ގެވެހި އަނިޔާ ތަޙައްމަލު ކުރާ އަންހެނުން ގިނަވަމުން އަންނަކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. ޚާއްސަކޮށް ފިރިމީހާގެ ފަރާތުން ތަޙައްމަލު ކުރަންޖެހޭ އަނިޔާތަކެވެ. ޖިސްމާނީގޮތުން ހަށިގަނޑުން ފެންނަން ހުންނަ ކިތަންމެ އަނިޔާއަކާއި، އޭގެ ސަބަބުން ހިތަށާއި ރޫޙަށް ލިބޭ ނަފްސާނީ އަނިޔާތަކެވެ. ހައިބަތުގެ ގޮތުން އަނބިމީހާއަށްވުރެ ފިރިމީހާގެ ގައިގައި ވަރު ހުރެދާނެއެވެ. ނަމަވެސް އާރާއި ބާރާއި، ގަދަފަދަކަމަކީ އަނބިމީހާގެ މައްޗަށް އަތް އިސްކޮށް، އަނިޔާ ކުރަން ލިބިފައި އޮންނަ 'ލައިސަންސެއް' ނޫނެވެ. ހައިބަތާއި ގަދަބާރު، އަނބިމީހާއަށް އަނިޔާކުރުމަށް ބޭނުން ކުރުމުން ދައްކުވައިދެނީ ފިރިމީހާގެ ފިރިހެންވަންތަކަމެއް ނޫނެވެ. އެކަމުން ހާމަވަނީ އެމީހެއްގެ ބަލިކަށިކަމެވެ. އަނބިމީހާއަށް އޯގާތެރިވުމަށް ކީރިތި ޤުރުޢާނުގައި އަންގަވާފައިވެއެވެ. އެކަމަނާގެ ހައްޤުތަކަށް ރައްކާތެރިވެ، ރިވެތި ގޮތުގައި އެކަމަނާ ބެލެހެއްޓުމަކީ ފިރިމީހާގެ ޒިންމާއެކެވެ. އައްނިސާ ސޫރަތުގެ 34ވަނަ އާޔަތުގެ މާނާގައިވެއެވެ.
"ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރުކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަސޭހަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗައް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ." (4:34)
ކައިވެންޏަށްފަހު އަނބިމީހާއަކީ ފިރިމީހާގެ ޒިންމާއެކެވެ. ހެޔޮގޮތުގައި ބަލަހައްޓަން ޖެހޭ މަސްއޫލިއްޔަތެކެވެ. ކޮންމެ މީހަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. އަނބިމީހާއަށް ކުރެވޭ ގޯސް ކަމެއް، ނުވަތަ ފިރިމީހާ ހިތްހަމަނުޖެހޭ ކަމެއްގެ ސަބަބުން ޖިސްމާނީ އަނިޔާތައްކޮށް، އަތްފައި ނޫގަންނަވަރު ކުރުވާކަށް ނުޖެހެއެވެ. ރިވެތި ގޮތުގައި ނަސޭޙަތްދީ، އެކަން ވިސްނައި ދިނުމަށް މަސައްކަތް ކުރެވޭނެއެވެ. ނަމަވެސް، އެހެން މީހެއްދެކެ އަންނަ ރުޅިވެސް ބައެއް މީހުން 'ބާލަނީ' އަނބިމީހާއަށޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ދަރިން ލިބޭ ފަހުންވެސް އަނބިމީހާއަށް އަނިޔާކުރެއެވެ. 9މަހާއި 9ދުވަސް ވަންދެން އެކަމަނާގެ ބަނޑުގައި އުފުލީ ފެމަފިރިންގެ ދަރިއެކެވެ. އެއަށްފަހު، އެތައް ވޭނަކާއި ތުރާލާއެކީ އެ ތުއްތު ފުރާނަ ދުނިޔެއަށް އުފަންކުރެއެވެ. އެ ދުވަސްތަކުގައި އަންހެނެއްގެ ހަށިގަނޑަށް އެތައް ބަދަލެއް އާދެއެވެ. އެއީ މުޅި ދިރިއުޅުން ބަދަލުކޮށްލާ ތަޖުރިބާއެކެވެ. ނަމަވެސް އެހުރިހާކަމަށްފަހުވެސް، އަނބިމީހާއަށް އަނިޔާކުރަން ކެރޭނީ ލަދުޙަޔާތުގެ މިންވަރެއްވެސް ނެތީމަ ނޫންހެއްޔެވެ؟
ކައިވެނި ކޮށްގެން އުޅޭ ޙާލުގައި އަނބިމީހާއަށް އަޅާލުން އެކަންޏެއް ނޫނެވެ. ވަރިވެފައިވާ ޙާލަތުގައިވެސް އެކަނބަލުންނަށް ހެޔޮކޮށްހިތާ އޯގާތެރިވުމަށް ކީރިތި ޤުރުޢާނުގައި އަންގަވާފައިވެއެވެ.
"ތިޔަބައިމީހުންގެ ތަނަވަސްކަން ހުރިވަރަކުން ތިޔަބައިމީހުން އުޅޭ ތަނެއްގައި އެކަނބަލުން (އެބަހީ: ވަރިކޮށްފައި، އިއްދާގައި ތިބޭ އަންހެނުން) ބައިތިއްބާށެވެ! އަދި އެކަނބަލުންނަށް ދަތިކުރުމަށްޓަކައި، ތިޔަބައިމީހުން އެކަނބަލުންނަށް ގެއްލުން ނުދޭށެވެ! އަދި މާބަނޑު އަންހެނުން ކަމުގައި އެކަނބަލުން ވެއްޖެނަމަ، ފަހެ، އެކަނބަލުން ދަރި ވިހައިފުމަށް ދާނދެން ތިޔަބައިމީހުން އެކަނބަލުންނަށް ޚަރަދު ކުރާށެވެ! ފަހެ، ތިޔަބައިމީހުންނަށްޓަކައި (ތިޔަބައިމީހުންގެ ދަރިންނަށް) އެކަނބަލުން ކިރުދީފިނަމަ، ފަހެ، ތިޔަބައިމީހުން އެކަނބަލުންނަށް، އެކަނބަލުންގެ އުޖޫރަދޭށެވެ! އަދި ތިޔަބައިމީހުންގެ މެދުގައި ހެޔޮގޮތުގައި އެކަކު އަނެކަކާ މަޝްވަރާ ކުރާށެވެ! އަދި ތިޔަބައިމީހުންނަށް ދަތިވެއްޖެނަމަ، އޭނާޔަށްޓަކައި، ފަހެ، (އެކުއްޖާއަށް) އެހެން އަންހެނަކު ކިރުދޭނީއެވެ." (65:6)
މިއަދު ގައިގައި ހުރި ބާރެއް އަނބިމީހާއަށް ދައްކާފައި، މާދަމާ ﷲ ތަޢާލާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އެކަލާނގެ ހަޟްރަތަށް ޖަވާބުދާރީ ވާނީ ކިހިނަކުން ހެއްޔެވެ؟ ޤިޔާމަތުގެ ދަރުބާރުގައި ދައްކާނީ ކޮން އުޛުރެއް ހެއްޔެވެ؟ ވިސްނާލާށެވެ. މިއަދު ފިރިމީހާގެ ރަޙުމެއް ނެތް އަތްދޮށުގައި، ގެވެހި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނާއަކީ މާތް ﷲގެ އަޅެކެވެ. ކޮންމެވެސް މަންމައަކާއި ބައްޕައެއްގެ ލޮލުގެ ނޫރުފަދަ ދަރިއެވެ. ވީއިރު، އަނބިމީހާއަށް ޖިސްމާނީ އަނިޔާތައް ކުރަން ހެޔޮވާނެ ހެއްޔެވެ؟ ޖިސްމާނީ އަނިޔާތަކުގެ ސަބަބުން ދެން އެމީހުންނަށް ކުރިމަތިވާނީ ނަފްސާނީ ބަލިމަޑުކަމެވެ. އަބަދުވެސް ހާސްވެ ބިރުގަންނާނެއެވެ. މީހަކަށް އިތުބާރުކުރަން އުނދަގޫވާނެއެވެ. މީގެއިތުރުން، 'ޑިޕްރެޝަން'ގެ ޝިކާރައަކަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހަމައެހެންމެ، އަނިޔާވެރި ކައިވެންޏަކުން ސަލާމަތްވުމަށްފަހު، ދެން ކައިވެންޏެއް ކުރަން ފަސްޖެހެވޭނެއެވެ. އެކަނބުލޭގެ މައްޗައް މިއަދު އަނިޔާވެރިކަމުގެ އަތްތައް އުފުލޭނަމަ، ޚާލިޤުވަންތަ މާތް ﷲގެ ހަޟްރަތަށް ދުޢާކުރުމަށް، އެކަނބުލޭގެ އަތް އުފުލުނީމާ ދެން ކުރާނީ ކީއްހެއްޔެވެ؟ އާރެއް ބާރެއް އެކަލާނގެ ހަޟްރަތުގައި ދެއްކޭކަށް ނޯންނާނެއެވެ. އެއީ ހުރިހާ އާރަކާއި ބާރެއް މިލްކުވެވޮޑިގެންވާ ރަސްކަލާނގެއެވެ.
އަނބިމީހާއަކީ ފިރިމީހާ ބޭނުންހާ ގޮތެއް ހަދާނެ ހަރުމުދަލެއް ނޫނެވެ. ފިރިމީހާގެ 'ޕްރޮޕަރޓީ'އެއް ނޫނެވެ. އެއީ ލޯތްބާއި އަޅާލުންދީގެން، ހެޔޮގޮތުގައި ބަލަހައްޓަންޖެހޭ ޙަޔާތުގެ ބައިވެރިޔާއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ޙާސިލްކުރުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ 'ޕާރޓްނާއެވެ.' ފިރިމީހާގެ ޒިންމާއެއްގޮތުގައި ބަލަން ޖެހޭ ކަނބުލޭގެއަށް އަނިޔާކުރުމުން އެނގެނީ އެމީހެއްގެ ފިނޑިކަމެވެ. ފިރިހެންވަންތަކަމެއް ނޫނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން