8 ގަޑިއިރު ވަންދެން ކޮންޓެންޓް ޑިޒައިނަރެއްގެ ގޮތުގައި ދުވަސް ހޭދަކުރަނީ ވަރަށް ހިތްހަމަޖެހިގެންނެވެ. ބިޒީ މާހައުލުގައި ރިޔާ ކޮށަމުންދާއިރު ހިތްހަަމަޖެހިގެން މަސައްކަތްކުރުމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟ މި ބުރަަ މަސައްކަތްތަކަށްފަހު މޫނިސް މުނީޒްގެ ދިރިއުޅުން ފަޅުފިލުވައިދޭ އެހެން ދުނިޔެއެެއް އޮވެއެވެ. އެއީ މުޅިން އެހެން ޖަމާއަތެކެވެ. ކޮވިޑް-19 ގެ ދުވަސްވަރު އެންމެން ލޮކްޑައުންއެއްގައި ބަންދުވިއިރު އެކި މީހުން، ފޫހިފިލުވަން ނުވަތަ އާމްދަނީ ހޯދުމުގެ ނިޔަތުގައި އެކި މަސައްކަތްތައް ނުވަތަ ހޮބީތައް ފެށިއެވެ. ކުރީގައި ކުރި މަސައްކަތުގެ ތަޖުރިބާގެ އަލީގައި މޫނިސްއަށްވެސް ކޮވިޑް ތެރޭގައި އައު ޚިޔާލެއް ހޯދަން ވަގުތު ލިބުނެވެ. އޭނާގެ މި ޚިޔާލަކީ ރާއްޖޭގައި މުޅިން އައު ކޮންސެޕްޓެއް ވުޖޫދުކުރަން މެދުވެރިވި ޚިޔާލެކެވެ.
މާލެއަށް އުފަން އުމުރުން 35 އަހަރުގެ މޫނިސްގެ ބުރަހެލި ދުވަސްތަކަށް ދިރުމެއް ގެނެސްދެނީ އޭނާގެ ހިމަނާރުތަކާއި ކުޅެލާ ކޮމިއުނިޓީއެކެވެ. މި ކޮމިއުނިޓީގައި ދިރިއުޅޭ އެންމެން ވާހަކަ ދައްކަނީ އެކަކު އަނެކަކުގެ އައިޑީކާޑްތަކުގައިވާ ނަމަކުން ނޫނެވެ. އެ ކޮމިއުނިޓީގައި ކޮންމެ ނަސްލެއް، މިއްލަތަކަށް ނިސްބަތްވިޔަސް ބައިވެރިވެވިދާނެއެވެ. އެއީ އެންމެންނަށްވެސް ހުޅުވާލާފައިވާ ގޭމިން ކޮމިއުނިޓީއެވެ. ކޮވިޑް 19 ގެ އާލަމީ ވަބާގެ ދުވަސްވަރު މޫނިސްއާއި އިތުރު 2 ފައުންޑަރުން ވަނީ އެ މުޖުތަމައުގެ އެންމެންނަށް ޚާއްސަ ނޫސްވެރިކަމުގެ އުފެއްދުމެއް ތައާރަފްކޮށްފައެވެ. އެއީ "އެންމެން ގޭމިން" އެވެ.
ގޭމް ޖާނަލިޒަމްއަކީ ރާއްޖެއިން ބޭރުގައި ފުޅާ ނޫސްވެރިކަމުގެ ދާއިރާއެކެވެ. މި ދާއިރާއަކީ ޑިމާންޑް ބޮޑު ދާއިރާއެކެވެ. ގޭމް ޖާނަލިސްޓުންނަކީ ގޭމިންގެ ދުނިޔެއަށް ތައާރަފްވާ ބްރޭންޑްތައް ރިވިއުކޮށް ކްރިޓިސައިޒް ކުރުމާއި ގޭމް ކުޅޭ ފަރާތްތަކަށް މައުލޫމާތުދޭ ނޫސްވެރިންނެވެ. ގޭމް ޖާނަލިޒަމްގެ ކޮންސެޕްޓް ރާއްޖެއަށް ތައާރަފްކުރި "އެންމެން ގޭމިން" ގެ އެެއް މެންބަރު ކަމުގައިވާ މޫނިސްއާއި "ތީރު" އިން ބައްދަލުކުރީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް މޫނިސްގެ އަގުހުރި ވަގުތާއި އަޑު ހާއްސަކުރުމަށް ހިތް ދޫވި ސަބަބުތަކަކީ ކޮބާތޯ ބެލުމަށްޓަކައެވެ. އެހެންކަމުން، މި ޖަމާއަތް ނުވަތަ ކޮމިއުނިޓީގައިވާ ޖާދުވީ ކަމަކީ ކޮބާތޯ އަހާލުމަށް "ތީރު" އިން މޫނިސްއާއި ސުވާލުތަކެއް ކޮށްލީމެވެ.
ގޭމިންގެ ފައިދާތަކަކީ ކޮބާ
" ބައެއް މީހުން ބުނާނެ ގޭމްކުޅުމަކީ ބޭކާރު ކަމެކޭ. ދެވިނުހިފާ މިންވަރަކަށް ކުޅޭނަމަ ގޭމަކީ ފައިދާހުރި ކަމެއް. މިސާލަކަށް މަސްވެރިންނާއި ދަނޑުވެރިންނަށް ހާއްސަ ގޭމްތައްވެސް އުފައްދާފައިވޭ. މިފަދަ ގޭމްތައް ކުޅެގެން އައު އުކުޅުތަކާއި މައުލޫމާތު މުއްސަނދިކޮށްދޭ. ޓީމެއް ގޮތަށް ނުވަތަ އެހެން މީހުންނާއިއެކީ މަސައްކަތްކުރަންވީ ގޮތް ދަސްކޮށްދޭ ގޭމިން އިން. ފްރެންޑުން އިތުރުކޮށްދޭ އަދި ތަފާތު އިހުސާސްތަކުގެ ސްޓޯރީތަކަށް ތައާރަފްކޮށްދޭ. މީގެ އިތުރުންވެސް، ހޭންޑް- އައި ކޯޑިނޭޝަންވެސް ފުރިހަމަކޮށްދޭނެ "
ގޭމްކުޅުމަކީ ވަކި ކުޑަކުދިން ނުވަތަ ފުރާވަރުގެ ކުދިންނަށް ވަކިން ހާއްސަ މުނިފޫހިފިލުވުމުގެ ޒަރީޔާއެެއް ނޫން ކަމަށް މޫނިސް ގަބޫލުކުރެއެވެ. އަދި މިއީ ވަކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތައް މުނިފޫހިފިލުވައިދޭނެ ހާއްސަ ވަސީލަތެއް ކަމަށް އޭނާ ބުނެއެވެ. މިކަމަށް ހެކިވާ މިސާލެއްވެސް އޭނާ އަހަރެމެންނަށް ކިޔާދީފައި ވެއެވެ. " އެއްފަހަރެއްގައި މިލިޓަރީ ގޭމެއް ކުޅުމުގެ ތެރެއިން މި ދިމާވަނީ ވަރަށް މޮޅު ކުޅުންތެރިޔަކާއި. މިލިޓަރީ ޖޯންރާގެ ގޭމެއްގެ ތެރެެއިން އެމީހާ އެހެން ހުރިހާ އެންމެންނަށްވުރެ ކުރީގައި އުޅެނީ. ރަނގަޅަށް ބަލާލިއިރު އޭނާއަކީ ރިޓަޔަރޑް ސިފައިންގެމީހެއް. އޭނާ އެ ގޭމްގައި ބޭނުންކޮށްލީ ތަމްރީންވެފައިވާ އަސްކަރީމީހުންގެ އުކުޅުތައް. ފަހުން ގޭމް ތެރޭގައި ބޭނުންކުރަންވީ އުކުޅުތައް އޭނާ ކައިރިން އެހެން މީހުން ދަސްކުރީ" މޫނިސް ބުނީ ގޭމްތަކަކީ އެކި ޚިޔާލުތަކަށް މީހާގެ ލޯ ހުޅުވައިދޭ ދުނިޔެއެއް ކަމަށެވެ. އަދި ސިކުނޑިއަށް ރަނގަޅު ކަސްރަތެއްގެ ގޮތުގައިވެސް ސިފަކޮށްފައި ވެއެވެ.
" އަޅުގަނޑު ބޭނުންވަނީ ފަޚުރުވެރިކަމާއިއެކު ބުނެލަން އަޅުގަނޑަކީ މިއީ ވަޒީފާ އަދާކުރަމުން އާއިލާ ބަލަހައްޓަމުން ލިބޭ ފުރުސަތުތަކުގައި ނަފްސު ހިތްހަމަޖައްސާލަދޭން ގޭމް ކުޅޭ ފަރާތެއް. މިއީ ހަމައެކަނި ކުޑަކުދިންނަށް ހާއްސަ ހޮބީ ނުވަތަ ޕެޝަނެއް ނޫން. ބައެއް މީހުން ދެކޭ ގޮތުގައި މިއީ ކުޑަކުދިންގެ ހޮބީއެއް"
ގޭމް- ލޯބިވެރިންނާއިވެސް ގުޅޭ
މޫނިސްގެ ޕްރޮފައިލްގައި އޭނާގެ ހަޔާތުގެ ބައިވެރިޔާގެ ވާހަކަ ނުދައްކާ ކުރިއަށް ކަނޑަން އަހަރެމެން ބޭނުންނުވިއެވެ. 14 އަހަރު ވަންދެން މޫނިސްއާއި ރަހުމަތްތެރިކަމެއް އުފެއްދި އޭނާގެ އަންހެނުން އޭނާގެ ގޭމިން ކޮންޓެންޓަށް ތާއީދުކުރޭތޯ އެހުމުން ޖަވާބު އައީ ވަރަށް ފުރިހަމަކޮށެވެ. ބައިވެރިޔާގެ ހޮބީތައް އަންޑަސްޓޭންޑްވުމުގެ މުހިންމުކަން މޫނިސްގެ ވާހަކައިގައި ފާހަގަކޮށްފައި ވެއެވެ. ބައިވެރިޔާއާއި އެއްކޮށް ގޭމިންގެ އަޖުމަ ބެލުމަކީ ފިލްމެއް ބެލުން ފަދަ ކަމެއްގެ ގޮތުގައި މޫނިސް ދެކެއެވެ.
" އަޅުގަނޑުގެ އަންހެނުން އެއީ ގޭމާއެެއް. ބައެއް ބައިވެރިން އެމީހެއްގެ ސްޕައުސް ގޭމް ކުޅުމުން އެއީ ބޭކާރު ވަގުތުތަކެއްގެ ގޮތުގައި ދެކޭ. އެކަމަކު ކަޕްލްސްއަށް އެކީގައި ކުޅެވޭނެ ވަރަށް ބައިވަރު، ފޫހިފިލުވައިދޭ ގޭމްތައް ހުންނާނެ"
"އެންމެން ގޭމިން" އަކީ ކޮބާ؟
އެންމެން ގޭމިންއަކީ ވަރަށް ވިސްނުންތެރިކަމާއި އެއްކޮށް އުފެއްދި ގޭމް ރިވިއު ޕްލެޓްފޯމެެއް ކަމަށް މޫނިސް ބުންޏެވެ. ޓްވިޗް، ޓިކްޓޮކް، ޔޫޓިއުބް، ޓްވިޓާ، ޑިސްކޯޑް، ފޭސްބުކް އަދި އިންްސްޓަގްރާމުން ސްޓްރީމްކުރާ އެންމެން ގޭމިންއަށް މި ނަން ދެވުނީ ވަރަށް ވިސްނާފައި ކަމަށް މޫނިސް ބުންޏެވެ. ވީޑިއޯ ކޮންޓެންޓްސް ދައުރުކުރުމަށް މި ޓީމުން ވަނީ ޓެލެގްރާމް ޗެނަލެއްވެސް އުފައްދާފައެވެ.
"ކޮންމެ މީހަކާއި ކޮންމެ ކޮންމެ ގޭމެއް ނުގުޅިދާނެ. އެކަމަކު ކޮންމެ މީހަކަށްވެސް ގަޔާވެވިދާނެ ގޭމްތައް ހުންނާނެ"
އެންމެން ގޭމިން އިން ގޭމް ސްޓްރީމްކުރުމާއި ޕޮޑްކާސްޓްގެ ޒަރީޔާއިން ގޭމިންއާއި ބެހޭ އެންމެ ފަހުގެ ހުރިހާ ތާޒާ ހަބަރުތައް ގެނެސްދެއެވެ. މޫނިސްއާއިއެކީ އެންމެން ގޭމިންގެ މަސައްކަތް މިވަގުތު ކުރަނީ އިތުރު 2 ޓީމް މެންބަރުންނެވެ. ފުލް ޓައިމް ވަޒީފާތައް އަދާކުރަމުންވެސް އެންމެން ގޭމިން ކުރިއެރުވުމުގައި މޫނިސްއާއި އެއްވަރަކަށް މި ދެ ފައުންޑަރުން ބުރަ މަސައްކަތްކުރާކަން މޫނިސް ފާހަގަކުރިއެވެ. އެއާއެކު، މި ތިން މެންބަރުންގެ މަސައްކަތުން މިހާރު އެންމެން ގޭމިންއަށް ވަނީ 5 އަހަރު ފުރިފައެވެ. މޫނިސް ބުނީ "އެންމެން ގޭމިން"އަށް އެންމެ ގިނަ ވިއުސް ލިބުނީ ޔޫޓިއުބް މަންސައިން ކަމަށެެވެ. 50،000 އަށްވުރެ ގިނަ ވިއުސް ބައެއް ގޭމްތަކަށް ޓިކްޓޮކްއިން ލިބިފައިވާއިރު ބައެއް ގޭމްތަކުގެ ޕޮޑްކާސްޓްތައް ގަވާއިދުން ބަލާ އުޅޭ އެހުންތެެރިންވެސް އެބަހުރި ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި ފުދޭވަރަކަށް ގިނައިން ހުޅަނގާއި އޭޝިއާގެ ބިދޭސީ ބެލުންތެރިން ހިމެނޭކަމަށް އޭނާ ބުނެއެވެ. އަދި ރާއްޖޭގައި ގޭމިން ކޮމިއުނިޓީ ފުޅާވަމުންދާއިރު ރާއްޖޭގައިވެސް ބޭރު ކުޅުންތެރިންނާއި މުބާރާތްތަކުގައި ވާދަކުރެވޭނެ ފެންވަރުގެ ކުޅުންތެރިން ތިބޭކަންވެސް މޫނިސް ފާހަގަކުރިއެވެ. އެހެންކަމުން، ރާއްޖޭގައި ގޭމް ކުޅޭ އެންމެން އެއްތަނެއްގައި ހިޔާލު ބަދަލުކޮޮށް އުޅުމުގެ ފުރުސަތު ހޯދައިދިނުމަކީ "އެންމެން ގޭމިން" ގެ އެއް މަގްސަދެވެ.
މޫނިސް ބުނިގޮތުގައި "އެންމެން ގޭމިން"ގެ ޓީމުން ވަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ކުންފުނި ކަމުގައިވާ އުރީދޫގެ ޕްރޮޖެކްޓަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. " އިވެންޓްސް ކަވަރކުރުމާއި ނިއުސް ލިޔުމުގައި އަހަރެމެން އެހީތެރިވިން" މިކަމާއި ބެހޭގޮތުން މޫނިސް ބުނެފައި ވެއެވެ. މީގެ އިތުރުންވެސް، މޫނިސްގެ ޓީމުން ވަނީ ވަރަށް ފަހުން ފައިސާގެ އިނާމް ލިބޭ ގޭމިންއާއި ބެހޭ ޓްރިވިއާ ކުއިޒެއްވެސް ތައާރަފްކޮށްފައެވެ.
އެހުންތެރިއެއްގެ ދުލުން މޫނިސް
"މޫނިސްއާއި އެންމެން ގޭމިން ޓީމަކީ ވަރަށް ޝައުގުވެރި ކޮންޓެންޓް ކްރިއޭޓަރުން. މޫނިސްގެ ކޮންޓެންޓްތަކުން ވަރަށް ބޭނުންތެރި މައުލޫމާތު ލިބޭ، އޯޑިއެންސާއި ޝައުގުވެރި ގޮތަކަށް މުއާމަލާތްކުރޭ. ބެލުންތެރިއެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުންވަނީ މޫނިސްއަކީ ވަރަށް ތެދުވެރި ރިވިއުދޭ މީހެއް. އަދި ގޭމްތަކުގެ ސްޓޯރީޓެލިން ވަރަށް ސަޅިކޮށް ގެނެސްދޭ"
މޫނިސްގެ ނޫސްވެރިކަން
މޫނިސް ބުނީ އޭނާ މާސް ކޮމިއުނިކޭޝަން ކިޔެވިއިރުގައި މައިނާއެއްގެ ގޮތުގައި ޖާނަލިޒަމް ކިޔެވި ކަމަށެވެ. ނޫސްވެރިން ކުރިމަތިލާ ގޮންޖެހުންތައް ޕްރޮޖެކްޓެއްގެ ޒަރީޔާިއން ތަޖުރިބާކުރަން ލިބުމުން އޭނާއަށް މިދާއިރާއަށް ހިތްޖެހުނު ކަމަށް މޫނިސް ބުންޏެވެ. އޭގެ ފަހުން އުފެއްދި ކެޕިޓަލް ރޭޑިއޯގައި އެ އަހަރު ގެނެސްދިން މުޅިން އައު އިނގިރޭސި ޝޯވއެއްގެ އާރްޖޭއެއްގެ ގޮތުގައި މޫނިސްއަށް ލިބުނު ތަޖުރިބާގެ ބޭނުން، އެންމެން ގޭމިންގައި އޭނާ ހިފިއެވެ. އޭގެ ފަހުން މޫނިސް ވަނީ ނޫހެއްގެ އިނގިރޭސި ސެކްޝަނަށްވެސް ލިޔެދީފައެވެ.
މޫނިސްގެ ވާހަކަ ނިންމާލަމުން އޭނާ ބުނީ ރާއްޖޭގައި ގޭމް ޖާނަލިޒަމްއާއި ޕްރޮފެޝަނަލް ގޭމިިން އާ އުސްމިންތަކަކަށް ދިއުމަކީ އޭނާގެ ހުވަފެނެެއް ކަމަށެވެ. އޭނާ ފާހަގަކުރިގޮތުގައި ގޭމް ކުޅުމަކީ ރާއްޖެއިން ބޭރުގައި ވަރަށް ނަފާވާ ފައިސާގެ އިނާމާއި އުޖޫރަ ލިބޭ ދާއިރާއެކެވެ.
"ދުނިޔޭގެ އެންމެ ނަފާވާ މީޑިއާއަކީ މިވަގުތު ގޭމިން. އިންޓަނޭޝަނަލް ގޭމް މުބާރާތްތައް ބާއްވާއިރު ބޮޑު އަގުގެ ފައިސާގެ އިނާމް އެބަ ހަވާލުކުރޭ. މިއީ މިލިއަން ޑޮލަރުގެ އިންޑަސްޓްރީއެއް"
އެކަމަކު، މޫނިސްގެ އެންމެން ގޭމިންއަކީ ޕްރޮފިޓަށް ވިސްނާފައި ހެދި ޕްލެޓްފޯމެއް ނޫނެވެ. އެންމެން ގޭމިންއަކީ ސްޓްރެސް ފިލުވާލަން ބޭނުންވާ އެންމެންނަށް އަރާމުކޮށްލަން ދޭން ބޭނުންވާ ޕްލެޓްފޯމެއް ކަމަށް މޫނިސް ދެކެއެވެ. އެންމެން ގޭމިންގެ ފަހަތުގައިވާ ޒުވާން ޓީމުން މި ޚިޔާލު އުފަންކުރުވީ އެކި ބަހުރުވަތަކުން ވާހަކަދައްކާ އެންމެން، އެއް ބަހަކުން ވާހަކަ ދައްކާ، އެކަކު އަނެކަކާއި ހިޔާލީ އަދި ކްރިއޭޓިވް މާހައުލަކުން ބައްދަލުކުރުމުގެ ރާސްތާއެއް ދައްކުވާށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން