ބިރުގަނެ، ހާސްވެ، ފިކުރުބޮޑުވެ، ކަންބޮޑުވުމަކީ ނުވަތަ ސްޓްރެސްވުމަކީ އޭގެ ސަބަބުން ވަރަށްގިނަ ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމެކެވެ. ލޭގެ ޕުރެސަރު މައްޗަށް ދިއުމާއި ހިތުގެ ބަލިތަކަށް މަގުފަހިވުމާއި ލޭހޮޅިތަކުގެ ބަލިކަށިކަން އިތުރުވުމާއި ހަންގަނޑުގެ ތަފާތު ބަލިތަކާއި އަދި އިސްތަށި ފޭބުމަކީވެސް ސްޓްރެސް ގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ގެއްލުންތަކެކެވެ. ދައްކަން މިއުޅެނީ ސްޓްރެސްގެ ސަބަބުން އެފަކީރުގެ ބޮލުގެ އިސްތަށިކޮޅު ފައިބައިގެން ދިޔަ، ފަލަސްޠީނުގެ ޣައްޒާއަށް ނިސްބަތްވާ އުމުރުން އެއްމެ 8 އަހަރުގެ ސަމާ ތުބައިލްގެ ވާހަކައެވެ.

2023ވަނަ އަހަރުގެ ފަހުކޮޅު، އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާގެ ނަސްލު ނައްތާލުމަށް ކުރިއަށްގެންދާ ހަނގުރާމައިގެ ބިރުވެރިކަން ވަނީ މުޅި ފަލަސްޠީނުގައި ފެތުރިފައެވެ. ކޮންމެ ދުވަހަކު އެތައް ގެދޮރެއް ސުންނާފަތިކޮށް އެތައް ބަޔަކު ޝަހީދުކޮށްލެވިގެންދަނީ އެއްވެސް ކުށަކާ ނުލައެވެ. ތުއްތު ތުއްތު ކުދިންނާއި އެކުދިންގެ މައިންބަފައިން އެއްވެސް ކުށަކާ ނުލާ މަރަމުންދަނީ ބޮން އަޅާ، ބަޑި ޖަހަމުންނެވެ. ގޮއްވާލާ ވަރުގަދަ ގޮވުންތަކުގައި ކުދިކުދިވެގެން ފައިބާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ޗަސްވެ، ގުނަވަންތަން ވަކިވަކިވެ، ބޮލުގެ ނާށިގަނޑު ފެޅި، ނާށިގަނޑުގެ ތެރެއިން ސިކުނޑި ނުކުމެގެން ގޮސްފައިވާ އެތައް ބަޔަކު އެ ބިމުންދަނީ ފެންނަމުންނެވެ. މި މަންޒަރުތަކަކީ "ގްރެފިކްސް ނުވަތަ ސެންސިޓިވް ކޮންޓެންޓު" ގެ ގޮތުގައި ލޭބަލްކޮށް މީސްމީޑިޔާގެ މަންސަތަކުންވެސް ބޭރުކޮށްލާ މަންޒަރުތަކެވެ. 

ނަމަވެސް ސަމާ ފަދަ އެތައް ކުޑަކުދިންނެއް ދަނީ މި މަންޒަރުތައް ހަމަލޮލުން ދެކި، އެ ބިރުވެރިކަމާ ހިތްދަތިކަމުގައި ދުވަސްތައް ގުނަމުންނެވެ. ލޯބިވާ އާއިލާގެ އެތައް ބަޔަކަށް އެހާލު ޖެހިފައިވާ މަންޒަރު ފެނުމަކީ އިންސާނަކަށް ކެތްވާނެ ކަމެއް ނޫނެވެ. ނަމަވެސް ކެތްކުރުން ނޫން ގޮތެއް މި އިންސާނާއަށް އެބަ އޮތް ހެއްޔެވެ. މި ބިރުވެރިކަމާއި ހާސްކަމުގައި ދުވަސަތައް ގުނަމުން ދިޔަ ސަމާ، އޭނާގެ ބޮލުގެ އިސްތަށިތައް ފައިބާން ފެށީ ކުއްލިއަކަށެވެ. މިއީ ބައްޔެއް ކަމަށް ބެލޭވަރަށްވުރެ ޣައްޒާގެ ހާލަތު ގޯހެވެ. އިސްތަށި ފައިބާތީ ޑަކްރަކަށް ދެއްކުމަކީ އެބިމުގައި އެއްވެސް މީހަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުންގޮސް، އެފަކީރުގެ ބޮލުގެ އިސްތަށިގަނޑުގެ ބޮޑުބައެއް ފައިބާ ތަލަވިއެވެ. އެހިސާބުން ޑަކްޓަރުންގެ ޓީމެއް، ސަމާގެ ސިއްހީ ހާލަތު ބަލަން ފެށިއެވެ. 

ސަމާއަށް ޖިސްމާނީގޮތުން އެއްވެސް ބައްޔެއް ޖެހިފައި ނުވާކަމަށް ޑަކްޓަރުން ބުންޏެވެ. އަދި ސަމާގެ ބޮލުން އިސްތަށި ފައިބަނީ ސްޓްރެސްގެ ސަބަބުން ކަމަށްވެސް ޑަކްޓަރުން ވަނީ ބުނެފައެވެ. އުމުރުން އެއްމެ 8 އަހަރުގެ ސަމާ ވަނީ މީޑިއާތަކަށް އިންޓަވިއުއެއްވެސް ދީފައެވެ. ސަމާގެ ބޮލުގައި ދިގު، ފަން އިސްތަށިގަނޑެއް އޮތެވެ. އަދި ކޮންމެ ދުވަހަކު އެ އިސްތަށިގަނޑުގައި ފުނާ އަޅާ ހަނދާނަކީ މިއަދު އެ ފަކީރު ހިތްދަތިކަމާއެކު ހަނދާންކުރާ ހަނދާނެކެވެ. އުމުރުން އެއްމެ 8 އަހަރުގައި ނަފްސާނީގޮތުން އެފަކީރު އެ ވެއްޓުނީ ކޮންފަދަ އަނދަވަޅަކަށް ހެއްޔެވެ؟ މިފަދަ ކަންކަމަށް އަޅާނުލާ ތިބެންވީހެއްޔެވެ؟ ތިބާގެ ދަރިއަކަށް ނުވާތީ ހެއްޔެވެ؟