އިންގްލެންޑްގެ މަޝްހޫރު ފުޓްބޯޅަ ކުލަބު، ލިވަޕޫލްގެ ރަސްމީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ވިޒިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެ، ފަތުރުވެރިން ގެނައުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި، މި ޕާޓްނަރޝިޕްގެ ޒަރިއްޔާއިން ވިޒިޓް މޯލްޑިވްސްއަށް ލިވަޕޫލްގެ ބައިނަލްއަޤްވާމީ އޯޑިއަންސުން ބޮޑު ތަރުޙީބެއް ލިބިގެންދާނެ ކަމަށާއި ކްލަބުގެ މަޤްބޫލުކަމުގެ ބޭނުންހިފައި، މި ވަރުގަދަ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއަޅާނެ ކަމަށެވެ. 

މި އެއްބަސްވުމުގެ ސަބަބުން 2025 ވަނަ އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ޕާޓްނާޝިޕްގެ ދަށުން އެންފީލްޑް ސްޓޭޑިއަމްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް ވިޒިބިލިޓީ އާއި ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާން ފެންނަން ހުންނާނެ އެވެ.

ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ބްރޭންޑިންގ ޖަހާ، ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓު ކުރުން ވެސް ހިމެނެ އެވެ. މީގެ އިތުރުން، އެލްއެފްސީއާ ގުޅިގެން ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިންމު މާކެޓުތަކުގެ ފަތުރުވެރިންނަށް އަމާޒުކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދައްކާލާނެއެވެ. 

ލިވަޕޫލްގެ ގްލޯބަލް އޯޑިއަންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 205 މިލިއަން ފޮލޯވަރުންނާއި، ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސްއަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޮވަރުން ހިމެނެ އެވެ.

ވިޒިޓް މޯލްޑިވްސްގެ މައި މާކެޓުތަކުގައި އެކަނިވެސް 22 މިލިއަން ލިވަޕޫލްގެ ސަޕޯޓަރުން ތިބޭ ކަމަށް ލަފާކޮށް ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން މިހާރަށްވުރެ ބޮޑުތަނުން އިތުރުވެގެންދާނެއެވެ. މި އޯޑިއަންސްގެ ތެރެއިން އެންމެ ދެ އިންސައްތަ މީހުން ރާއްޖެއަށް ޒިޔާރަތްކުރި ނަމަވެސް ޕާޓްނަރޝިޕްގެ ޓާގެޓް ހާސިލު ކުރެވިގެންދާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

ލިވަޕޫލްގެ ކާމިޔާބީތައް ދައްކުވައިދޭ ފޮޓޯއެއް. --ފޮޓޯ: އެޓްސީ.ކޮމް

 

މިއީ ވިޒިޓް މޯލްޑިވްސްގެ ސްޓްރެޓެޖިކް ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެ އަކީ ލީޑިންގ ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްދާ ކެންޕޭނެކެވެ.

ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ ބައިނަލްއަޤުވާމީ ނުފޫޒުގެ ބޭނުން ހިފައިގެން ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ފުޓުބޯޅަ ސަޕޯޓަރުންނާއި ގުޅުން ބަދަހިކޮށް، ރާއްޖެ އިޚްތިޔާރު ކުރުމަށް ހިތްވަރު ދިނުން ކަމަށް ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.

މި ޕާޓްނަރޝިޕް ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންގ އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާއިރު، ލަގްޒަރީ، އެޑްވެންޗަރ އަދި ތަފާތު ތަޖުރިބާތައް ހޯދުމަށް ބޭނުންވާ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ލިވަރޕޫލް ފުޓްބޯޅަ ކުލަބުގެ ޗީފް ކޮމާޝަލް އޮފިސަރ ބެން ލެޓީ ވިދާޅުވީ، "އަހަރެމެންގެ ރަސްމީ ފަތުރުވެރިކަމުގެ މަންޒިލުގެ ޕާޓްނަރެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސް ލިވަރޕޫލް އެފްސީގެ އާއިލާއަށް މަރުހަބާ ކިޔަން ލިބުނީތީ ވަރަށް އުފާވެއްޖެ. އަހަރެމެން ދެފަރާތުން ވެސް މަސައްކަތްކުރަނީ ގިނަބަޔަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ގުޅުވައިދޭ ހަނދާންނައްތާނުލެވޭ ތަޖުރިބާތަކެއް ހޯދައިދިނުމަށް."