ވަފާތެރިކަމަކީ ކޮބާ ހެއްޔެވެ؟ ވަފާތެރިކަމަކީ މީހަކަށް ތެދުވެރިކަމާއިއެކީ ދެގޮތެއްނުވާ އިހްލާސްތެރިކަން ދިނުމެވެ. މިއީ ވަފާތެރިކަމުގެ މާނައަށް ވެދާނެއެވެ. ނަމަވެސް ވަފާތެރިކަމަކީ ހުސްއެކަނި މީހަކަށް ދެވޭ އެއްޗެއް ހެއްޔެވެ؟ އެއް ދުވަހެއްގައި ޕޯޑިއަމްއަކަށް އަރައިގެން މައިކެއްގައި އަތްލުމުން "ބާރަށު މައިކު" ގެ ލަގަބު ލިބިވަޑައިގަތް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވަފާތެރިކަން "ތީރު" އަށް މާނަކޮށްދިނީ ތަފާތު ގޮތަކަށެވެ. ވަފާތެރިކަމަކީ މީހާގެ ނަފްސާއި ޟަމީރަށްވެސް ހައްގުވާ އެއްޗެކެވެ. އެހެންކަމުން، ޝުޖާއުވެސް ނިންމެވީ އެއިރަކު އޮއި ދާ ދިމާލަކަށް ނުގޮސް، ވަކި މިސްރާބެއްގައި އެއް މަންޒިލަކަށް ދަތުރު ކުރާށެވެ. ނަމަވެސް، އޭނާގެ ދަތުރުގެ މިސްރާބާ މެދު ސުވާލު އުފައްދާ ފަރާތްތަކަށް ޝުޖާއު ދިނީ މި ޖަވާބެވެ.
"ލީޑަރު ބަދަލުވިޔަސް، ފިކުރު ބަދަލެއް ނުވޭ. އަޅުގަނޑު އަދިވެސް މި ހުރީ ޕާޓީގެ ފިކުރަށް ވަފާތެރިކޮށް. ޕީޕީއެމްގެ ފިކުރު މަތީގައި ސާބިތުކަންމަތީ ދެގޮތެއްނުވެ. ރައްޔިތުންނާއި ހަމައަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ގެނެސްދީ ނެގެހެއްޓުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތް. ސާބިތުކަމަކީ ދިމާވާ ގޮންޖެހުންތަކާއި ސާބިތުކަމާއިއެކު ހުރެ ކުރިމަތިލުން. އެކަމަކީ ތިމާގެ ޕާޓީގެ ކަމެއްވިޔަސް. އަޅުގަނޑު ކަންކަމާއި ކުރިމަތިލަނީ ސާބިތުކަމާއިއެކު. ދުވަހަކުވެސް ގިވްއަޕް ނުކުރާނަން"
މީހަކަށް ވަފާތެރިކަން ރައްދުކުރުމަށްވުރެ ބޮޑަށް ފިކުރަށް ވަފާތެރިވުމަކީ ޝުޖާއުގެ ރަދީފުގައި އެ ލަފްޒު މާނަކުރާ ގޮތެވެ. މި ކިޔައިދެނީ ބާރަށު ދާއިރާގެ މެންބަރުގެ ގޮތުގައި ދެވަނަ ދައުރަކަށް މަޖިލީހަށް ވަޑައިގެންނެވި ޝުޖާއު ޕާޓީއަށް ދެއްވާކަމަށް ވިދާޅުވާ ވަފާތެރިކަމުގެ ވާހަކައެވެ. އެހެނަސް، ވަފާތެރިކަމަކީ ހުސް އެކަނި ޕާޓީގެ ފިކުރިއްޔާތުގައި ދެމިހުރުމެއް އެކަންޏެއް ނޫނެވެ. ވަފާތެރިވާންވީ ކޮން އެއްޗަކަށް ހެއްޔެވެ؟ "މަސްއޫލިއްޔަތުތައް" ، މިއީ ޝުޖާއު ދެއްވި ޖަވާބެވެ.
އާދެ! ގިނަ ބަޔަކަށް ބާރަށު ދާއިރާގެ މެންބަރު އެނގިވަޑައިގަންނަވަނީ މަޖިލީހުގެ ތަޅުމުން ނުވަތަ ހަރުގެ ޖަލްސާތަކުންނެވެ. ނަމަވެސް ބާރަށުގެ ދާއިރާގެ މެންބަރަށް "ބާރަށު މައިކު" ގެ ލަގަބު ލިބިވަޑައިގަތީ ކިހިނެއްތޯއެވެ؟ މި ސުވާލުގެ ޖަވާބަށް ޖެހިލުމުގެ ކުރިން މީގެ 40 އަހަރު ކުރިން ހަޔާތުގެ ދަތުރު ފެއްޓެވި ޝުޖާއުގެ ކުރު ތައާރަފަކަށް ދަމާ ހެއްޔެވެ. ޝުޖާއުއަކީ ހއ. ބާރަށު މުޙައްމަދު ފިރާޤަށް ލިބުނު 4 ކުދިންގެ ތެރެއިން އެކެކެވެ. ކުޑައިރު އެކި ފޮތްފޮތާއި ފިލްމުތައް ބައްލަވަން ޝައުގުވެރިވެވަޑައިގަތް ޝުޖާއު ހީރޯއެއްގެ ގޮތުގައި ސިފަކުރެއްވީ އެންމެ މީހެކެވެ. އެއީ އޭނާގެ ލޯބިވާ ބައްޕައެވެ. ބާރަށުގައި އެންމެންގެ އިހުތިރާމް ހޯދި މުޙައްމަދު ފިރާޤަކީ ޝުޖާއުގެ 'ހީރޯ' އެވެ. ޝުޖާއު ވިދާޅުވިގޮތުގައި އެ ހީރޯގެ ފިޔަވަޅުމަތިން އޭނާވެސް ހިންގަވަން ބޭނުންވެވަޑައިގަތެވެ.
ކިޔެވުމަށް ވަފާތެރިކަން
ޝުޖާއުގެ މައިންބަފައިން އޭނާ މާލޭގެ ސްކޫލަކަށް ފޮނުވީ ނުހަނު މަސައްކަތުންނެވެ. މިކަން ގަބޫލުކުރައްވަމުން ޝުޖާއު ވަރަށް ހައްސާސްކަމާއިއެކީ މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) އިން ތައުލީމު ހާސިލުކުރެއްވިއެވެ. އެއަށްފަހު އޭ ސްޓާރ އަކާއި އޭ ގްރޭޑް ހިމެނޭ ސާނަވީ ނަތީޖާތަކަކަށްފަހު ޝުޖާއުވެސް ވިޔަފާރީގެ ދާއިރާގެ ތެރެއަށް މަޑުމަޑުން ވަދެވުނެވެ.
ލަވަ ވިދާޅުވާ ބޭފުޅެއް
ސްކޫލު ދައުރުގައި ފުޓްބޯޅަ ކުޅުއްވަން ލޯބިކުރެއްވި ޝުޖާއުއަކީ ލަވަ ވިދާޅުވާންވެސް ޝައުގުވެރިވެލައްވާ ބޭފުޅެއްކަން އެނގެނީ ކިތައް މީހުންނަށްތޯއެވެ؟ ޝުޖާއު ވަނީ އޭރުގައި ސްކޫލު ލަވަ މުބާރާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. ރަށަށް ދެވޭ ފަހަރެއްގައި އީދު ތެރެއިންވެސް ޝުޖާއު ލަވަ ވިދާޅުވާ އަޑު އިވޭކަމަށް ބާރަށު ރައްޔިތުން ހެކިވާނެއެވެ. ޝުޖާއު ވިދާޅުވީ ފަހުންވެސް ފުރުސަތެއް ލިބިވަޑައިގެންފިނަމަ އޭނާގެ އަޑުން ލަވަ ކިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ބާރަށުގެ 'ޝުޖާބެ'
ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެންނަށް އަމާޒުވާ ރުޅިވެރިކަން ޝުޖާއުއަށްވެސް އަމާޒުވެއެވެ. ގޮންޖެހުމަކާ ކުރިމަތިލާންޖެހޭހިނދު ވާހަކަދައްކައިގެން ހައްލުކުރުމަކީ އޭނާގެ ފަލްސަފާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެނަސް ޝުޖާއުގެ ބަހުންނަމަ އޭނާ ރަނގަޅަށް ދަންނަ އެއްވެސް މީހަކު އޭނާ ދެކެ ރުޅިވެރިކަމެއް ނުގެންގުޅޭނެއެވެ.
"އަޅުގަނޑު ދެކެ ރުޅިއައުމުގެ ކުރިން އަޅުގަނޑު ސްޓަޑީ ކުރައްވާ."
ޝުޖާއު ވަނީ ބޮޑު އަޣުލަބިއްޔަތަކާއިއެކު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރައްވައިފައެވެ. އެފަހަރުގެ ދައުރު ހަމަވުމަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިިހާބުން ޝުޖާއުއަށް ބާރަށު ދާއިރާގެ ގޮނޑި ކާމިޔާބު ނުކުރެވުނު ނަމަވެސް ޝުޖާއު ވަނީ އޭގެ ފަހުން މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެންބަރު ކަމަށް ހޮވިވަޑައިގެންފައެވެ. އަދި ނިމިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުވެސް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވާފައެވެ. މި ތިން އިންތިހާބުގައި ނިސްބަތުން އެންމެ ގިނަ ވޯޓު ލިބިވަޑައިގަތް ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ފާހަގަކުރެވިފައި ވެއެވެ. މި އިންތިހާބުތަކުގެ ނަތީޖާއަށް ބަލާފައި ޝުޖާއުއަކީ ޒުވާނުންނާއި ވަރަށް ގާތުން މަސައްކަތްކުރައްވާ ބޭފުޅެއްކަން ހާމަވެގެންދެއެވެ.
ރަށުގައި އޭނާއަށްވުރެ ހަގު ރަހުމަތްތެރިން އޭނާއަށް ޝުޖާއުބެ ކިޔަން ފެށުމުން މިހާރު ބާރަށުގައި އޭނާއަށްވުރެ ހަގު ގިނަ މީހުން އޭނާއަށް ގޮވާ ހަދަނީ "ޝުޖާއުބެ" ކިޔައިފައެވެ. އޭނާއަށް ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވާދިން ޓީޗަރުން އޭނާގެ މަސައްކަތާއި ބެހޭގޮތުން ދައްކާ ވާހަކަތައް އަދިވެސް އަޑުއައްސަވައިގެން ގަބޫލުކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ، ސިޔާސީ ދާއިރާގެ ޒިންމާ އަދާކުރައްވަން ފެއްޓެވިފަހުން އޭނާއަށް ހުސްވަގުތެއް ލިބިވަޑައިގަތަސް ގިނަގިނައިން ދުނިޔޭގެ ކާމިޔާބު ލީޑަރުންނާއި ބެހޭ ފޮތްފޮތް ބައްލަވާ ހައްދަވާ ކަމަށެވެ.
'ބާރަށު މައިކު'
ބާރަށު ދާއިރާގެ 'މައިކު'ގެ ލަގަބު އޭނާއަށް ލިބިވަޑައިގަތީ ކިހިނެއްތޯ އެހުމުން ޝުޖާއު ވިދާޅުވީ އެ ލަގަބަކީ އޭނާއަށް ލިބިވަޑައިގަތް އުފަލެއް ކަމަށެވެ. އެ ލަގަބު ލިބިވަޑައިގަތީ ބާރަށު ދާއިރާގެ ގޮނޑިއަށް ކުރިމަތިލެއްވުމަށްފަހު ބޭއްވި ބަހުސްއެއްގެ ތެރެއިން ދެއްވި ޖަވާބަކާއި ގުޅިގެން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"މޮޑަރޭޓަރ ކުރެއްވި ސުވާލަކަށް ޖަވާބެއްގެ ގޮތުގައި އަޅުގަނޑު ބުނީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި އެންމެ ބާރަށް ވަކާލާތު ކުރާ މައިކަކަށް ބާރަށު ދާއިރާގެ މައިކު ވާނެ ކަމަށް"
އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވި ތަނުގެ މަސައްކަތުގައި އަދިވެސް
ޝުޖާއުގެ ކާފައަކީ ބާރަށުގައި ގަދައަށް ވިޔަފާރިކުރި ފަރާތަކަށްވީތީ ޝުޖާއުގެވެސް ހިތް، ވިޔަފާރީގެ ދާއިރާއަށް ދޫވެވަޑައިގަތެވެ. 2003 ވަނަ އަހަރު ޝުޖާއު، މަޝްހޫރު ސުޕަމާކެޓް ޗެއިން ރެޑްވޭވްގައި މަސައްކަތްކުރައްވަން ފެއްޓެވިއެވެ. ރެޑްވޭވްގައި އެކައުންޓްސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފެއްޓެވި ޝުޖާއުއަކީ މިހާރުވެސް އެތަނުގެ ޕޭރޯލްގައި ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. މިހާރު އޭނާއަކީ ރެޑްވޭވްގެ ޖެނެރަލް މެނޭޖަރެވެ. ޝުޖާއު ވިދާޅުވީ އޭނާ ވިޔަފާރީގެ ދާއިރާއަށް ޝައުގުވެރިކަން އިތުރުވީ އެތަނުން ކަމަށެވެ. އަދި އޭނާއަށް ދަސްވީހާ އެއްޗެއް ދަސްވެވަޑައިގަތީ އެތަނުން ކަމަށްވެސް ވިދާޅުވިއެވެ.
ޕާޓްނަރުގެ ހިޔާލަށް ވަފާތެރިކަން
ޝުޖާއުއަކީ އޮފިޝަލް އިވެންޓްސްގެ ނަމުގައި 2015 އިން ފެށިގެން ކުންފުންޏެއް ހިންގަވަމުންދާ ބޭފުޅެކެވެ. އޮފިޝަލް އިވެންޓްސްއަކީ ބައެއް ކަހަލަ އިވެންޓްތަކަށް ބޭނުންވާ އިކުއިޕްމެންޓް ރެންޓްކޮށް، އިވެންޓްތަކުގެ ލައިޓިންއާއި އިވެންޓް މެނޭޖްކުރުމާއި ފޮޓޯގްރަފީއާއި ވީޑިއޯގްރަފީ ފަދަ އިވެންޓްތަކަށް ބޭނުންވާ ޓޯޓަލް ސޮލިއުޝަންސް ފޯރުކޮށްދޭ ކުންފުންޏެކެވެ. ޝުޖާއު ވިދާޅުވީ މި ކުންފުންޏަކީ އޭނާގެ ޒުވާން ޕާޓްނަރ އަޙްމަދު އަދުހަމްގެ ހިޔާލެއް ކަމަށެވެ. އޭރު ރާއްޖޭގައި އިވެންޓްސްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތައް މަދުކަމުން މި ވިޔަފާރި ފެއްޓެވުމަށް ފަސޭހަވެވަޑައިގަތް ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ރާއްޖޭގައި އިވެންޓްސް އިންޑަސްޓްރީ ފުޅާވާ މަންޒަރު ބައްލަވަން އުންމީދުކުރައްވާ ކަމަށެވެ. ދެ ޕާޓްނަރުންވެސް މި ވިޔަފާރިއަށް ވަނީ ވަރަށް ރިސާޗްކޮށްގެން ކަމަށް ޝުޖާއު ވިދާޅުވިއެެވެ.
"އަޅުގަނޑު އެންމެ ބޮޑަށް ކްރެޑިޓް ދޭން ބޭނުންވޭ އޮފިޝަލް އިވެންޓްސްގެ ޕާޓްނަރާއި ޒުވާން ޓީމަށް. ބައެއްފަހަރު އެއްވެސް އަގަކާއި ނުލާ އަލަށް ފަށާ ވިޔަފާރިތަކަށް ހިދުމަތްދެން. ވެވެން އޮތް ސަޕޯޓަކީ ކޮބާތޯވެސް ބަލަން"
މީގެ އިތުރުންވެސް، ޝުޖާއުގެ އާއިލާއިން ހިންގާ "ސްވާން" ކުންފުނީގެ މަސައްކަތުގައިވެސް އޭނާ އެހީތެރިވެވަޑައިގަންނަވައެވެ. ސްވާން އިން ކެފޭ އާއި ބައެއް ރީޓެއިލް ވިޔަފާރިތައް ކުރެއެވެ. ޝުޖާއު ވިދާޅުވިގޮތުގައި ސިޔާސީ ދާއިރާއަށްވުރެ ބޮޑަށް ވިޔަފާރީގެ ދާއިރާއަކީ މާ ފަސޭހަ މަސައްކަތެކެވެ.
ޒުވާން އުމުރުގެ ލޯބީގައި އަދިވެސް ސާބިތުވެ
ޝުޖާއުގެ އިންސްޓަގްރާމް ހުޅުވާލާ ކޮންމެ މީހަކަށް ފެންނާނީ ބާރަށު ދާއިރާގެ މެންބަރު ޝުޖާއުއަށްވުރެ ބޮޑަށް މުޅިން އެހެން ޝުޖާއުއެކެވެ. އެ ޕޭޖުން ފެނިވަޑައިގަންނަވާ ޝުޖާއު ހުންނަވަނީ 13 އަހަރުގެ ފިރިހެން ކުއްޖަކާއި 11 އަހަރުގެ ފިރިހެން ކުއްޖަކާއި ދެ އަހަރުގެ އަންހެން ކުއްޖަކާއި 3 މަހުގެ ކުއްޖަކާއި އެއްކޮށް ރީތި އެކި 'ޕޯޒް' ތަކަށް ހުއްޓިލައިގެންނެވެ. އެ ފޮޓޯތަކުގައި ފެނިވަޑައިގަންނަވަނީ ޝުޖާއު ވަފާތެރިކަމާއިއެކީ އެޅި ޒަވާޖީ ހަޔާތުގެ ނަލަ ކުލަތަކެވެ. ކިތަންމެ ބުރަކޮށް އުޅުއްވިޔަސް، ޝުޖާއު އޭނާގެ އާއިލާއަށް ވަގުތު ދެއްވުމުގައި ތަންފުކެއްވެސް ދޫނުކުރައްވައެވެ.
ހަޔާތުގެ ސަފްހާތައް އުކަމުން ޝުޖާއު ވިދާޅުވީ، އޭނާއާއި އަނބިކަނބަލުންނާއި ދިމާވެވަޑައިގަތީ އަންހެނުންގެ މަންމަގެ ދައްތަގެ ގޭގައި ކިޔަވަން ހުއްޓާ ކަމަށެވެ. 2009 އިން ފެށިގެން ފެށުނު އެ ލޯބި އަދިވެސް ޝުޖާއު ގެންދަނީ ދަމަހައްޓަވަމުންނެވެ.
އިންޓަވިއު ނިންމަވާލައްވަމުން ޝުޖާއު ވިދާޅުވީ، ކޮންމެ މަސައްކަތެއް ކުރިޔަސް، އެކަމެއް ކުރަންވާނީ ގަޔާވެގެން ކަމަށެވެ. އެއީ ސިޔާސީ ދާއިރާއަށްވިޔަސް ވިޔަފާރިއަށްވިޔަސް ނުވަތަ ރަހުމަތްތެރިކަމާއި އާއިލީ ގުޅުމާއި ރަށްދެކެ ވާ ލޯތްބަށް ވިޔަސްމެއެވެ. ޒިންމާތަކަށް ވަގުތު ދެމުންވެސް އަމިއްލަ ކަންކަމަށްވެސް ވަގުތު ހޯދައިދީގެން ނޫނީ ކާމިޔާބީ ނުލިބޭނެކަން ޝުޖާއުގެ ވާހަކައިން ދޭހަވެއެވެ. އިންޓަވިއު ކުރިގަޑީގައިވެސް ޝުޖާއު ހުރީ އޭނާގެ 3 މަހުގެ ދަރިފުޅު އުރާލައިގެންނެވެ. އެވަގުތުކޮޅުވެސް ދަރިފުޅުގެ ކަންކަން ބައްލަވަމުންވެސް ޝުޖާއު ދިޔައީ މަލްޓިޓާސްކް ކުރައްވަމުންނެވެ. އޭނާއަކީ ފައްޓަވާ މަސައްކަތެއް ދޫނުކުރެއްވުމުގެ އިތުރުން އޭނާ ގެންގުޅުއްވާ އުސޫލުގެ މަތީގައި ސާބިތުވެ ހުންނަވާ ބޭފުޅެއްކަން ނިންމަވާލައްވަމުންވެސް ވިދާޅުވެފައި ވެއެވެ. ހަގީގަތުގައިވެސް ބާރަށުގެ މައިކުގެ އަޑު ފަނޑުނުވާނެކަން ޔަގީން ނޫންތޯއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން