ރޯދަމަހަކީ އަޅުކަމުގެ މައްސަރެވެ. ރޯދަމަހު ލިބެނީ ރޫހާނީ ފައިދާ އެކަންޏެއް ނޫނެވެ. މިއީ މީހާގެ ހަށިގަނޑަށް ރޯދައިގެ ސަބަބުން އެކިއެކި ފައިދާތައް ލިއްބައިދޭ މައްސަރެކެވެ. ނަމަވެސް އަހަރެމެެން ދިވެހިންގެ ކެއުމުގެ އާދަކާދައިގެ ސަބަބުން މި މަހުގެ ފައިދާ އެކަށީގެންވާ މިންވަރަށް ލިބޭބާއެވެ؟ މި ލިޔުމުގައި މި ބަލާލަނީ ރޯދަވީއްލަން އެންމެ ފައިދާހުރި ގޮތްތަކާއި، އެކަމުގައި ސަމާލުވާންޖެހޭ ކަންތައްތަކަށެވެ.
އެހެން ގައުމުތަކުގައި ރޯދަވީއްލާ ގޮތަށް ބަލާއިރު، ގިނަ އިސްލާމީ ގައުމުތަކުގައި ރޯދަވީއްލަނީ ކަދުރުންނެވެ. މިއީ ކީރިތި ރަސޫލާ (ޞ.ޢ.ވ)ގެ ސުންނަތުގައިވެސް ވާރިދުވެފައިވާ ގޮތެވެ. ބައެއް އަރަބި ގައުމުތަކުގައި ރޯދަވީއްލަނީ ކަދުރާއި ކިރުންނެވެ. އިންޑޮނޭޝިއާ ފަދަ ގައުމުތަކުގައި ރޯދަވީއްލަނީ ފެނާއި ޖެލީ އަޅާފައިވާ ފްރުޓް ސެލަޑުންނެވެ. މި ގޮތްތަކަކީވެސް ހަށިގަނޑަށް ފައިދާހުރި ގޮތްތަކެކެވެ.
ރޯދަވީއްލާ ވަގުތު އިންސިއުލިންއަށް ސަމާލުވޭ
ރޯދައަށް ހުންނަ ވަގުތު ގްލޫކޯޒްގެ ބަދަލުގައި ހަށިގަނޑުން ކީޓޯން ނަމަކަށް ކިޔާ މޮލެކިއުލްއެއްގެ ބޭނުން ހިފަން ފަށާނެއެވެ. ރޯދަ ވީއްލުމަށްފަހު ހަށިގަނޑު އަލުން ގްލޫކޯޒް ބޭނުން ކުރަން ފަށާނެއެވެ. ކުއްލިއަކަށް ގްލޫކޯޒްގެ ބޭނުން ހިފާ ވަގުތު ހަކުރު ގިނައިން ބޭނުންކޮށްފިއްޔާ ހަކުރު ބަލި ނުހުންނަ މީހުންނަށްވެސް ނުރައްކާވާނެ ކަމަށް ސިއްހީ މާހިރުން ލަފާދެއެވެ. ރޯދައަށް ހުންނަ ގަޑީގައި ޝައްކެއްނެތި ހަށިގަނޑަށް އެތައް ގޮތްގޮތުން ފައިދާ ކުރާނެއެވެ. އަދި ބަރުދަން ލުއިކުރުމަށްވެސް އެހީތެރިވެދޭނެއެވެ. ނަމަވެސް ތެލާއި ހަކުރާއި ކާބޮހައިޑްރޭޓްގެ ބާވަތްތައް ގިނައިން ބޭނުންކުރުމުން ރޯދައިން ލިބުނު ފައިދާތަކުގެ އަސަރު ކުޑަވާނެއެވެ.
އިންސިއުލިންގެ މިންވަރު ކުއްލިއަކަށް މަތިވުމަކީ ނުރައްކާތެރި ކަމެކެވެ. މިކަމުން ސަލާމަތްވުމަށްޓަކައި ރޯދަވީއްލާއިރު ސްޓޭބަލް މެޓަބޮލިޒަމްއަށް މަގުފަހިކުރާ ފައިދާހުރި ކެއުންތައް އިޚްތިޔާރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކާބޯހައިޑްރޭޓް ނުވަތަ ހަކުރު ގިނަ ކާނާ ކެއުމުން ލޭގައި ގްލޫކޯޒް ހަލުވިކަމާއެކު އިތުރުވެ، ރޯދައަށް ފަހު ބްލަޑް ގްލޫކޯޒް ބެހެއްޓުމަށް ހަށިގަނޑުން ކުރާ މަސައްކަތަށް އުނދަގޫ ކުރިމަތިވާނެ އެވެ. އޭގެ ބަދަލުގައި ހަކުރާއި ސްޓާޗްގެ މިންވަރު މަދު ކާނާ ކަމަށްވާ ތަރުކާރީއާއި ލީން ޕްރޮޓީން އަދި މޭވާ ފަދަ ކާނާތައް އިހްތިޔާރުކުރުމަކީ ގްލޫކޯޒްގެ މިންވަރު މަޑުމަޑުން ބެލެންސް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
ރޯދަވީއްލާ ވަގުތު ދުރުހެލިވާންވީ ތަކެތި
ލޮނު ގިނައިން އެކުލެވޭ ތައްޔާރީ ކާނާއާއި ތެޔޮ ގިނަ ކާނާ ކެއުމުން ދުރުހެލިވުމަކީ ވެސް މުހިންމު ކަމެކެވެ. ޗިޕްސްއާއި ޕިއްޒާ ފަދަ ތަކެތި ކެއުމުން ގޭސް ހެދުމާއި ބަނޑުލުން ފަދަ ކަންކަމަށް މަގުފަހިވެއެވެ. އޭގެ ބަދަލުގައި ކުދި މިންވަރެއްގައި މިންހެޔޮ ކާނާ ޚިޔާރުކުރުމުން ހަށިގަނޑުގެ މެޓަބޮލިކް ޕްރޮސެސްތަކަށް ބުރަ ނުވެ، ހަޖަމުކުރުމުގެ މައްސަލަތަކުގެ ނުރައްކާ ކުޑަކޮށްދެއެވެ. އޭރުން ރޯދަ ވީއްލުމަށްފަހު އެވާ ވަރުބަލިކަމުން މީހާ ދުރުހެލިކޮށްދެއެވެ. އަދި ރޯދަވީއްލުމަށްފަހު ބަތާއި ރޮށި ފަދަ ކާބޯހައިޑްރޭޓްސް ބޭނުންކުރުން ފަސްކުރުންވެސް މުހިންމެވެ. އެހެންނޫނީ ބަނޑަށް އުނދަގޫވާގޮތް ވާނެއެވެ. ރޮށި ފަދަ ކާބްސް ގިނަ ކާނާގައި ހަކުރުގެ މިންވަރު ކޮންމެވެސް ވަރަކަށް ހުންނާނެކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. ހަމަ އެފަދައިން ކުޅި މަޑުކޮށް ކެއުންވެސް ބުއްދިވެރި ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ކުޅި ކާނާ ކެއުމުން މޭގަނޑަށް އުނދަގޫވުމުގެ އިތުރުން ހަޖަމްކުރުމުގެ ނިޒާމަށްވެސް ދަތިކަން ދިމާވުން އެކަށީގެންވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ލޮނު ބޭނުންކުރާ މިންވަރުވެސް ވީހާވެސް ކުޑަކުރަންޖެހެއެވެ. ރޯދަމަހު މާގިނައިން ލޮނު ބޭނުންކުރާނަމަ ރޯދައަށް ހުންނަ ވަގުތުގައި އިތުރަށް ފެން ބޮވާނެއެވެ.
ރޯދަވީއްލުމުގައި ކެއުމުގެ މިންވަރަށްވެސް ސަމާލުވާންޖެހެއެވެ. ގިނަ މީހުން ރޯދަވީއްލާއިރު ވަރަށް ގިނައިން ކައެވެ. ނަމަވެސް، މިއީ ހަށިގަނޑަށް ގެއްލުން ލިބިދާނެ ކަމެކެވެ. ރޯދަވީއްލާއިރު މަޑުމަޑުން، މަދުން ކެއުމަކީ މާ ރަނގަޅު ގޮތެކެވެ. މިގޮތުން ކެއުމުން ހަޖަމުކުރަން ފަސޭހަވެ، ހަށިގަނޑަށް ބޭނުންވާ ކާާނާ ލިބޭނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން