ބަވަނަވަމުން އަންނަ ދުނިޔޭގައި ކެމިކަލަށް އަޅުދާސްތުވެގެން އަހަރުމެން އުޅެންފެށިތާ ދުވަސްތަކެއް ވެއްޖެއެވެ. ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ތަކެތީގައިވަނީ ހުސް ކެމިކަލެވެ. މުޅި މުޖުތަމަޢު މިވަނީ މި ކެމިކަލުގެ އަނދަވަޅަކަށް ވެއްޓިފައެވެ. މިކަމުން މުޖުތަމަޢު ސަލާމަތްކުރަން މިހާރު މާލަސްވެއްޖެއެވެ.
މީހާ ރީތިވެ، ހަމުގެ ކުލަ އަލިކޮށް، މީހުން އަޅައިގަންނަ ކަހަލަ ގޮތްގޮތައް މޭކަޕްކުރުމަށް އެކި ކަހަލަ ކޮސްމެޓިކްސް ވަރަށް ގިނަބަޔަކު ބޭނުންކުރެއެވެ. ރީތިވާ ސާމާނުތަކަކީ ގިނަ އަދަދަކަށް ކެމިކަލް ހިމެނޭ ތަކެތިކަމަށްވެފައި، އޭގައި ބޭނުންކުރާ ނުރައްކާތެރި ބައެއް ކެމިކަލްތަކަކީ 'އިންގްރީޑިއަންޓް' ލިޔާއިރު މީހުންނަށް އޮޅުވާލުމަށްޓަކައި ނުލިޔެ ދޫކޮށްލާފައިވާ ތަކެއްޗެވެ. މިތަކެތި ހަށިގަނޑަށްގޮސް، އެކިކަހަލަ ގެއްލުންތައް ލިބޭއިރު، މިކަމުން ސަލާމަތްވާން ބޭނުންނަމަ މިފަދަ ކޮސްމެޓިކްސްތަކާ ދުރުވުން މުހިންމެވެ.
ކެމިކަލް ބޭނުންކުރާއިރުވެސް އޭގެ ނުރައްކާތެރިކަން އެހާބޮޑަށް ގިނަ މީހުންނަށް ނޭނގެއެވެ. ކެމިކަލް ހަށިގަނޑަށްދާ ގޮތްތަކާއި، އެ ކެމިކަލް ހަށިގަނޑަށް ވާސިލްވުމުން ހަށިގަނޑަށް ލިބޭ ގެއްލުމާއި ނުރައްކާތެރިކަމަކީ ކޮބައިކަމުގެ އިތުރުން، ބައެއް ކެމިކަލްތަކުގެ ނަން ފަދަ މަޢުލޫމާތު އެނގޭނަމަ، ކެމިކަލާ ދުރުވާން ގިނަ ބަޔަކު މަސައްކަތްކުރާނެއެވެ. އެހެންކަމުން ކެމިކަލާ ގުޅުންހުރި މަޢުލޫމާތު މުޖުތަމަޢަށް ފޯރުކޮށްދިނުމުން ކެމިކަލުން ސަލާމަތްވެފައިވާ ވެއްޓެއް މީހުންނަށް ލިބިގެންދާނެއެވެ.
އާއްމުކޮށް ބޭނުންކުރާ ދަޅުގައި ބަންދުކުރާ ކާތަކެއްޗަކީ 'ކްލޮސްޓްރިޑިއަމް ބޮޓްލައިނަމް' ނަމަކަށް ކިޔާ ބެކްޓީރިއާއެއް ހިމެނޭ ތަކެއްޗެވެ. އެއީ ހަށިގަނޑަށް ނުހަނު ނުރައްކާތެރި ބެކްޓީރިއާއެކެވެ. މީގެއިތުރުން، ދަޅުގައި ބަންދުކުރާ ކާތަކެއްޗަކީ، ހިތުގެ ބަލިތައް ޖައްސާ މާއްދާއެއްކަމުގައިވާ ބީ.ޕީ.އޭ ގިނަ އަދަދަކަށް ހިމެނޭ ތަކެއްޗެވެ. އެހެންކަމުން އެންމެ ރައްކާތެރިގޮތަކީ ބިއްލޫރި ތަކެތީގައި ބަންދުކޮށްފައި ހުންނަ ކާތަކެތި ގަތުމެވެ.
އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ތަކެތީގައި ކެމިކަލް ހުރެޔޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ކާތަކެތީގައްޔާއި ލާއައްނައުނުގައާއި، ތަންތަން ސާފުކުރަން ބޭނުންކުރާ އެއްޗެހީގެ އިތުރުން، ރީތިވާ ސާމާނުގައިވެސް ކެމިކަލެވެ. އެހެންކަމުން ކެމިކަލްއާ ގުޅުންހުރި މަޢުލޫމާތުދީ، މީހުން ހޭލުންތެރިކުރުން މުހިންމެވެ. ގިނައަދަދަކަށް ކެމިކަލް ހިމެނޭ ކޮސްމެޓިކްސް ބޭނުންކުރުމުން ދުރުހެލިވެ، ދަޅުގައި ބަންދުކޮށްފައި ހުންނަތަކެތި ކެއުން މަދުކުރަން ޖެހެއެވެ. އެބައެއްގެ ސަލާމަތްތެރިކަން އޮތީ އެބައެއްގެ އަތްމަތީގައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން