އިތުރުވަގުތުގެ ތެރޭގައި ވިނީޝިއުސް ޖޫނިއާ ކާމިޔާބުކޮށްދިން ލަނޑާއެކު، 2-1 އިން ކޮލަމްބިއާ ބަލިކޮށް، ބްރެޒިލުން ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގ ގްރޫޕުގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.
މި މޮޅާއެކު، ބްރެޒިލް ވަނީ 13 މެޗުން 21 ޕޮއިންޓް ހަމަކޮށްފައެވެ. އެންމެ ކުރީގައި އުޅޭ އާޖެންޓީނާ އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 25 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އުރުގުއޭ އަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. ޕެރަގުއޭ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ހަތަރުވަނަ ލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.
ސައޮ ޕައުލޯގައި ކުޅުނު މެޗުގެ ކުރީކޮޅު، ބްރެޒިލުން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން ރަފީނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ވިނީޝިއުސް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން، ކޮލަމްބިއާ އަށް އެއްވަރުކޮށްދިނީ ލުއިސް ޑިއާޒް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ޖޭމްސް ރޮޑްރިގޭޒް އެވެ. ބްރެޒިލް މޮޅުވި ލަނޑު، އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އޭރިޔާބޭރުން ވިނީޝިއުސް ފޮނުވާލި ބޯޅައަކުންނެވެ.
ކޮލިފައިންގައި މިއަދު ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޕެރަގުއޭގެ ދަނޑުގައި އެ ޓީމުން ވަނީ 1-0 އިން ޗިލީ ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި ބޮލީވިއާ އަތުން ޕެރޫ މޮޅުވީ 3-1 އިންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން