ޗައިނާގެ ޝަންގްހާއީ ސިޓީގައި ދިރިއުޅޭ މިސްޓަރ ލިއު ކިޔާ މީހަކު، އޭނާގެ ލޯބިވެރިއާ ކަމަށް ބުނެ މުޅިން އޭ.އައި އިން އުފައްދާފައިވާ އަންހެނަކަށް 200،000 ޗައިނާ ޔުއާން (ގާތްގަނޑަކަށް 21،778 ޕައުންޑް) ދީފައިވާ ކަމަށް ޗައިނާގެ ސެންޓްރަލް ޓެލެވިޜަން (ސީ.ސީ.ޓީ.ވީ) އިން ވަނީ ރިޕޯޓްކޮށްފައެވެ.

މިސްޓަރ ލިއު އަށް އޭއައި އިން އުފައްދާފައިވާ މިސިސް ޖިއާއޯ ވަނީ ވިޔަފާރި ފެށުމަށާއި އޭނާގެ ޢާއިލާގެ މީހެއްގެ ބޭސްފަރުވާއަށް އެހީތެރިވުމުގެ ގޮތުން ކަމަށް ބުނެ މި ފައިސާ ވަނީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ޖަމާކޮށްފައެވެ. މި ސްކޭމަރުންގެ ގްރޫޕުން ވަނީ އަންހެންމީހާގެ އައި.ޑީ ކާޑު، ޢާއިލާގެ މެޑިކަލް ރެކޯޑްތައް އަދި ރަސީދުތައް ފަދަ ހުރިހާ ލިޔެކިޔުންތަކެއް ހަދާފައެވެ. އަދި އޭ.އައި އިން އުފައްދާފައިވާ ޒުވާން އަންހެނެއްގެ ފޮޓޯތަކާއި ވީޑިއޯތައްވެސް ވަނީ ހަދާފައެވެ. މީގެ ތެރޭގައި މަގުމަތީގައި ހިނގާފައި ދާ މަންޒަރާއި، ކުރެހުމެއް ހިފައިގެން ހުރި މަންޒަރުވެސް ހިމެނެއެވެ.

ނަމަވެސް މިސްޓަރ ލިއު އާއި މިސިސް ޖިއާއޯ ވާހަކަ ދައްކަން ފަށާ ދެމަސް ވީއިރުވެސް ބައްދަލު ނުވެވުމުން މިސްޓަރ ލިއު ވަނީ ޝައްކު ކުރަން ފަށާފައެވެ. އޭނާ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން، މި ވީޑިއޯތަކާއި ފޮޓޯތަކަކީ އޭ.އައި އިން އުފައްދާފައިވާ އެއްޗެހިކަން ވަނީ އެނގިފައެވެ. އަދި މި ގްރޫޕުން މިފަދަ މަކަރުތަކުން ޖުމްލަ 2 މިލިއަން ޗައިނާ ޔުއާން ހޯދާފައިވާކަން ވަނީ އެނގިފައެވެ.

ޗައިނާގެ ސަރުކާރުގެ ބްރޯޑްކާސްޓަރުން ހާމަކުރި ގޮތުގައި، މި މަކަރުވެރިންގެ ގްރޫޕަކީ "އޭ.އައި އިން އުފައްދާފައިވާ ނުވަތަ ގިނަ ފޮޓޯތަކެއް އެއްކޮށްގެން ހަދާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ފޮނުވާ މަކަރުވެރިންގެ ޓީމެކެވެ."

މި ހާދިސާ ހިނގިތާ މަހެއްގެ ކުރިން، ފްރާންސްގެ އަންހެނަކު ހޮލިވުޑް ތަރި ބްރެޑް ޕިޓްް ކަމަށް ބުނެ  697،000 ޕައުންޑް އޮޅުވާލައިގެން ނަގާފައިވާ ކަމަށް ރިޕޯޓު ކުރެވުނެވެ.