ދުލަކީ އިންސާނާގެ ހަށިގަނޑުގައިވާ ނާޒުކު އެއް ގުނަވަނެވެ. ނަމަވެސް، އޭގެ ބާރުވެރިކަމާއި ނުފޫޒު ވަރަށްވެސް ބޮޑެވެ. ދުލުން ބުނެވޭ ބަހަކުން މީހެއްގެ ހިތް އުފާވެރިކުރެވިދާނެއެވެ. ނުވަތަ ހިތާމައިގެ ކަނޑަށް ޣަރަޤުކުރެވިދާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ: "ހެޔޮބަސް ބުނުމަށް އަމުރުކުރައްވާށެވެ. އަދި ޖާހިލުންނާ ދުރުހެލިވެ ވަޑައިގަންނަވާށެވެ." (ސޫރަތުލް އަޢުރާފު: 199) މިއާޔަތުން އަޅުގަނޑުމެންނަށް އެނގެނީ ހެޔޮބަސް ބުނުމުގެ މުހިންމުކަމެވެ.
މައިންބަފައިންނަކީ ދަރިންގެ ފުރަތަމަ މުދައްރިސުންނެވެ. ދަރިންގެ ޝަޚްޞިއްޔަތު އެކުލަވާލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މައިންބަފައިންނެވެ. އެހެންކަމުން، މައިންބަފައިން ދަރިންނާ މުޢާމަލާތްކުރާ ގޮތް ވަރަށް މުހިންމެވެ. ދަރިންނާ ވާހަކަދައްކާއިރު ބޭނުންކުރާ ބަހުރުވައާއި، ޢިބާރާތްތަކަކީ ދަރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސީދާ އަސަރުކުރާ ކަންކަމެވެ.
ދަރިންނަށް ނޭދެވޭ އަސަރުކުރާފަދަ ބަސްތައް ބޭނުންކުރުމަކީ ދަރިންގެ އިތުބާރު ގެއްލި، އަމިއްލަ ނަފްސަށް ޝައްކުކުރަން ދަސްވެ، ނަފްސުގެ ޤަދަރު ދަށްވުމަށް މަގުފަހިވާ ކަމެކެވެ. މިސާލަކަށް، "ތިޔަ ކަމެއް ނުވާނެ"، "ތިޔައީ ބޭކާރު ކަމެއް"، "ތިބާއަކަށް ނޭނގޭނެ" ފަދަ ޢިބާރާތްތަކުން ދަރިންގެ ހިތްތަކުގައި ފަސްޖެހުން އުފެދި، އައު ކަންކަން ތަޖުރިބާކުރުމުގެ ޝައުޤުވެރިކަން ގެއްލިގެންދާނެއެވެ.
އެހެންނަމަވެސް، ހިތްވަރުދޭ ބަސްތަކާއި، ހެޔޮ ނަސޭހަތްތަކުން ދަރިންގެ ހިތްތަކުގައި އުއްމީދާއި ޔަޤީންކަން އުފެދި، އަމިއްލަ ނަފްސަށް އިތުބާރު ކުރުމުގެ ރޫހު އާލާވެގެންދާނެއެވެ. "ތިބާއަށް އެކަން ކުރެވޭނެ"، "ތިބާގެ ޚިޔާލު ވަރަށް ރަނގަޅު"، "ތިބާގެ މަސައްކަތް ފާހަގަކޮށްލެވޭ" ފަދަ ބަސްތަކަކީ ދަރިންގެ ކުރިމަގު އުޖާލާކޮށްދޭނެ ބަސްތަކެކެވެ.
އަޅުގަނޑުމެން ހަނދާންކުރަންވީ ކަމަކީ، ދަރިންނަކީ އަގުހުރި އަމާނާތެއްކަމެވެ. އެކުދިންގެ ތަރުބިއްޔަތާއި ތަޢުލީމަށް ސަމާލުކަން ދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. އެކުދިންނާ މުޢާމަލާތްކުރާއިރު، އަޅުގަނޑުމެންގެ ބަހުރުވައާއި ޢަމަލުތަކަކީ އެކުދިންނަށް ނަމޫނާއަކަށް ވާންޖެހޭނެ ކަންކަމެވެ.
މީގެ އިތުރުން، މައިންބަފައިން ދަރިންނަށް ނިސްބަތްކޮށް ބުނާ ބަސްބަހުގެ ސަބަބުން އެދަރިންނަށް އެސްފީނާ ޖެހުމަކީވެސް ވުން ގާތް ކަންކަމެވެ. އެހެންކަމުން މައިންބަފައިން ދަރިންނަށް ނިސްބަތްކޮށް ބުނާ ބަސްބަހާމެދު ސަމާލުވާން ޖެހޭނެއެވެ. އެ ދަރިންނަށްޓަކައި ބޮޑާކަމުގެ ބަހުރުވަ އިސްކޮށްގެން ނުވާނެއެވެ. އެދަރިންގެ އުޅުމުގެ ސަބަބުން، ހިތްހަމަ ނުޖެހުމުގެ ޝުއޫރު ފާޅުކޮށް ނައްސި ބަސްތައް ބުނެގެން ނުވާނެއެވެ. އަދި އެދަރިންގެ މާމައިންނާއި ކާފައިންނާއި ހާއްސަކޮށް އެދަރިފުޅުގެ ބައްޕައާއި މަންމަ މުއާމަލާތުކުރުމުގައި ގެންގުޅޭ ބަސްމަގާއި، އެ ދަރިފުޅަށް ނިސްބަތްކޮށް ބުނެ އުޅޭ ވާހަކަތަކަށް ސަމާލުވާން ޖެހޭނެއެވެ. އެސްފީނާ އަކީ ގަސްތުގައި ޖެހޭ ނުވަތަ ޖައްސުވާ އެއްޗެއް ނޫނެވެ. މިއީ ބޭ އިހްތިޔާރުގައިވެސް ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން މައިންބަފައިންގެ ދޫތަކުން، އެމީހުންގެ ދަރިން ސަލާމަތްކުރަން ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
އެހެންކަމުން، ތިބާގެ ދުލަކީ ތިބާގެ ދަރިންގެ މައްޗަށް އޮތް އާފާތަކަށް ނުހަދާށެވެ. ތިބާގެ ދުލަކީ އެދަރިންނަށް އޮތް ރަހުމަތެއް ކަމުގައި ހަދާށެވެ. އެދަރިންނަށް ހުރި އުފާވެރިކަމުގެ ހަބަރު ގެނެސްދޭ ވަސީލަތަކަށް ހަދާށެވެ. ހެޔޮބަހެއް ނޫނީ ތިޔަ ދުލުން ނުބުނާށެވެ. ދެދުނިޔޭގައި ތިބާ އަށާއި ތިބާގެ ދަރިންނަށް މަންފާހުރީ އެމަގުންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން