ރޯދަމަހު ތިބާގެ ކެއުންތަކުގައި މޭވާއާއި ތަރުކާރީގެ ބާވަތްތައް ހިމެނުމަކީ ހަށިގަނޑު ރަނގަޅު ސިއްޙަތެއްގައި ބެހެއްޓުމަށާއި، ހަކަތަ ދެމެހެއްޓުމަށް މުހިއްމު ކަމެކެވެ. އަދި މުހިންމު ނިއުޓްރިއަންޓްސް ލިބިގަތުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ރޯދައަށް ހުންނައިރު، ހަށިގަނޑަށް ބޭނުންވާ މުޙިއްމު މާއްދާތައް ހިމެނޭ، ހަށިގަނޑުގައި ވަރުޖައްސައިދޭ ކާބޯތަކެތި ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އެގޮތުން، ތިރީގައިވާ މޭވާއާއި ތަރުކާރީތަކަކީ ރޯދަމަހާއި އެނޫން މަސްމަހުގައިވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކެއުން ރަނގަޅު ކާނާއެވެ.
ކަދުރު
ކަދުރަކީ ހަކުރުގެ ބާވަތްތައް (ގްލޫކޯސް، ފްރުކްޓޯސް، ސުކްރޯސް) ވަރަށް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. މީގެ ސަބަބުން ރޯދަވީއްލާއިރު ކަދުރު ކެއުމުން ހަށިގަނޑަށް ރަނގަޅަށް ހަކަތަ ލިއްބައިދެއެވެ. މީގެ އިތުރުން ޕޮޓޭސިއަމް، މެގްނީސިއަމް އަދި އަޔަން ވެސް ރަނގަޅު އަދަދަކަށް ލިއްބައިދެއެވެ. އަދި ފައިބަރގެ ސަބަބުން ކާނާ ހަޖަމުކުރުމަށްވެސް އެހީވެދެއެވެ.
ކަރާ
ކަރަލަކީ %90 ފެން ހިމެނޭ މޭވާއެކެވެ. މީގެ ސަބަބުން ކަރަލަކީ ރޯދަވީއްލުމަށާއި ހާރުކެއުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. ވިޓަމިން އޭ، ސީ، އަދި ލައިކޮޕީން ކިޔާ، ހިތުގެ ސިއްޙަތަށް ރަނގަޅު މާއްދާއެއް މި މޭވާގައި ހިމެނެއެވެ. ކަރަލަކީ، ކެލޮރީސް މަދު، ރަނގަޅަށް ބަނޑުފުރުވައިލާ އެއްޗެެއްވެސް މެއެވެ.
ދޮންކެޔޮ
ދޮންކޭލަކީ ޕޮޓޭސިއަމް ވަރަށް ގިނަ އަދަދަކަށް ހިމެނޭ މޭވާއެކެވެ. މީގެ ސަބަބުން ރޯދައަށް ހުންނައިރު ހަށިގަނޑުގައި ފެނުގެ މިންވަރު ހަމައަކަށް ބެހެއްޓުމަށް އެހީވެދެއެވެ. އަދި ހަކުރުގެ ބާވަތްތަކުން ހަކަތަ ލިއްބައިިދިނުމުގެ އިތުރުން ފައިބަރ ލިއްބައިދޭތީ، ބަނޑުހައިވުން ލަސްކޮށްދެއެވެ.

އާފަލު
އާފަލަކީ ފައިބަރގެ ބާވަތެއް ކަމުގައިވާ ޕެކްޓިން، ވަރަށް ގިނަ އަދަދަކަށް ލިއްބައިދޭ އެއްޗެކެވެ. މީގެ ސަބަބުން ކާނާ ހަޖަމުކުރުމަށް ފަސޭހަކޮށްދީ، ގިނަވަގުތަކަށް ބަނޑުހައިކަން ނައްތާލުމަށް އެހީވެދެއެވެ. މީގެ އިތުރުން ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސްވެސް ލިއްބައިދެއެވެ.
މިފަދަ މޭވާތައް ކެއުމުގައި ހިމެނުމުން، ރޯދަ މަހުތެރޭގައި ހަށިގަނޑަށް ބޭނުންވާ ފެނާއި، ހަކަތައާއި އަދި އެހެނިހެން މާއްދާތައް ލިބިގަނެވޭނެއެވެ. ރޯދަމަހުގައި ތަފާތު ފަންޏާއި ފޮނިކާތަކެތި ތައްޔާރުކުރުމުގައި މި މޭވާތައް އެކި ގޮތްގޮތަށް ތައްޔާރުކުރެވިދާނެއެވެ.
ކިއުކަންބާ
ކިއުކަންބާގައި %95 ފެންހިމެނޭއިރު، ހަށިގަނޑަށް ބޭނުންވާ ވިޓަމިން ކޭ އަދި ޕޮޓޭސިއަމްވެސް ކިއުކަންބާ މެދުވެރިކޮށް ލިބޭނެއެވެ. އެގޮތުން، ރޯދަ ވީއްލުމަށް ނުވަތަ ހާރު ކެޔުމަށް ތައްޔާރު ކުރާ ސެލެޑު އަދި ސޭންޑްވިޗްގައި ކިޔުކަންބާ ހިމެނިދާނެއެވެ.
ފެހި ތަރުކާރީ
ސްޕިނަޗް، ކޭލް އަދި ލެޓިއުސް ފަދަ ފެހި ތަރުކާރީގައި ހަށިގަނޑަށް ބޭނުންވާ އަޔަން، ފައިބާ، ވިޓަމިން އޭ، ވިޓަމިން ސީ އަދި ކެލްޝިއަމް ހިމެނެއެވެ. މިއީ، އިންސާނާގެ ހަޖަމީ ނިޒާމާއި ވަރުބަލިކަން ކުޑަކުރުމަށް ބޭނުންވާ މުޙިއްމު މާއްދާތަކެކެވެ. މިފަދަ ފެހި ތަރުކާރީގެ ބާވަތްތަކަކީ ރޯދަ ވީއްލުމަށް ތައްޔާރުކުރާ ބޯކިބާ، ސޭންޑްވިޗް ފަދަ ތަކެތި ހެދުމުގައި ބޭނުންކުރެވިދާނެ ތަރުކާރީތަކެކެވެ.
ކެރެޓު
ކެރެޓަކީ ވިޓަމިން އޭ، ފައިބާ އަދި ހަށިގަނޑުގައި ދައުރުވާ ސެލްތައް ހިމާޔަށް ކުރުމަށް ބޭނުންވާ އެންޓިއޮކްސިޑަންޓްސް ހިމެނޭ ތަރުކާރީއެކެވެ. ރޯދަ ވީއްލުމަށް ތައްޔާރު ކުރާ އެކި ކަހަލަ ކާބޯތަކެތީގައި ކެރެޓު ބޭނުންކުރެވިދާނެއެވެ. އެގޮތުން، ޖޫސް ހެދުމާއި ސެލެޑުގައި ބޭނުންކުރުމުގެ އިތުރުން އާންމުކޮށް ކެއުމަށް ގެންގުޅޭ ތަކެއްޗަށް ކެރެޓުކޮޅެއް ގާނާލުމަށްފަހު އަޅާލެވިދާނެއެވެ.
ޓޮމާޓޯ
ޓޮމާޓޯ ނުވަތަ ވިލާތު ބައްޓަކީ ވިޓަމިން ސީ، ޕޮޓޭސިއަމް އަދި ހިތުގެ ބަލިތަކުން ހިމާޔަތްކޮށްދިނުމަށް ބޭނުންވާ މުޙިއްމު އެންޓިއޮކްސިޑަންޓްސް ހިމެނޭ ތަރުކާރީއެކެވެ. އެގޮތުން، ރޯދަ ވީއްލުމަށް ނުވަތަ ހާރުކެއުމަށް ތަފާތު ވައްތަރުގެ ރިހަ އަދި ސޯސްތައް ތައްޔާރުކުރަމުންދާއިރު، ޓޮމާޓޯ ބޭނުންކުރެވިދާނެއެވެ.
ކައްޓަލަ
ކައްޓަލައަކީ ހަށގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓްސް، ފައިބާ އަދި ވިޓަމިން އޭ ހިމެނޭ ތަރުކާރީއެކެވެ. މި ތަރުކާރީއަކީ ރޯދައަށް ހުންނައިރު ވަރުބަލިކަން ކުޑަކޮށްދިނުމުގައި އެހީތެރިވެދޭ ކާނާއެކެވެ. އެގޮތުން، ރޯދަ ވީއްލުމަށް އަދި ހާރު ކެއުމަށް ކައްޓަލަ ފެނުކައްކައިގެން ނުވަތަ ފިހެގެން ތައްޔާރުކޮށްލެވިދާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން