ވައިގަދަ ވިއްސާރަ ރެއެކެވެ. މެންދަން ވީ އިރު ވެސް މަޒްދާ އޮތީ ނުނިދައެވެ. އެ ވިއްސާރަ އަލިވުމަކީ އޭނާ އެދޭ އެންމެ ބޮޑު އެދުމެވެ. އެއަށްވުރެ ބޮޑަށް އޭނާ އެދި އެދި ހުރީ އޭނާގެ ހަޔާތުގައި ހިޔަނި އެޅިފައިވާ ބަނަ ވިއްސާރަ ވިލާގަނޑުން ސަލާމަތްވާނެ ވަގުތަކަށެވެ. 

އެ ފަދަ ވިސްނުމެއްގައި ސިކުނޑި ގައިދުވެފައި އިން ނިކަމެތި އަންހެނެއްގެ ލޮލަށް ނިދި އަންނާނީ ވެސް ކިހިނަކުން ހެއްޔެވެ؟ ނިންޖަށް ވުރެ މަޒްދާގެ ސިކުނޑީގައި ހިނގާ ހައިޖާނުގެ ބޮޑެވެ. އުފުލަން ޖެހިފައިވާ ތަކުލީފުތައް ގިނައެވެ. ކުރަން ޖެހިފައިވާ ހިތާމަ އިންތިހާއެވެ.

މަޒްދާގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. މިއަދު އެ ކަރުނަތައް ދެކޭކަށް މީހެއް ކައިރީގައެއް ނެތެވެ. އޭނާ މުޅިން އެކަނިވެރި ވެއްޖެއެވެ. އެހީތެރިވާނެ ޔާރެއް އިޔާރެއް ނެތި ދުނިޔެ މަތީގައި ބިކަ ވެއްޖެ ކަމުގެ އިޙްސާސު މަޒްދާއަށް މިއަދު ކުރެވެއެވެ. އެންމެ ފަހުން އަންނަމުން ދިޔަ ކަރުނަތަށް އަތުގެ  ނުފުށުން މަޒްދާ ފުހެލިއެވެ.

މަޒްދާ އާއި ދެ ކުދިން ދޫކޮށްލާފައި ރާއިފު ދިޔަ ފަހުން މިއަދަށް އެއް އަހަރު ފުރެން ދާއިރު ވެސް މަޒްދާގެ ހާލަކީ އެއީއެވެ. މަޒްދާ ވިސްނަން ޖެހޭ ކަންކަން ގިނައެވެ. މިއަދު އޭނާގެ މައިބަފައިންނެއް ދުނިޔޭގައެއް ނެތެވެ. އާއިލާގެ މީހަކު ނެތެވެ. އުޅެން ޖެހިފައި އޮތީ މައިންބަފައިންގެ ގޭގައެވެ. އެ ގެ ހުރީ ބޮލަށް ވެއްޓެން ކައިރި ވެފައެވެ. ކުރީގެ ދުވަސް ވީ ގެއެކެވެ. ވާރޭ ވެހެންޏާ ގޭގެ އެކި ދިމަދިމާއިން ގޭތެރެއަށް ވާރޭ ވެހެއެވެ. އެނެއްކޮޅުން ރާއިފް ކުދިންނަކަށް ޚަރަދެއް ނުކުރެއެވެ. އެހެންކަމުން ކުދިންގެ ޚަރަދު ތަކަށް ވެސް އޭނާ ވިސްނާ ވިސްނާ ހުންނަނީ ސިކުނޑި ސުމަކަށް ގޮސްފައެވެ. 

ރާއިފް އާއި މަޒްދާ ކައިވެނިކުރީ ނުހަނު ލޯބިންނެވެ. އެކަކު އެނެކަކާ ޖާނު ދޭހާ ލޯބިންނެވެ. ރާއިފް އަށް ބަދަލު އަންނަން ފެށިކަން މަޒްދާއަށް ފާހަގަ ވާންފެށީ އެމީހުންނަށް  ދެވަނަ ދަރިފުޅެއް ލިބުނު ހިސާބުންނެވެ. ދެވަނަ ކުއްޖެއް ލިބުނީ ފުރަތަމަ ކުއްޖާގެ އުމުރުން ދިހަ އަހަރު ވީފަހުންނެވެ. ކުއްޖަކު ހޯދުމަށް ވަރަށް ގިނަ މަސައްކަތް ކުރެވުނު ފަހުންނެވެ. އެވަރަށް އެކަމަށް މަސައްކަތް ކުރެވުނީ ރާއިފް އަންހެން ކުއްޖެއް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. އެހެނަސް ނަސީބު ދެރައެވެ. ދެވަނަ އަށް ވެސް ލިބުނީ ފިރިހެން ކުއްޖެކެވެ. 

ރާއިފަށް ބަދަލު އަންނަން ފެށީ އެހާ ހިސާބުންނެވެ. ރޭގަނޑު ގެއަށް އައުން މަދުވާން ފެށީ އެ ދުވަސްވަރުއެވެ. މަޒްދާއާއި ކުދިންގެ ކަންކަމުގައި އަޅާލުން ކުޑަވާން ފެށިކަމުގެ އިހުސާސް ކުރެވެން ފެށީ އޭގެ ފަހުންނެވެ. އެ ކަންތައްގަނޑު ބޮޑުވާން ފެށުމުން މަޒްދާ އެ ވާހަކަ ރާއިފް ކައިރީ ދެއްކުން ވީ މަޒްދާއަށް ކުރެވުނު ކުށަކަށެވެ. ރާއިފްގެ އަނިޔާވެރިކަން އިންތިހާއަށް ދިޔައީ އެ ހިސާބުންނެވެ. މަޒްދާ އެ ވާހަކަ ދެއްކި ފަހުން ރާއިފް މަޒްދާއާއި ލޯބިން ވާހަކައެއް ނުދައްކައެވެ. މަޒްދާ އެއްޗެއް ބުނާއިރަށް އަތް އިސްކުރެއެވެ. ހަޑިހުތުރު ބަހުން ޒުވާބު ކުރަންފަށައެވެ. 

ކޮންމެ ދުވަހަކަށް އިރު އަރަނީ ރާއިފްގެ ކޮންމެ ވެސް ލޯބި ފިރުމާލުމެއްގެ ސަބަބުން މަޒްދާގެ ގައިން ތަނެއް ނޫފައިގެންފައިވާ ހާލުގައެވެ. އެ ހާލުގައި ވެސް މަޒްދާ ކެތްތެރިކަމާއެކު، ރާއިފް އާއި އެކު ދިރިއުޅުން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން ދިޔައީ ކުދިންގެ ހައްގުގައެވެ. އެ ކުދިންނަށްޓަކައެވެ. 

އެހެނަސް ކުރިން ނުފެންނަ ރާއިފްގެ މިޒާޖުން މަޒްދާ އެކަނިވެރި ކޮށްލިއެވެ. އަނިޔާވެރިކަން އިންތިހާއަށް ދިއުމުން ވެސް ކުދިންގެ ހައްގުގައި މަޒްދާ ކެތްކުރިއެވެ. ރާއިފްއަށް ވިސްނާ ދިނުމަށް މަސައްކަތް ކުރިއެވެ. އެހެނަސް އެ މަސައްކަތް ވީ ބޭކާރު މަސައްކަތަކަށެވެ. މަޒްދާ އާއި އެކު ނޫޅެވޭނެ ކަމަށް ބުނެ މަޒްދާ ވަރިކުރިއެވެ. މަޒްދާ ދޫކޮށް ރާއިފް ދިޔަގޮތަށް ދިޔައީ އޭނާގެ ރަށަށެވެ. ރާއިފްގެ އޭނާގެ ރަށަށް ދިޔަ ފަހުން ޚަބަރެއް ނުވެއެވެ. ދަރިންނަކާ ވެސް ނުގުޅައެވެ. ދަރިންގެ ހާލެއް ބަލައެއް ނުލައެވެ. 

މަޒްދާ މާޔޫސްވީ ނަމަވެސް އުންމީދު ކަނޑައެއް ނުލައެވެ. ހިތްވަރާއެކު، މަސައްކަތް ކުރަމުން ގެންދިޔައީ ދިރިއުޅުން ކޮޅަށް ޖެހޭތޯއެވެ. އޭނާގެ ދެ ކުދިންނަށް ރަގަނޅު މުސްތަގުބަލެއް ހޯދައި ދެވޭތޯއެވެ. ކައިރީ ގޭގެއަށް މަސައްކަތް ކޮށްދީގެންނާއި އެކަނިވެރި މައިންނަށް ލިބޭ މަދު ފައިސާކޮޅުން ދިރިއުޅުން ހަމަޖެއްސޭތޯ މަޒްދާ މަސައްކަތް ކުރެއެވެ. އެހެނަސް މަސް ނިމޭ އަތަށް އަޅާ އިރު އޭނާ ހުންނަނީ ބޯ ހާސްވާވާރު ވެފައެވެ. އަތުގައި ހުރި ފައިސާކޮޅު ހުސްވެފައި ހުންނާތީއެވެ.

އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ދަރިފުޅު އެދުނީ އޭނާއަށް ޖޫސްޕެޓީއެއް ގަނެ ދިނުމަށެވެ. މަޒްދާ ކޮޓަރިއަށް ގޮސް ވޮލެޓް ހުޅުވާލިއެވެ. އޭގައި އޮތީ އެންމެ ދެތިން ރުފިޔާއެވެ. ދަރިފުޅަށް ޖޫސް ޕެޓީއެއް ގަނެ ދިނުމަށް މަޒްދާ ނުހަނު ބޭނުމެވެ. ދަރިންގެ އެފަދަ ބޭނުންތައް ފުއްދައި ދޭން ކިތަންމެ ބޭނުންވި ނަމަވެސް އެ ކުދިންނަށް ވިސްނައިދީގެން އެ ކަންކަން ހައްލުކުރުން ނޫން އެހެން ގޮތެއް މިއަދު މަޒްދާއަކަށް ނެތެވެ. 

މަޒްދާ އޮތީ ޖޯލިފަތީގައެވެ. އެެއް އަތް ނިއްކުރިމަތީގައި ބާއްވާލައިގެންނެވެ. ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. މާޒީގެ ހަނދާންތަކުގެ ތެރެއަށް ޣަރަގުވެފައެވެ. އެހެނަސް މިއަދު އެ މޫނު މަތިން މާޔޫސީކަމެއް ނުފެނެއެވެ. ހިތާމާއިގެ އަސަރެއް އެ މޫނަކު ނެތެވެ. 

މަޒްދާ ސިހުނީ އޭނާގެ އަތުގައި މީހަކު ޖަހާލަމުން "މަންމާއޭ" ކިޔާ ގޮވާލުމުންނެވެ. މަޒްދާ ލޯ ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅެވެ. ޓައީ އަޅާލައިގެން ދަށަށް ޖަހާލާފައި ހުރި އިރު އޭނާ ވައްތަރީ އޭނާގެ ބައްޕައާއެވެ. އެ ދަރިފުޅަކީ މިއަދު ޒިންމާދާރު މަޤާމެއްގައި ހުރި ކުއްޖެކެވެ. މަޒްދާގެ ގުރުބާނީ ފުރިހަމަ ވެގެން ދިޔަ ކަމުގެ ނިޝާނެކެވެ.

-ނިމުނީ-