ރަމަޟާން މަހަކީ މުސްލިމުންގެ ދިރިއުޅުމުގައި ވަރަށް މުހިންމު މަހެކެވެ. މި މަހުގައި ދުވާލު ރޯދަ ހިފުމަށްފަހު، އިރުއޮށްސުމުން ރޯދަ ވީއްލާ ވަގުތަކީ އުފާވެރި ވަގުތެކެވެ. އެހެންނަމަވެސް، ގިނަ ފަހަރަށް ރޯދަ ވީއްލުމަށް ތައްޔާރުކުރެވޭ ކާނާގެ ބާވަތްތަކަކީ ސިއްޙަތަށް މާ ފައިދާހުރި ހެދިކާތަކެއް ނޫނެވެ. އާނއެކެވެ! ރޯދަ ވީއްލުމަށް ތެޔޮ ހެދިކާތަކެއް ނުހެދިޔަސް ވެދާނެއެވެ.
ތެޔޮ ހެދިކާތަކުގެ ސަބަބުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް މަދެއްނޫނެވެ. ގިނަ ވަގުތު ތެލުގައި ތެލުލާފައި ހުންނަ ކާނާ ކެއުމުގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމަށް ބުރަ ބޮޑުވެ، ވައިގެ އުނދަގޫބޮޑުވެ އަދި ގޮހޮރާއި މައިދާ ފާރުވުން ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. މީގެ އިތުރުން، ތެޔޮ ހެދިކާތަކުގައި ހުންނަ ސެޗުރޭޓެޑް ފެޓްގެ ސަބަބުން ކޮލެސްޓްރޯލް މައްޗަށް ގޮސް، ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ. ހައިބަނޑާ ހުރެ، މައިދާގެ ތެރެއަށް ގިނަ އަދަދަކަށް ތެޔޮތަކެއް އަޅާލުމަކީ މައިދާ ގަޑުބަޑުވެ، ހަޖަމުގެ އަސްލު ހަމަ ގެއްލިދާނެ ކަމެކެވެ. އަދި ހައިބަނޑާ ހުރުމުގެ ސަބަބުން ރޯދަވީއްލާއިރު ކާ އެއްޗެއްގައި ހުންނަ މާއްދާތައް ލޭގެ ތެރެއަށް ނަގާ މިންވަރު އިތުރުވާނެއެވެ. އަދި ވަރުބަލިވެފައި ވުމާއި ހައިބޮޑުވެފައި ވުމުން، ތެލަސް، ފޮންޏަސް، ކުޅިއަސް ހެދިކާއެއްވިޔާ އެހާ ގިނައިން ކެވޭނެއެވެ. އެހެންކަމުން ރޯދަވީއްލަން ތެޔޮ ހެދިކާތަކެއް އަބަދުމެ ހަދާނަމަ، އެއީ ސިއްހަތަށް ދެވޭ އަނިޔާއަކަށް ވެދާނެއެވެ. މައިދާއާއި ހަޖަމުގެ ނިޒާމަށް ޖައްސާ ބޮޑު ބުރައަކަށް ވެދާނެއެވެ.
ވީއްލުމަށް ހެޔޮ ގޮތުގައި ކެވިދާނެ ކާނާގެ ބާވަތްތަކަށް ބަލައިލާނަމެވެ. ކަދުރު ފަދަ ފޮނި އަދި ފައިދާ ހުރި މޭވާތަކުން ރޯދަ ވީއްލުމަކީ ސުންނަތް ގޮތެވެ. މީގެ އިތުރުން، ތަރުކާރީ ސޫޕް، ސަލަޑް، އަދި މަސް ނުވަތަ ކުކުޅު ރޯސްޓް ކޮށްގެން ކެއުމަކީވެސް ރަނގަޅު ގޮތްތަކެކެވެ. މިފަދަ ކާނާތަކުގައި ވިޓަމިންތަކާއި މިނަރަލްސް ގިނައިން ހުރެއެވެ.
ރޯދަ ވީއްލުމަށް ސިއްޙީ ގޮތުން ރަނގަޅު ކާނާ ބޭނުން ކުރުމުގެ ފައިދާތައް ގިނަގުނައެވެ. މިގޮތުން ކެއުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބި، ދުވާލު ރޯދައިގައި ހުރެ ގެއްލިފައިވާ ފެނާއި މިނަރަލްސް އަނބުރާ ލިބެއެވެ. އަދި ހަޖަމު ކުރުމުގެ ނިޒާމަށް ބުރަ ބޮޑުނުވާތީ، ރޭގަނޑު ތަރާވީޙް ނަމާދާއި ދަމު ނަމާދުތައް ކުރުމަށް ފަސޭހަވެއެވެ.
އަހަރެމެންގެ ގިނަ ގޭތަކުގައި ތެޔޮ ހެދިކާއެއް ނުހަދާ ދުވަހެއް ނުދާނެއެވެ. އެއް ތެޔޮގަނޑެއްގައި ރޯދަމަސް ނިމެންދެންވެސް ތެލަށް އަޅާފާނެއެވެ. ދިވެހިންގެ ހެދިކާތަކުގެ ތެރޭގައި ތެލަށް ނުލާވެސް ކެއްކޭ ނުވަތަ ހެދޭ ކިތައްމެ ހެދިކާއެއް ހުރެއެވެ. އެހެންކަމުން ތެލަށް ނުލާ ހެދިކާއެއް ރޯދަވީއްލަން ހެދުމަކީ މާ ބުރަކަމަކަށްވެސް ނުވާނެއެވެ.
ކަންމިހެން ހުރުމާއި އެކު ރޯދަ ވީއްލަން ކޮންމެހެން ތެޔޮ ހެދިކާތަކެއް ހަދާކަށް ނުޖެހެއެވެ. ފިހުނު ހެދިކާތަކާއި އާވިން މަޑުކޮށްގެން ހަދާ ހެދިކާތަކަކީވެސް ބޭނުން ކުރެވިދާނެ ހެދިކާތަކެކެވެ. އަދި ރޮށި ނުވަތަ ބަތް ފަދަ ތަކެއްޗަކީވެސް ހަމަ ރަނގަޅު އިހްތިޔާރު ތަކެކެވެ. އާނއެކެވެ! ރޯދަ ވީއްލަން ތެޔޮ ހެދިކާތަކެއް ނުހެދިޔަސް ވެދާނެއެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން