އަދަދުތައް ބުނާގޮތުން ދުނިޔޭގެ އާބާދީގައި ދެބިލިއަން މުސްލިމުން އުޅެއެވެ. އެއީ ގާތްގަނޑަކަށް މުޅި ދުނިޔޭގެ އާބާދީގެ %25 އެވެ. އެހެންނަމަވެސް، މި ބޮޑު އަދަދަކީ ހަމައެކަނި ތަފާސްހިސާބެއްގެ ގޮތުގައި އޮތް އަދަދެއްތޯ އަޅުގަނޑުމެން ވިސްނާލަން ޖެހެއެވެ. މިހާ ގިނަ މުސްލިމުން ތިބޭއިރު، އަޅުގަނޑުމެންގެ އިސްލާމީ އުއްމަތުގެ ބާރާއި ނުފޫޒު ކޮބައިތޯއެވެ؟ އެކުވެރިކަމާއި އެއްބައިވަންތަކަން ކޮބައިތޯއެވެ؟ އެއް ހަށިގަނޑެއްވަންތަކަން ކޮބައިތޯއެވެ؟ ތިޔަބުނާ ދެބިލިޔަން މީހުންނަކީ ކީއްކުރާ ކޮންބައެއް ތޯއެވެ؟

ފަލަސްޠީނުގެ މައްސަލައަކީ މިކަމުގައި މި ސުވާލުތައް ކުރަން ޖެހުނު އެންމެ ބޮޑު ސަބަބެވެ. އެތައް އަހަރެއް ވަންދެން ފަލަސްޠީނުގެ ރައްޔިތުންނަށް ދަނީ ކެނޑިނޭޅި އަނިޔާ ކުރަމުންނެވެ. އެކި އަހަރުތަކުގައި ބޮޑެތި ލާއިންސާނީ އަމަލުތަކާ އެބިމުގެ މުސްލިމުންވަނީ ކުރިމަތިލާފައެވެ. އެގޮތުން މިހާރު އެ ބިމުގައި ނަސްލު ނައްތާލުމުގެ ބޮޑު ހަނގުރާމައެއް ޔަހޫދީން މިވަނީ ފަށާފައެވެ. ކުށެއްނެތް އެތައްބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އަންހެނުންނާއި ކުޑަކުދިންނެވެ. ވޭތުވެދާ ކޮންމެ ސިކުންތަކީ އެބައިމީހުންގެ ޙައްޤުތައް ގެއްލި، ފުރާނައެއް ގެއްލިދާ ވަގުތެކެވެ. އެހެންނަމަވެސް، ދެބިލިއަން މުސްލިމުން ތިބޭއިރު، ފަލަސްޠީނުގެ ޙައްޤުގައި ފާހަގަކޮށްލެވޭ ފަދަ އެއްވެސް ކަމެއް ނުކުރެވެއެވެ. މުސްލިމުންގެ އެއް ހަށިގަނޑެއްވަންތަކަމުގެ ސިފައެއް ނުފެނެއެވެ. ގިނަ މުސްލިމު ޤައުމުތަކުން ފަލަސްޠީނަށް ދެނީ ބީރު ކަންފަތެކެވެ.

މިހާރުވެސް، އެއްބަސްވުންތަކާ ޚިލާފަށް އިސްރާއީލުން އަނެއްކާވެސް ފަލަސްޠީނުގެ ޣައްޒާއަށް ދަނީ ހަމަލާދެމުންނެވެ. ކުޑަކުދިންނާއި އަންހެނުން ދަނީ ޝަހީދުވަމުންނެވެ. އެހެންނަމަވެސް، މުސްލިމު ދުނިޔެ މިކަމާ މެދު ހަންނަކަމީ ހިތާމަހުރި ޙަޤީޤަތެކެވެ.

އަޅުގަނޑުމެން ވިސްނާލަން ޖެހެނީ، ދެބިލިއަން މުސްލިމުންގެ ބާރު އޮތީ ކޮންތާކުތޯއެވެ؟ އަޅުގަނޑުމެންގެ އެއްބައިވަންތަކަން ގެއްލިފައިވަނީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށް އަނިޔާ ލިބޭއިރު، އަޅުގަނޑުމެން ތިބެންވީ ހަނުހިމޭނުންތޯއެވެ؟

ފެންނަނީ އެމަންޒަރެވެ. ދެބިލިއަން މީހުން، އެއްވެސް ފަރުވާލެއް ނެތި ދުނިޔޭގެ އަރާމާ ލައްޒަތުގައި ވަގުތުތައް ހޭދަކުރަނީއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ނިކަމެތިހާލަށް ހަމްދަރުދީވަނީ މަދު ހިތެކެވެ. މަށާ ބެހޭ ކަމެއް ނޫނޭ، މަގޭ ގައުމެއް ނޫނޭ، އެއީ ސިޔާސީ ކަމެކޭ ބުނެ، ފަލަސްޠީނުގެ ރައްޔިތުންނަށް ސަމާލުކަން ނުދޭ އެތައް މުސްލިމުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަ އުޅެއެވެ. މިބައިމީހުންނަށް މުސްލިމުންނޭ ކިޔަންވީ ހެއްޔެވެ؟ ބޯގުނަން ލިސްޓަށް އެއްކުރަންވީ ހެއްޔެވެ؟ ދުނިޔޭގެ ބިމުގައި ސައްތައިންސައްތަ އިސްލާމީ ގައުމުތަކޭ ކިޔާ އުޅޭ ގައުމުތަކެއްވެސް ވެއެވެ. މި ގައުމުތަކުގެ ހާލަތަކީ ވަކި ކޮބައިބާ؟ ފަލަސްޠީނުގެ ބިމުގައި އެ ހިންގާ ނަސްލު ނައްތާލުމުގެ ލާއިންސާނީ އަމަލުތަކާމެދު މި ގައުމުތަކުގެ ސަރުކާރުތަކާ ރައްޔިތުން ކުޅައީ ކޮންކަމެއްތޯއެވެ؟ މުޅި ދުނިޔޭގައި ތިބި ދެބިލިއަން މުސްލިމުންނީ ގަރާރު ނެރެން ތިބި ބައެއް ތޯއެވެ؟ ދެބިލިއަން މުސްލިމުންނީ ހަމަ އެކަނި ނިޔަތުން ނުވަތަ ދުލުން އެކަނި ނަމާކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހުންބާއެވެ؟ މި ދެބިލިއަން މުސްލިމުންގެ ތެރޭގައި އަމަލުން މި ޖަރީމާތަށް މަނާކޮށް ހުއްޓުމުގެ ބާރު އޮތް ހަމަ އެއްމެ މުސްލިމަކުވެސް ނެތީބާއެވެ؟

މި ސުވާލުތަކަށް ޖަވާބު ހޯދުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެކެވެ. އަޅުގަނޑުމެން އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް، އަޅުގަނޑުމެންގެ އުޚުއްވަތްތެރިކަން އާލާކުރަން ޖެހެއެވެ. އޭރުން އަޅުގަނޑުމެންނަށް ދެބިލިއަން މުސްލިމުންގެ ބާރު ދައްކާލެވޭނެއެވެ. އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންގެ ޙައްޤުގައި ވާހަކަ ދެއްކޭނެއެވެ. އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެވޭނެއެވެ. ހަރުދަނާ ކޮންމެވެސް މަސައްކަތެއް ކުރެވޭނެއެވެ. ގަރާރާ ޓްވީޓުތަކުގެ ދުނިޔެއިން ނުކުމެ އަމަލީ މައިދާނުގައި އެކަން ހުއްޓުވުމަށް މަސައްކަތް ކުރެވޭނެއެވެ.

ނިންމާލަމުން ދަންނަވާނީ، ދެބިލިއަން މުސްލިމުންގެ ބާރަކީ ހަމައެކަނި ތަފާސްހިސާބެއްގެ ގޮތުގައި އޮންނަ އެއްޗަކަށް ހަދައިގެން ނުވާނެއެވެ. އަޅުގަނޑުމެން އެއްބައިވަންތަވެ، އެކުވެރިވެ، އެކަކު އަނެކަކަށް އެހީތެރިވާން ޖެހެއެވެ. އޭރުން އަޅުގަނޑުމެންނަށް ދުނިޔޭގައި ތިބި ދެބިލިއަން މުސްލިމުންގެ ޙަޤީޤީ ބާރު ދައްކާލެވޭނެއެވެ. މާތް ﷲ ފަލަސްޠީނުގެ ރައްޔިތުންނަށް ކެތްތެރިކަމާއި ނަޞްރާއި ކާމިޔާބު މިންވަރުކުރައްވާށިއެވެ! އަދި އަނިޔާވެރި ޔަހޫދީން ބަލިކުރައްވާ ނިކަމެތިކުރައްވާށިއެވެ!