ގޭތެރޭގެ މަސައްކަތްތަކުގައި ފިރިމީހާ، އަނބިމީހާއަށް އެހީތެރިވެދޭނަމަ އެދެން އަނބިދަށުވީއެވެ. ވަރަށް 'އަންހެން' ވީއެވެ. ނަމަވެސް އެއީ ފިރިމީހާގެ ފިރިހެންވަންތަކަން ގެއްލި، އަންހެންދުޅާވުންކަމުގައި ބައެއް މީހުން ދެކުމަކީ ހިތާމަހުރި ކަމެކެވެ. ގޭތެރޭގެ މަަސައްކަތްތަކުގައި އެކަނބަލުންނަށް ފަސޭހަކޮށްދީ، ގޭތެރޭގެ ކަންތައްތައް ކުރުމުގައި އަހަރުމެންގެ މާތް ނަބިއްޔާ މަސައްކަތްޕުޅުކުރެއްވިއެވެ. އެއީ މުޅި އުއްމަތަށްވާ ނަމޫނާއެވެ. އެންމެ މާތް ސާޙިބާއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުން ސާބިތުވާކަމެއް ގޯހެއް ނުވާނެކަން ޔަޤީނެވެ.

ބަދިގޭގައި ކައްކަން ވަނުމަކުން ފިރިމީހާގެ ދަރަޖައެއް ދަށެއް ނުވާނެއެވެ. ތަށިތައް ދޮވެލައިދިނުމަކުން ފިރިހެންވަންތަކަން ގެއްލިގެނެއް ނުދާނެއެވެ. ދަރިންބެލުމުގައި ހިއްސާވުމަކުން އަންހެންދުޅާއެއް ނުވާނެއެވެ. އަނބިމީހާގެ އެދުމުގެމަތިން ފިހާރައަށްގޮސް ބާޒާރުކޮށްދިނުމަކުން ފިރިމީހާގެ މަޤާމު ދަށެއް ނުވާނެއެވެ. ގޭތެރޭގެ އެކި މަސައްކަތްތަކުގައި އަނބިމީހާ މަސައްކަތްކުރަނީ ނުހަނު ބުރަކޮށެވެ. އެކަނބުލޭގެއަށް ލުއިކޮށްދިނުމަށް އެއިން ކަމެއް ކޮށްލުމުން އަދި އަންހެންދުޅާވީއެއް ނޫނެވެ. ރިސޯޓުތަކުގައި ބޮޑު ކައްކާއިން ގޮތުގައި ފިރިހެނުން މަސައްކަތްކުރެއެވެ. އޭރަށް މައްސަލައެއް ނެތެވެ. ފިރިހެންވަންތަކަމާއި ދަރަޖައަށްވެސް އަސަރެއް ނުކުރެއެވެ. ނަމަވެސް ހަމަ އެ މަސައްކަތް އަނބިމީހާއަށް އެހީތެރިވުމަށް ގޭގެ ބަދިގޭގައި ކޮށްފިނަމަ އަނބިދަށުވީ ހެއްޔެވެ؟ އަންހެންދުޅާވީ ހެއްޔެވެ؟ މި ވިސްނުން އެބަ ހަމަޖެހޭ ހެއްޔެވެ؟

ގޭތެރޭގެ ހުރިހާ މަސައްކަތްތަކަކީ ހަމައެކަނި އަނބިމީހާގެ މަސްޢޫލިއްޔަތުކަމުގައި ދެކޭ މީހުން މިއަދުވެސް އުޅެއެވެ. އަންހެނުން 'ނިސްބަތްވަނީ' ބަނދިގެއަށްކަމުގައި ދެކޭ މީހުންވެސް މަދެއް ނޫންކަން ފާހަގަކުރަންޖެހެނީ ހިތާމައާއެކުގައެވެ. ނަމަވެސް ކައިވެނީގެ މާތް ގުޅުމުގެ ތެރެއިން ޙަޔާތަށް ގެންނަނީ ޙަޔާތުގެ ބައިވެރިއެކެވެ. ކައިވެންޏަކީ ދެފަރާތުގެވެސް އެއްބާރުލުމާއި އޯގާތެރިކަމާއެކީ ކުރިޔަށް ގެންދެވޭނެ ގުޅުމެކެވެ. ބައެއް ދުވަސްތަކުގައި އެކަކަށް ނުކުރެވޭ ކަންތައް އަނެކާ ފޫބައްދައިގެން، އިތުރަށް ވަރުގަދަކުރެވޭނެ ގުޅުމެކެވެ. ކަންތައްތައް ބަހާލައިން، 'ޕާރޓްނާ'އިން ގޮތުގައި ތިބެގެންނެވެ.

އަނބިންނަކީ ފިރިންނަށްވާ ފޭރާމެއްކަމާއި، ފިރިންނަކީ އަނބިންނަށްވާ ފޭރާމެއްކަން ކީރިތި ޤުރުޢާނުގައިވެސް ބަޔާންވެގެންވެއެވެ. އަނބިންނަށް ހެޔޮކޮށްހިތުމަކީ ރަސޫލާގެ އެންމެ ފަހުގެ ވަޞިއްޔަތުގެ ތެރޭގައިވެސް ހިމެނޭކަމެކެވެ. ގޭތެރޭގެ މަސައްކަތްތަކުގައި އެ މާތް ނަބިއްޔާ ދެއްކެވީ ނަމޫނާއެވެ. އެކަމުންވެސް ސާބިތުވަނީ އަނބިންނަށް އެހީތެރިވުމާއި، ގޭތެރޭގެ މަސައްކަތްތަކުގައި އުޅުމަކީ ފިިރިހެންވަންތަކަން ގެއްލޭނެކަމެއް ނޫންކަމެވެ.