ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އަށް ފްލެޓު ލިބިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ކަމަށް އެމްޑީ ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީ މިފަދައިން ވިދާޅުވީ ސްޓެލްކޯގެ އެމްޑީގެ މަޤާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ، ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

މި ވާހަކަތަކާއި ގުޅިގެން އެމްޑީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އަބުރަށް އަރައިގަނެ، ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ފަތުރަމުންދާ ވާހަކައަކީ ޙަޤީޤަތާ ޚިލާފު އަދި އަސާސެއްނެތް ދޮގު ވާހަކައެއް ކަމަށެވެ.

މި ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެހެންނަމަވެސް، ސިޔާސީ ގޮތުންނާއި އަދި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރެ ކުރަމުންދާ ޤައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިޙްތިރާމްކޮށް، މަރުޙަބާ ކިޔާނެކަމަށް މެނޭޖިންގ ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ.