މީގެ 19 އަހަރު ކުރިން ރިލީޒްކުރި ބޮލީވުޑް ރޮމޭންޓިކް ފިލްމު "މުޖްސޭ ދޯސްތީ ކަރޯގޭ" އަކީ އެ އަހަރު ނުކުތް އެންމެ ރީތި އެއް ފިލްމެވެ. ބޮކްސް އޮފީހުގައި ނާކާމިޔާބުވީ ނަމަވެސް މިއީ އަދިވެސް ގިނަ ބަޔަކު އެ ފިލްމެއްގެ ވާހަކަ ދައްކާ ފިލްމެކެވެ.

ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށް ކުނާލް ކޯލީ ޑައިރެކްޓްކުރި "މުޖްސޭ ދޯސްތީ ކަރޯގޭ" އަކީ 1996 ވަނަ އަހަރު ނެރުނު އެމެރިކަން ކޮމެޑީ ފިލްމު "ދަ ޓްރުތު އެބައުޓް ކެޓްސް އެންޑް ޑޯގްސް"ގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ތިނެސްކަން ލޯބީގެ މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔައީ ރިތިކް ރޯޝަންއާއި ރާނީ މުކަރްޖީއާއި ކަރީނާ ކަޕޫރެވެ.
ކަރީނާގެ މޮޅު އެކްޓިންގއެއް ފެނިގެންދިޔަ މި ފިލްމުގެ އެންމެ ޚާއްސަ އެއް ކަމަކީ ކަރީނާ ކަޕޫރްގެ ކުޑައިރުގެ ބައި ކުޅުނު ކުއްޖާއެވެ. ބަރްކާ ސިންގ ނަމަކަށް ކިޔާ އެ އަންހެން ކުއްޖާއަށް އޭރު އެންމެ 10 އަހަރެވެ. މިހާރު އެއީ ޒުވާން އެކްޓްރެސްއެކެވެ. ގިނައިން މަސައްކަތްކުރަނީ އޮންލައިން ޕްލެޓްފޯމްތަކުން ގެނެސްދޭ ވެބް ސީރީޒްތަކާއި ފިލްމުތަކުގައެވެ.

ދާދިފަހުން ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބަރްކާ ވަނީ އެދުވަސްތައް ހަނދާންކޮށްފައެވެ. އޭނާ ބުނި ގޮތުގައި އޭނާ އެދުވަސް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ޓީނާގެ ކުޑައިރުގެ ރޯލަށް އޮޑިޝަން ދިނުމަށް 600-700 ވަރަކަށް ކުދިން އެތާނގައި ތިއްބެވެ. އޭނާ ސްކޫލް ނިންމާފައި އޮޑިޝަން ދޭން ދިޔައީ މަންމަ އޭނާއަށް އައިސްކްރީމް ދޭން އެއްބަސްވުމުންނެވެ. ޖުމްލަ 5 ބުރު އޭނާ އެ ރޯލަށް އޮޑިޝަން ދިން ކަމަށާއި އެންމެ ޚާއްސަ ކަމަކީ އަދިވެސް މީހުން އޭނާ މަތިން ހަނދާން ހުންނާތީކަމަށް އޭނާ ބުނެފައިވެއެވެ.
"މިހާރުވެސް އަހަރެން ފާހަގަކުރެވޭ ގިނަ މީހުން އަހަރެންނަށް ކިޔަނީ "ކުޑަ ކަރީނާ" ކަމަށް ބަރްކާ ބުނެފައިވެއެވެ.
އޭނާ އެންމެ ފަހުން ފެނުނީ މިދިޔަ މާރިޗު މަހު ޒީ5 ގައި ރިލީޒްކުރި ތުރިލާ ފިލްމު "ސައިލެންސް... ކޭން ޔޫ ހިއާ އިޓް؟" އިންނެވެ. އެ ފިލްމުގައި އޭނާއާއެކު މައިގަނޑު ރޯލުތަކުން ފެނުނީ މަނޯޖް ބަޖްޕާއީ، ޕްރާޗީ ދޭސާއީ އަދި އަރްޖުން މާތުރެވެ. މިއީ އަބާން ބަރޫޗާގެ ޑައިރެކްޝަނެކެވެ.
