ބްލޫބެރީއަކީ ގިނަ އަދަދަކަށް ނިއުޓްރިޝަންތައް ލިބޭ ކުޑަކުޑަ މޭވާއެކެވެ. ގަދަ ނޫކުލައަކަށްް ހުންނަ މި މޭވާއަކީ ވައްކޮށް، ކިތަށްމެ ކުޑަ ނަމަވެސް ހަށިގަނޑަށް ނުހަނު ފައިދާތައް ލިއްބައިދޭ މޭވާއެކެވެ. 80 ގްރާމްގެ ބްލޫބެރީގައި 0.7 ގްރާމުގެ ޕްރޮޓީންއާއި 0.2 ގްރާމް ފެޓް ހިމެނެއެވެ. ހަމައެހެންމެ، 7.3 ގްރާމްގެ ކާބޯހައިޑްރޭޓްސް ހިމެނޭއިރު، 1.2 ގްރާމްގެ ފައިބަރ އޭގައި އެކުލެވެއެވެ. މީގެއިތުރުން، 0.75 މިލިގްރާމްގެ ވިޓަމިން 'އީ' އާއި، 53 މިލިގްރާމްގެ ޕޮޓާޝިއަމް އިން މުއްސަނދިވެފައިވާ ބްލޫބެރީގައި 5 މިލިގްރާމުގެ ވިޓަމިން 'ސީ' ވެސް ހިމެނެއެވެ.
ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ސަލާމަތްކޮށްދޭ މާއްދާތައްކަމުގައިވާ އެންޓިއޮކްސިޑެންޓްވެސް ބްލޫބެރީގައި ހިމެނެއެވެ. ހަމައެހެންމެ، ހިތުގެ ދުޅަޙެޔޮކަމަށް ބްލޫބެރީ އެހީތެރިވެދެއެވެ. މީގެއިތުރުން، އެކި ވައްތަރުގެ ކެންސަރުތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުމަށްވެސް މި މޭވާ އިސްދައުރެއް އަދާކުރެއެވެ. އަދި ސިކުނޑި ރަނގަޅަށް މަސައްކަތްކުރުމަށް ނުވަތަ 'ފަންގޝަން' ކުރުމަށް މަގުފަހިކުރުވައެވެ.
ރަނގަޅަށް ހަމަނުޖެހޭ ނުވަތަ 'އަންސްޓޭބަލް' މޮލެކިއުލްސްގެ ސަބަބުން ސެލްތަކުގެ ޑީ.އެން.އޭ ހަލާކުކުރުމަށް މަގުފަހި ކުރުވައެވެ. އެއަށް ކިޔަނީ 'ފްރީ ރޭޑިކަލްސް'އެވެ. ނަމަވެސް ބްލޫބެރީއަކީ އެންމެ ރަނގަޅަށް، އެންޓިއޮކްސިޑެންޓް ގުދުރަތީގޮތުން ލިއްބައިދޭ އެއް ބާވަތެވެ. މީގެ ސަބަބުން ފްރީ ރޭޑިކަލްސްއާއި ދެކޮޅަށް އަހަރުމެން ރައްކާތެރިކޮށްދިނުމަށް ބްލޫބެރީ އެހީތެރިވެއެވެ.
ބްލޫބެރީއަކީ ލޭގެ ޕްރެޝަރ މައްޗަށްދާ މީހުންނަށްވެސް ނުހަނު ފައިދާ ހުންނަ މޭވާއެކެވެ. ހަމައެއާއެކު، ގޮހޮރަކީ އިމިޔުން ސިސްޓަމްގެ 70 އިންސަންތައެވެ. ބްލޫބެރީގައި އެކިކަހަލަ ވިޓަމިންސްއާއި ފައިބަރ އެކުލެވިގެންވާތީ، ގޮހޮރުގެ ދުޅަހެޔޮކަމަށްވެސް ބްލޫބެރީ މަގުފަހިކުރުވައެވެ.
ބްލޫބެރީއަކީ މިފަދަ އެތައް ގޮތަކުން ސިއްޙަތަށް ފައިދާވާ މޭވާއެކެވެ. ކުޑަ ނަމަވެސް ފައިދާ ނުހަނު ގިނައެވެ. މަންފާތައް ނުހަނު ބޮޑެވެ. މިފަދަ މޭވާތައް އަހަރުމެންގެ ދުވަހީ ދިރިއުޅުމުގައި ކޮންމެވެސް ވަރަކަށް ބޭނުންކުރުމަކީ ދުޅަޙެޔޮ ސިއްޙަތަކާއި ދިރިއުޅުމަކަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން