އަބަދު ތޮފި އަޅައިގެން އިޝްތިހާރުތަކުން ފެންނަ އެއްކަލަ މަޝްހޫރު މީހާ އެނގޭތަ؟ މަޝްހޫރު ނާޒިރު ޝިހާމްއޭ ބުނުމުން އެ ނަން 'ލޯޑް' ވާން ގިނަ ބަޔަކަށް އުނދަގޫވެދާނެއެވެ. ކާއްޓޭއޭ ބުނުމުން ފަހަރެއްގައި ނަން ސިކުނޑިއަށް ލޯޑް ކުރަން ފަސޭހަވެދާނެ ކަންނޭނގެއެވެ. މިދައްކަނީކީ ކާށިކިބައެއްގެ ވާހަކައެއް ނޫންކަން މިހިސާބުން ގިނަ ދިވެހިންނަށް އެނގޭނެއެވެ. 

ކާއްޓެ މަޝްހޫރީ ކިހިނެއް ހެއްޔެވެ؟ ގިނަބަޔަކު ހެއްވާލުމަކީ ހަމަގައިމުވެސް ކޮންމެ ކޮންމެ މީހަކަށް ކުރަން އެހާ ފަސޭހަކަމަކަށް ވާނެހެން ހިއެއްނުވެއެވެ. ނަމަވެސް ރާއްޖޭގެ ގިނަބައެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނެސް ދެމުން އަންނަ ނާޒިރު ޝިހާމް ނުވަތަ ކާއްޓޭއަކީ ހަމަގައިމުވެސް ރާއްޖޭގެ އެންމެ ޓެލެންޓަޑް ކޮމީޑިއަން އޭ ބުނުމުން ދެބަސްވާނެ މީހަކު ހުންނާނެހެން ހިއެއް ނުވެއެވެ. މީގެ ކުރިން ކާއްޓެ "ތީރު" އަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާގެ އެއް ހުވަފެން ހިއްސާކޮށްފައެވެ. ކާއްޓެ އެންމެ ބޭނުންވަނީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޓީވީ ޕްރޮގްރާމް "ހޭޔަންބޯ" ގެ މެހެމާނަކަށްވާށެވެ. ކާއްޓެ ބުނާގޮތުންނަމަ އޭނާގެ ފުރާވަރު ދުވަސްވަރު ހޭޔަންބޯއަކީ ރާއްޖޭގައި އެންމެ ނަން ހިނގާ ޝޯވއެވެ. އެ ޝޯވގެ މެހެމާނުންގެ ގޮތުގައި ޓީވީއެމްގެ ސްޓޫޑިއޯއަށް ވަޑައިގަންނަވަނީ ހުނަރުވެރިންނެވެ. އެހެންކަމުން، ތައުލީމާއި ވަޒީފާ ހޯދުމުގެ ނިޔަތުގައި ކ. ކާށިދޫއަށް އުފަން ކާއްޓެ މާލެއައީ މި ހުވަފެން ސަވާރުކޮށްގެންނެވެ. 

2007 ވަނަ އަހަރު މާލެއަށް އަންނަމުން ރައްޓެހިން ގާތު "މަމި ނައްޓާލީ ، ދެން ފެންނާނީ ހޭޔަންބޯއިން" ކަމަށްބުނެ ކާއްޓޭ މާލެއައީ މޮޅު ކޮމީޑިއަންއަކަށްވުމުގެ އަޒުމުގައެވެ. ސްނެޕްޗެޓްގެ ފިލްޓަރއެއް ބޭނުންކޮށްގެން ރަސްލީ ސުޕާރީއާއި ދިވެހިންނާއި އޮތް ގުޅުމާ ބެހޭގޮތުން ކާއްޓެ ހިއްސާ ކުރި ވީޑިއޯ ކްލިޕް ވައިރަލް ވެގެން ދިޔައީ ހީކުރިވަރަށް ވުރެން މާ ހަލުވި ދުވެލީގައެވެ.

"ހޭޔަންބޯ" ގެ މެހެމާނަކަށް ކާއްޓެ ވިޔަސް ނުވިޔަސް، އަހަރެމެންގެ ޓީމުން މި ހުނަރުވެރިޔާގެ ވާހަކަތައް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭ ހިތުން އަވަސް އަވަހަށް ކާއްޓެގެ އިންޓަވިއުއެއް ނެގީމެވެ. ކ. އިން ކާށިދޫ، ކ. އިން ކާއްޓެއޭ ކިޔަމުން ކާއްޓެ އިންޓަވިއުއަށް ޖަވާބުދޭން ފެށީ ދަތްޕިލަ ސޭލް އަޅުވައިގެންނެވެ. ކޮންމެއަކަސް، ސަމާސާ ރާގެއްގައި ވާހަކަދައްކަމުން ދިޔަޔަސް، ކޮމެޑީއަށް ކާއްޓެގެ ހިތް ބަންޑުންވެފައި އޮތް މިންވަރު އޭނާ އަހަރެމެންނަށް ހާމަކޮށްދިނެވެ. 

ކާއްޓެއާއި ވާހަކަދެއްކުމުން އަހަރެމެންނަށް އެނގުނު ގޮތުގައި ކޮމެޑީއަކީ އޭނާގެ ހޮބީއެކެވެ. ކާއްޓެ މިވަގުތު ދަނީ އެޗްޑީސީގައި ސީނިއާ އޮޕަރޭޝަންސް އޮފިސަރެއްގެ މަގާމު އަދާކުރަމުންނެވެ. ކާއްޓެ އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ ކަރެކްޝަނަލް ސާވިސްގައެވެ. އެތަނުގައި އޭނާ މަސައްކަތްކުރީ ޕްރިޒަން އޮފިސަރެއްގެ މަގާމުގައެވެ. 

ކޮމެޑީއަށް ޝައުގުވެރިވީ ކިހިނެއް ހެއްޔެވެ؟

" އެއީ ހަމަ ދުނިޔެއަށް އައިއިރު އުފެދުނު ޝައުގެއް"

އިޖްތިމާއީ ކަންތައްތައް މަޖާގޮތަކަށް އާންމުންނަށް ގެނެސްދޭ ހިތްވާ ކާއްޓޭގެ ފޭވަރިޓް ކޮމީޑިއަން އަކީ ހާޖަރާ އަދި ޔޫސޭއެވެ. އަދި ރާއްޖެއިން ބޭރުން އެންމެ ކަމުދަނީ އިންޑިޔާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ކަމުގައި ކާއްޓެ ބުނެފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކޮމީޑިއަނުން ކުޅެފައިވާ މަޖާ ސްކިޓްތައް ބެލުމަކީ ކާއްޓެގެ ހޮބީއެއް ކަމަށްވެސް ބުނެފައި ވެއެވެ.

ކާއްޓެ ބުނީ މީހުން އޭނާކުރާ މަސައްކަތް ބަލައިގަންނާތީ ވަރަށް އުފާވާ ކަމަށެވެ. އެކި އުމުރުގެ މީހުންގެ ދިރިއުޅުމުގެ އެކި އުދާސްތަކުން ބޭރުވެ، އުފާވެރިކަން ގެނެސްދޭ މަސައްކަތެއްގެ ގޮތުގައި އޭނާއަށް ކޮމެންޓް ލިބޭކަން ކާއްޓެ އުފަލާއިއެކު ފާހަގަކުރިއެވެ. 

ކާއްޓެގެ ފިލްމީ މަސައްކަތްތައް މިހާރުވީ ކިހާ ހިސާބެއްގައިތޯއެވެ؟

ކާއްޓެ މީގެ ކުރިން ވަނީ "ވަނާޖުބޭސާ" ނަމުގައި ފިލްމެއް ޕްރޮޑިއުސްކޮށް، އެ ފިލްމުގައި އެކްޓްކޮށްފައެވެ. އޭގައި މައިގަނޑު ބަތަލެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އޭނާއާއިއެކީ އެންމެ ގިނައިން މަސައްކަތްކުރާ ކޮމީޑިއަން މާއްޓޭ އެވެ. ކާއްޓެ ބުނީ "ވަނާޖުބޭސާ" ގެ ދެވަނަ ބައިވެސް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހެއްވާ މަޖާ ފިލްމު "ވަނާޖުބޭސާ 2" ގެ މަސައްކަތް ރޯދަ މަސް ނިންމާފައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ. މީގެ އިތުރުންވެސް، އަމިއްލަ ރާގުގެ ވީޑިއޯ އަލްބަމެއް ނެރުމަށް އަމާޒު ހިފާ ކަމަށްވެސް ކާއްޓެ ބުނެފައި ވެއެވެ. މިހާރު އަލްބަމްގެ ލަވައިގެ ލިރިކްސްގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. ކާއްޓެ މީގެ ކުރިންވެސް ވަނީ ވާންޗޯ ސްޓޫޑިއޯ އިން އުފެއްދި ލަވައެއްގެ ޅެން ތައްޔާރުކޮށްފައެވެ. އެހެންކަމުން، ކާއްޓެގެ އަޑުން ލަވައެއް ނެރެފާނެކަމާއި ދޭތެރޭ ސުވާލުކޮށްލީމެވެ.
 

"ލަވަވެސް ކިޔާ އުޅެން، މީޙުން ނެތް ތަނުގައި. މީހުން ނެތް ތާނގައި ލަވަކިޔަނީ، އެއީ ފަހަރެއްގައި ފައިވާން ކިބައެއްވެސް ފަހަތުން އައިސްފާނެ"

ކޮމެޑީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް މަދެވެ. މިއީ ނަފާވާ މަސައްކަތެއްތޯއެވެ؟

މި ސުވާލުކޮށްލުމާއެކު، ކާއްޓެ ވަނީ ރާއްޖޭގައި ކޮމީޑިއަނުން މަދުކަން ފާހަގަކޮށްފައެވެ. ކާއްޓެ ބުނީ އާންމުން ދަންނަ ކޮމީޑިއަނުން ލައްވާ ވިޔަފާރިތަކުން އިޝްތިހާރު ކުޅެން ފުރުސަތުދޭކަމަށެވެ. އަދި އިވެންޓްތަކުގައި ހޯސްޓުކޮށް ޕާފޯމްކުރުމުގެ ފުރުސަތު ލިބޭކަމަށްވެސް ބުންޏެވެ. އިވެންޓްތައް ހުރިވަރުން މި ހުރިހާ އެއްޗަކުން މަހެއްގެ މައްޗަށް ޖުމްލަ 15000 އާއި 20،000 ރުފިޔާއާއި ދެމެދުގެ އާމްދަނީއެއް ލިބޭ ކަމަށެވެ. އެއީވެސް އިވެންޓްތައް ލިބޭ މިންވަރުންކަމަށް ކާއްޓެ މައުލޫމާތުދިނެވެ. 

"އެހެންވީމަ ރަނގަޅު ދާއިރާއެއް ކޮމެޑީގެ ދާއިރާއަކީ ރާއްޖޭގައި. ވަރަށް ކުރިމަގު އެބައޮތް"


މި މަސައްކަތުން މަހެއްގެ މައްޗަށް ކިހާ ވަރެއްގެ އާމްދަނީއެއް ލިބޭތޯ ސުވާލުކުރުމުން ކާއްޓެ ބުނީ ރާއްޖޭގައި ޕޭޕަލް ނެތުމުން ސޯޝަލް މީޑިއާގައި ކޮމެޑީ ކޮންޓެންޓަށް އާމްދަނީ ނުލިބޭ ކަމަށެވެ. ނަމަވެސް ޓިކްޓޮކްގައި ލައިވް ޖައްސާ ފަރާތްތަކަށް އާމްދަނީ ލިބޭކަމަށް އޭނާ ބުންޏެވެ. މިއާއިއެކީގައި ކާއްޓެ ވަނީ މި ދާއިރާގައި އަންހެނުންވެސް ކޮންޓެންޓް އުފައްދަން ޖެހޭކަން ފާހަގަކޮށްފައެވެ. އަންހެނުންގެ ކޮންޓެންޓް މަދުވުމަކީ ދާއިރާއަށް ލިބޭ އުނިކަމެއްގެ ގޮތުގައި އޭނާ ސިފަކޮށްފައި ވެއެވެ. 

ނަމަވެސް ކާއްޓެ ބުނީ އޭނާ މި މަސައްކަތް ކުރަނީ ފައިސާގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި އިޝްތިހާރުތައް ފިޔަވާ އެހެން ހުރިހާ މަސައްކަތްތައް ކުރަނީ ހިލޭސާބަހަށް ކަމަށްވެސް ބުނެފައި ވެއެވެ. 

ދާއިރާއަށް ވަންނަން ޝައުގު ހުންނަ މީހުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާތޯ؟ 

ކާއްޓެ ބުނީ މި ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ދިމާލަށް "ޖޯކަރު" ފަދަ ބަސްތައް ރައްދުވުމުން ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކުދިންވެސް މި ދާއިރާއަށް ނުކުތުމަށް ފަސްޖެހޭ ކަމަށެވެ. ނަމަވެސް ކާއްޓެ ބުނީ މީހުން ހެއްވާލުމަކީވެސް ހާއްސަ ހިދުމަތެއްގެ ގޮތުގައި އޭނާ ދެކޭ ކަމަށެވެ.

"ބައެއް މީހުން މަގުމަތިން ފެނުނީމަވެސް ބުނޭ ތިމަންނަގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ހުރި ބައްޕަ ނުވަތަ މަންމަ، ކާއްޓެގެ ވީޑިއޯތައް ބަލާފައި ހިނދުކޮޅަކަށް ނަމަވެސް އުފާވެލާ ކަމަށް. މިއީ އަސްލު މި ދާއިރާއަށް ނިކުތުމުގެ އިންސްޕިރޭޝަނަކީ"

އެންމެ ގަޔާވާ ކޮމެޑީ ސްޓައިލަކީ ކޮބާ؟

މަޝްހޫރު ހޮލީވުޑް ކޮމީޑިއަން ޗާލީ ޗެޕްލިންގެ ސްޓައިލަށް އިޝާރާތްކުރަމުން ކާއްޓެ ބުނީ އެކިމީހުންގެ ކޮމެޑީ ސްޓައިލް ތަފާތުވާނެ ކަމަށެވެ. އެގޮތުން އޭނާގެ ސްޓައިލަކީ އެކްޝަންއާއި ހަރަކާތަށްވުރެ ބޮޑަށް ބުނެލާ ބަސްތަކުން މީހުން ހެއްވާލުން ކަމަށް ކާއްޓެ ބުނެފައި ވެއެވެ.

ހަޔާތުގެ ބައިވެރިޔާއާއި ދިމާވީ ކިހިނެއް؟

"މަޖީދީ މަގުން" މިހެން ބުނެލުމަށްފަހު ކާއްޓެ ދެން ބުނީ އޭނާގެ އަންހެނުންނާއި ދިމާވީ ފޯނުން ކަމަށެވެ! މިހާރު ކާއްޓެއަކީ އުމުރުން 4 އަހަރުގެ ކުއްޖަކާއި 7 އަހަރުގެ ކުއްޖެއްގެ ބައްޕައެކެވެ. 

ކާއްޓެއާއިއެކީ އެންމެ ގިނައިން ޓީވީއިން ފެންނަނީ ކާކު؟

މި ސުވާލަށް ޖަވާބުދެމުން ކާއްޓެ ބުނީ އޭނާއާއިއެކު އެންމެ ގިނައިން އިޝްތިހާރުތަކުގައި ފެންނަނީ މާއްޓެ ކަމަށެވެ. ކާއްޓެއާއި މާއްޓެއަށް އެކީގައި އިޝްތިހާރުތަކުން ފެންނަން ޑިމާންޑް ބޮޑުކަމަށް ކާއްޓެ ބުނެފައި ވެއެވެ. މާއްޓެއަކީ އޭނާގެ ގާތް ރައްޓެއްސެއް ކަމަށާއި އެގޮތުގައި ދެމީހުން އޯޑިއެންސް ހެއްވާލުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ކާއްޓެ ދީފައި ވެއެވެ. 

"ސިމްޕަލް" އިންޓަވިއުއަކަށް ވަގުތު ދިނުމަށްފަހު ކާއްޓެ އަހަރެމެންނަށް "ބާއި" ކިޔާފައި ދެންވެސް ދިޔައީ އިތުރު ކޮމެޑީ މިޝަނެއްގައެވެ. ކާއްޓެއާއިއެކު އިންޓަވިއު ނިންމާލުމުގެ ކުރިން ހޭޔަންބޯގެ ވާހަކަ އަހާނުލައި ފޯން ބާއްވަން ބޭނުން ނުވިއެވެ. އެހެންކަމުން، ހޭޔަންބޯއަށް އެރުނުތޯ ކާއްޓެ ކައިރިން އެހުމުން އޭނާ ބުނީ އަދި އެކަމެއް ނުވާ ކަމަށެވެ. ނަމަވެސް ހޭޔަންބޯގެ މެހެމާނުގެ ގޮނޑިން ކާއްޓެ އަދި ނުފެނުނަސް، ރާއްޖޭގައި މިވަގުތު ފެންނަ ގިނަ ޗެނަލްތަކާއި ސޯޝަލް މީޑިއާގައި ކާއްޓެގެ ތޮފިގަނޑު ނުފެނި ނުދެއެވެ.