިސްނުމެއްގެ ނަތީޖާއެކެވެ. ނަމަވެސް، މިއަދުގެ ޒަމާނުގައި މިފަދަ އާލާތެއް ބޭނުންކުރުމަކީ ޞިއްޙީ އަދި އަޚްލާޤީ ގޮތުން ގިނަގުނަ ސުވާލުތަކެއް އުފެދޭނެ ކަމެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން