ޕާކިސްތާނުގައި 20 އަހަރުގެ ދަރިވަރަކު އޭނާގެ 52 އަހަރުގެ މުދައްރިސަކާ ކައިވެނިކޮށްފިއެވެ. މި ދެމަފިރިންގެ ލޯބީގެ ވާހަކަ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރުވެފައެވެ.
ބީ.ކޮމް ދަރިވަރެއް ކަމުގައިވާ ޒޯޔާ ނޫރު ވަނީ އޭނާގެ މުދައްރިސް ސާޖިދު އަލީދެކެ ލޯބިވެ، އެ ދެމީހުން ކައިވެނި ކޮށްފައެވެ. ޔޫޓިއުބް އިންޓަވިއުއެއްގައި ޒޯޔާ ބުނެފައިވަނީ އެ ދެމީހުންގެ ކައިވެނިކުރުމުގެ ކުރިން ވަރަށް ގިނަ އިއުތިރާޒުތަކާއި ދަތިތަކާ ކުރިމަތިވިކަމަށެވެ.
ޒޯޔާ ބުނެފައިވަނީ ސާޖިދުގެ ޝަޚްޞިއްޔަތުން އޭނާ ޝައުޤުވެރިވިކަމަށެވެ. ނަމަވެސް އުމުރުގެ ތަފާތުކަމުން ފުރަތަމަ ސާޖިދު ވަނީ ޒޯޔާގެ ހުށަހެޅުން ބަލައިނުގަނެ ދޫކޮށްލާފައެވެ. އެހެންނަމަވެސް އެއް ހަފްތާއެއްގެ ތެރޭގައި ސާޖިދުގެ ހިތުގައިވެސް ޒޯޔާއަށް ލޯބި ޖެހުނެވެ. ދެ ޢާއިލާގެ އިއުތިރާޒުތަކާއެކުވެސް އެ ދެމީހުން ވަނީ ކައިވެނި ކޮށްފައެވެ.
ކައިވެނިކުރުމަށްފަހު އެ ދެމަފިރިން ވަނީ އެމޭޒަންގެ އެފް.ބީ.އޭ ތަމްރީނު ފުރިހަމަކޮށް، ވިޔަފާރިއެއް ފަށައި، ރަނގަޅު އާމްދަނީއެއް ހޯދަން ފަށާފައެވެ. ޒޯޔާ ބުނެފައިވަނީ އެ ދެމަފިރިންގެ ކާމިޔާބީގެ ސިއްރަކީ އޭނާގެ ބީ.ކޮމް ކިޔެވުމާއި ސާޖިދުގެ ތަޖުރިބާކަމަށެވެ.
މިހާރު އެ ދެމަފިރިންނަށް މަހަކު ލައްކައިން އާމްދަނީ ލިބެމުންދާކަމަށް ވަނީ ހާމަކޮށްފައެވެ. މި ދެމަފިރިންގެ ވާހަކައިން ދައްކުވައިދެނީ ލޯތްބާއި ކެތްތެރިކަމާއެކު މަސައްކަތްކޮށްފިނަމަ، އުމުރުގެ ތަފާތު ބޮޑުވިޔަސް، ކާމިޔާބު ދިރިއުޅުމެއް އުޅެވިދާނެކަމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން