އެއީ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނުވާ އިސްރާއިލުގެ މީހުންނެވެ. ރަޙުމާއި ކުލުނަކީ ކޮންއެއްޗެއްކަން އެވެރިންނަށް ނުވެސް އެނގޭ ފަދައެވެ. އެއީ އިންސާނުންކަމަށްވެސް ޤަބޫލުކުރުމަކީ މޮޔަކަމެކެވެ. އެވެރިންގެ ނަޒަރުގައި ފަލަޞްޠީނުގެ ރައްޔިތުންނަކީ އެއްވެސް ބައެއް ނޫނެވެ. އެމީހުންނަށް ކުރާނެ އަސަރާއި، ތަޙައްމަލުކުރަމުން އެދާ ލާއިންސާނީ އަނިޔާތަކަކީ އިސްރާއިލީންނަށް މަޖާ ޝޯވއެއް ފަދައެވެ. އިޙްސާސްތަކާއި އޯގާތެރިކަމުގެ ޛައްރެއްގެ މިންވަރުވެސް އެ ޖާހިލުންގެ ހިތްތަކުގައި ނުވެއެވެ.

ފަލަޞްޠީނުގެ ރައްޔިތުންގެ މަރުތައް ފާހަގަކޮށް، އެކަމާ އުފާ ފާޅުކުރުމަށްޓަކައި ޓެލެގްރާމުގައި އިސްރާއިލުގެ މީހުން ޗެނަލްއެއް ހަދާފައިވެއެވެ. ޤަތުލުކުރެވެމުންދާ ފަލަޞްޠީނުގެ ރައްޔިތުންނަށް ނިސްބަތްކޮށް ހުތުރު ބަސްމަގު ބޭނުންކޮށްގެން، ލާއިންސާނީ ކޮމެންޓުތައް އެމީހުން އެ ޓެލެގްރާމް ޗެނަލްގައި ކުރަމުންދެއެވެ. ފުރައްސާރައާއި މަލާމާތްކުރުމެވެ. ނިކަމެތިކޮށް، ޙާލުގައި ޖައްސަފައިވާ ފަލަޞްޠީނުގެ ރައްތިޔުންނަށް ހަޖޫ ޖެހުމެވެ. "ޑެޑް ޓެރެރިސްޓްސް (މަރުވެފައިވާ ޓެރަރިސްޓުން)"ގެ ނަމުގައި ހަދާފައިވާ އެ ޗެނަލްގައި، 124،000އަށްވުރެ ގިނަމީހުން ހިމެނެއެވެ. ގާތްގަނޑަކަށް 125،000އަށް ގާތްކުރާ އަދަދަކަށް ސަބްސްކްރައިބަރސް ހިމެނޭ އެ ޗެނަލްވަނީ ޙުދު ޓެލެގްރާމްއިން އުވާލާފައެވެ. ނަމަވެސް އެކަމާ ވިދިގެން އަލުން އެ ޗެނަލް އުފައްދާ، މިހާރު 5000އަށްވުރެ ގިނަ މީހުން އޭގައި ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ.

އެ ޗެނަލްގެ ހަމައެކަނި މަޤުސަދަކީ އިސްރާޢީލުގެ ހަމަލާތަކާއި އަނިޔާތަކުގެ ޝިކާރައަކަށްވެފައިވާ ފަލަޞްޠީނުގެ ރައްޔިތުންނަށް މަލާމާތްކޮށް ފުރައްސާރަކުރުމާއި ހަޖޫ ޖެހުމެވެ. އެއީ އުމުރެއް، ޖިންސެއް އަދި މަޤާމެއް ތަފާތުކުރުމެއް ނެތިއެވެ. ފެންނަ ކޮންމެ މީހަކަށެވެ. މިކަމުން އެނގިހާމަވަނީ، ފަލަޞްޠީނާއި ދެކޮޅަށް ހިންގޭ ލާއިންސާނީ ޢަމަލުތަކާއި ޤަތުލުޢާއްމަކީ ހަމައެކަނި އިސްރާއިލުގެ ޕާޓީއަކުން ނުވަތަ ބޮޑުވަޒީރުގެ އަތްތަކުން ކުރެވޭ ކަމެއް ނޫންކަމެވެ. އެއީ މުޖުތަމަޢެއް އެއްކޮށް 'ނޯމަލައިޒް' ކޮށް ނުވަތަ އާދައިގެކަމަކަށް ހަދާފައިވާ ނަފުރަތާއި ލާއިންސާނީކަމެކެވެ.

ތުއްތު ކުއްޖެއްގެ ފުރާނަނެތް މަސްގަނޑު ދައްކާލަމުން ފަލަޞްޠީނުގެ މީހަކު ސުވާލުކުރި ވީޑިއޯއެކެވެ. އޭގައި އޭނާ އަހަމުން ދިޔައީ އެ ތުއްތުކުއްޖާގެ ފުރާނަ ދުއްވާލީ އެ ކުއްޖާ އެމީހުންނަށް ކޮންކަމެއް ކޮށްގެންތޯއެވެ. އެ ވީޑިއޯ، އިސްރާއިލު މީހުން ހަދާފައިވާ ޓެލެގްރާމް ޗެނަލްގައި ހިއްސާކޮށް، އެއަށް ރައްދުދެމުން އެވެރިންގެ ތެރެއިން މީހަކު ލިޔެފައިވަނީ، އެކުއްޖާގެ ކުށަކީ ދުނިޔެއަށް އުފަންވުންކަމުގައެވެ. ހަމަ އެ ވީޑިއޯއަށް ނިސްބަތްކޮށްފައި އެހެންމީހަކު ލިޔެފައިވެއެވެ. "އޭނާ ރާމާމަކުނެއް ހިފަހައްޓައިން އެ ހުންނަނީ ކީއްވެ؟" މިއީ މައުސޫމު ތުއްތު ފުރާނައަކަށް ނިސްބަތްކޮށް އެ ޖާހިލުން ލިޔެފައިވާ އިހާނެތި ޖުމުލަތަކެވެ. 

ހަމައެކަނި އެޔެއް ނޫނެވެ. ކާކުކަށް ނޭނގޭ މިންވަރަށް ޝަހީދުވެފައިވާ އަޚުންނާއި އުޚުތުންގެ ހަށިގަނޑުން ވިއްސައިގެން ގޮސްފައިވާ މަސްތަކަށް ނިސްބަތްކޮށްވެސް ހަޖޫ ޖަހާފައެވެ. އެކަމަށް ހީ މަލާމާތްކޮށްފައެވެ. އިމާރާތްދަށުން ނެރެގެން ގެނެސްފައިވާ މީހުންނަށް މަލާމާތްކޮށް ފުރައްސާރަކޮށްފައެވެ. ބައްޕައެއްގެ ހަށިގަނޑުން ފެންނަށްހުރި މަސްތަށް ނަގަމުން ދިޔަ ދަރިފުޅަށް ނިސްބަތްކޮށް ބުނަމުން ދިޔައީ "ރޯދަވީއްލުމަށް ހޫނު އަދި ތާޒާ ކުނި" އެއްކުރަނީ ކަމުގެއެވެ. މިއީ އެވެރިންގެ ޖާހިލުކަމާއި ނުބައި ނުލަފާކަމުގެ އިންތިހާއެވެ. 

ޙިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިތުހުރިހާ އެއްޗެއް ލިޔެ، މަލާމާތްކުރުމާއި ފުރައްސާރަކުރުން އާއްމުކަމަށް އެމީހުންވަނީ ހަދާފައެވެ. މަރާ ހަނގުރާމަކުރުމަށް، ހިތުގައި ބިރުވެރިކަމާއި ހާސްކަން އުތުރިއަރާފައިވާ ޙާލަތްތަކުގައި ކޮޅުކޮޅަށް ދުވާ ފަލަޞްޠީނުގެ އަޚުންނާއި އުޚުތުންގެ ޙާލަތްވަނީ ބޮޑު ޝޯވއަކަށް ހަދާފައެވެ. އެ ޓެލެގްރާމް ޗެނަލްއަކީ އެމީހުން މުނިފޫހިފުލުވާ ވަސީލަތެއްފަދައެވެ. މި މީހުންގެ ރަޙުމެއް ނެތްކަމާއި ލާއިންސާނީކަން ޤަބޫލުކުރުމަށް 'ދުނިޔެ' ބޭނުންވަނީ އިތުރަށް، ކޮންކަހަލަ ކިތައް ކިތައް ހެކި ހެއްޔެވެ؟