އިސްލާމްދީނަކީ އިންސާނުންގެ ދުނިޔެވީ އަދި އުޚްރަވީ ހަޔާތުގެ ކޮންމެ ދާއިރާއަކަށް މަގުދައްކައިދޭ، ފުރިހަމަ ދީނެކެވެ. މި ދީނުގެ އަސްލުތަކާއި އުސޫލުތައް ދަސްކޮށް، އޭގެ މައްޗަށް ޢަމަލުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބުވެގެންވާ ކަމެކެވެ. މިގޮތުން، ދީނީ ޢިލްމު އުނގެނުމަށް ބާރުއެޅުމަށްޓަކައި އެކި ފަރާތްތަކުން ދީނީ ކުއިޒުތައް ބާއްވަމުން ގެންދެއެވެ. ހާއްސަކޮށް މި ބަރަކާތްތެރި ރަމަޟާންމަހު، މިފަދަ އެތައް ކުއިޒުތަކެއް ބޭއްވެމުންދާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މިފަދަ ކުއިޒުތަކުގައި ކުރެވޭ ސުވާލުތަކުގެ ބާވަތާއި މެދު ވިސްނާލަން ޖެހެއެވެ.

ފާހަގަކުރެވޭ އެއް ކަމަކީ، ގިނަ ދީނީ ކުއިޒުތަކުގައި ދީނުގެ އަސާސީ މަޢުލޫމާތުތަކަށްވުރެ، އެކަމެއް ނޭނގުނަސް ދީނާ އެއްގޮތަށް އުޅެވިދާނެ ކަހަލަ ކަންކަމަށް އިސްކަންދޭކަމެވެ. މިސާލަކަށް، ނަމާދުގެ ރުކުންތަކާއި ޝަރުޠުތަކުގެ ބަދަލުގައި، ވަކި ޞަޙާބީއެއްގެ ޠަބީއީ ސިފައެއްގެ ތަފްޞީލު ނުވަތަ ވަކި ޣަޒުވާތެއްގައި ބައިވެރިވި މީހުންގެ އަދަދު ފަދަ ކަންކަމާ ބެހޭ ސުވާލުތައް ކުރެވެއެވެ. މިއީ ޙަޤީޤަތުގައި އިންސާނުންގެ ދިރިއުޅުމާ ސީދާ ގުޅުމެއް ނެތް، އަދި އެކަމެއް ނޭނގުމަކުން ދީނީ ގޮތުން އެއްވެސް އުނިކަމެއް ނާންނާނެ ކަންކަމެވެ.

ތާބިޢީންނާއި އަޞްޙާބުބޭކަލުންގެ އެންމެ ކުދިކުދި ތަފްޞީލުތަކަށް ދާންދެން ސުވާލުކުރެވޭއިރު، ދީނީ ޢަޤީދާއާއި، އިބާދާތްތަކާއި، ޝަރުޢީ ޙުކުމްތަކާއި، ރަސޫލުބޭކަލުންގެ ވާހަކަތަކާއި، ޤުރުއާނާއި ސުންނަތުން ދިރިއުޅުން ބައްޓަންކުރަންވީ ގޮތުގެ ސުވާލުތައް ވަރަށް މަދުންނަމަވެސް ފެންނަކަން ފާހަގަކުރެވެއެވެ. މިފަދަ ސުވާލުތައް މަދުކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އެހެނީ، މިފަދަ މުހިންމު ދީނީ މަޢުލޫމާތުތަކަކީ ކޮންމެ މުސްލިމަކުވެސް އެނގެން ޖެހޭނެ ކަންކަމެވެ. އަދި މިފަދަ އަސާސީ މަޢުލޫމާތާއި ރުކުންތަކާއި ހުކުމްތަކަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ނުއެނގޭ ކަންކަމެކެވެ. ނަމާދުގެ ރުކުންތައްވެސް ދަންނަ މީހުން އަހަރެމެންގެ ތެރޭގައި މަދެވެ. މިއީ ހަގީގަތެކެވެ.

އަޅުގަނޑުމެން ވިސްނާލަން ޖެހޭ އެއް ކަމަކީ، މިފަދަ ކުއިޒުތަކުގެ މަޤްޞަދަކީ ހަމައެކަނި ތާރީޚީ މަޢުލޫމާތު ހަނދާންކުރުވުންތޯ ނުވަތަ ދީނީ ޢިލްމު އުނގަންނައިދީ، އޭގެ މައްޗަށް ޢަމަލުކުރުމަށް ބާރުއެޅުންތޯއެވެ. ޙަޤީޤަތުގައި، ދީނީ ކުއިޒުތަކުގެ އަމާޒަކަށް ވާންޖެހޭނީ މުސްލިމުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އެމީހުންގެ ދިރިއުޅުމުގައި ދީނީ އަސްލުތަކާއި އުސޫލުތައް ތަޠްބީޤުކުރުމަށް މަގުފަހިކޮށްދިނުމެވެ.

އެހެންކަމުން، ދީނީ ކުއިޒުތައް ރޭވުމުގައި އިސްލާމްދީނުގެ އަސާސީ ކަންކަމަށް އިސްކަންދޭންޖެހެއެވެ. މިސާލަކަށް، ތައުޙީދުގެ މުހިންމުކަމާއި، ނަމާދުގެ ޝަރުޠުތަކާއި ރުކުންތަކާއި، ޒަކާތުގެ ނިޞާބާއި، ރޯދައިގެ އަދަބުތަކާއި، ޙައްޖުގެ އަރުކާނުތަކާއި، މުޢާމަލާތުގެ އަސާސީ ޙުކުމްތަކާއި، އަޚްލާޤީ މިންގަނޑުތަކާއި، ޤުރުއާނާއި ސުންނަތުން ދޭހަވާ މުހިންމު ދަރުސްތަކާ ބެހޭ ސުވާލުތަކަށް އިސްކަންދޭންވާނެއެވެ. މިފަދަ ސުވާލުތަކުން މުސްލިމުންނަށް އެމީހުންގެ ދީނީ ވާޖިބުތަކާއި ޒިންމާތައް ހަނދާންކޮށްދީ، އެކަންކަމުގެ މައްޗަށް ޢަމަލުކުރުމަށް ހިތްވަރުދެވޭނެއެވެ.

އަދި ހަމައެއާއެކު، އިސްލާމީ ތާރީޚުގެ މުހިންމު ހާދިސާތަކާއި، ނަބިއްޔުންގެ ހަޔާތުން ލިބޭ ޢިބްރަތްތަކާއި، ޞަޙާބީންގެ ފަރާތުން ފެނުނު މާތް ސިފަތަކާ ބެހޭ ސުވާލުތައްވެސް ހިމެނިދާނެއެވެ. ނަމަވެސް، މިފަދަ ސުވާލުތައް ކުރަންވާނީ އޭގެ މަޤްޞަދަކީ ހަމައެކަނި ތާރީޚީ މަޢުލޫމާތު ދަސްކުރުވުމެއް ނޫންކަން ޔަޤީންކުރުމަށްފަހުގައެވެ. އަދި މިފަދަ ސުވާލުތައް ކުރަންވާނީ ދީނީ އަސާސީ މަޢުލޫމާތު އެނގިތިބި ބަޔަކާއެވެ. މިފަދަ ސުވާލުތަކުގެ އަމާޒަކަށް ވާންޖެހޭނީ އެ ވާހަކަތަކުން ލިބޭ ދަރުސްތަކާއި ޢިބްރަތްތައް ދޭހަކޮށްދިނުމެވެ.

މީގެއިތުރުން، ދީނީ ކުއިޒުތަކުގައި މުޢާޞިރު މައްސަލަތަކާ ގުޅޭ ސުވާލުތައްވެސް ހިމެނުމަކީ މުހިންމުކަމެކެވެ. މިސާލަކަށް، ޓެކްނޮލޮޖީގެ ބޭނުންކުރުމުގައި ޝަރުޢީ ހުދޫދުތަކާއި، އިޤްތިޞާދީ މުޢާމަލާތްތަކުގައި ރިބާއިން ދުރުހެލިވުމުގެ މުހިންމުކަމާއި، ތިމާވެށި ރައްކާތެރިކުރުމުގެ ދީނީ ޙުކުމްތަކާ ބެހޭ ސުވާލުތައް ހިމެނިދާނެއެވެ. މިފަދަ ސުވާލުތަކުން މުސްލިމުންނަށް އެމީހުންގެ ދިރިއުޅުމުގައި ދިމާވާ ޒަމާނީ ގޮންޖެހުންތަކަށް އިސްލާމީ ނަޒަރަކުން ޙައްލު ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

ދީނީ ކުއިޒުތަކަކީ ދީނީ ޢިލްމު ފެތުރުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތެކެވެ. ނަމަވެސް، މި ވަސީލަތް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނީ އޭގެ މަޤްޞަދާއި އަމާޒު ރަނގަޅަށް ކަނޑައެޅި، އެއާ އެއްގޮތަށް ސުވާލުތައް ތައްޔާރުކުރެވިގެންނެވެ. އަޅުގަނޑުމެންގެ އަމާޒަކަށް ވާންޖެހޭނީ ހަމައެކަނި މަޢުލޫމާތު ދަސްކުރުވުމެއް ނޫނެވެ. އެއަށްވުރެ މުހިންމީ އެ މަޢުލޫމާތުގެ މައްޗަށް ޢަމަލުކުރުމަށް ބާރުއެޅުމެވެ. އެހެންކަމުން، ދީނީ ކުއިޒުތައް ރޭވުމުގައި މި ނުކުތާތަކަށް ސަމާލުކަންދީ، އިސްލާމްދީނުގެ ޙަޤީޤީ މަޤްޞަދުތައް ހާޞިލްކުރެވޭތޯ ބަލަންވާނެއެވެ. ދީނުގެ އަސާސީ ކަންކަން ނޭނގި، ފުނަށް ފީނާ ދަސްކުރުމެއް ނެތެވެ!