ފޭސްބުކަށް ވަންނަ ކޮންމެ ފަހަރަކުހެން ލޮލުގައި އަޅައިގަންނަނީ އެ ޕޭޖުގެ ކޮންމެވެސް ޕޯސްޓެކެވެ. އިޙްސާސްތަކާއި ހިތްދަތި ޙާލަތު ބަޔާން ކޮށްދީފައިވާ އެތައް ލިޔުންތަކެކެވެ. އެއީ އެ ޕޭޖެއްގެ ފަރާތުން އެތައް ފަރާތްތަކަކަށް އެތައް އެހީތަކެއް ފޯރުކޮށްދޭ 'އެކަނިވެރި މައިން' ގެ ނަމުން ނަންދެވިފައިވާ ފޭސްބުކް ޕޭޖެވެ. އެ ޕޭޖުގެ ޒަރީޢާއިން ފޯރުކޮށްދޭ އެހީތަކަކީ ފާހަގަ ކުރުން ހައްޤުކަމެއް ގޮތުގައި އަޅުގަނޑުމެން ޤަބޫލުކުރަމެވެ. އެހެންކަމުން ކުޑަކޮށް ބިރެއް ގަތްފައި ހުރެވެސް ޕޭޖަށް މެސެޖުކޮށްލީ ޖަވާބެއް އައުމާ ނައުމަކީ 50/50 ގެ ކަމެއްގޮތުގައި ދެކިގެންނެވެ. ވަގުތުތަކަށްފަހު ފޭސްބުކު ބަލައިލިއިރު، އެފަރާތުން ޖަވާބެއް އައިސް އިންކަން އެނގުމުން ހިތްތެޅިގަތެވެ. ނަމަވެސް ހަމަޖެހުމެއް ލިބުނީ ވާހަކައިގައި ހުރި ގާތްކަމާއި އޯގާތެރިކަން އެންމެ މެސެޖަކުންވެސް ވަޒަން ކުރެވުމުންނެވެ. 

ގިނައިން އަންހެނުންނާއި ރައްޓެހި، ނަމަވެސް ފިރިހެންވެރިންނަށްވެސް ތަފާތު ކުރުމެއް ނުވާ ބީދައިން ކުރިޔަށް ގެންދާ މި ޕޭޖުގެ މާލިމީއަކީ 43 އަހަރުގެ ކަނބަލެކެވެ. ވަނަވަރު ހާމަކޮށް، މީހުންނަށް އެއީ ކާކުކަން އެނގުމަކީ 2 ކުދިންގެ މަންމައަކަށްވާ މަރިޔަމް ބޭނުންވާގޮތެއް ނޫނެވެ. ކުދިން އަބަދުވެސް މުޚާތަބުކުރަނީ 'ސިސް' ކިޔައިގެންކަމާއި، އެކަމުގެ ސަބަބުން ވަރަށް އުފާވާކަމަށް އެފަރާތުން ހާމަކުރިއެވެ. ބައެއްކުދިން މަރީ ވެސް ކިޔައެވެ. އެހެންކަމުން މަރީގެ އިންޓަވިއުއާއެކީ ކުރިޔަށް ދިޔައީމެވެ.

ޕޭޖު ފެށިގެންއައީ ކިހިނެއް، ކޮން ސަބަބަކާ ގުޅިގެންތޯ ކުރެވުނު ސުވާލަށް ޖަވާބުދެމުން އެފަރާތުން ކިޔައިދިނެވެ.

"ވަރަށް ގިނަ އަންހެނުން، ޚާއްސަކޮށް ގޮތެއް ނެތިފަ ތިބޭ ނިކަމެތި ކުދިން، ފެމިލީ ސަޕޯޓުވެސް ނުލިބޭ ކުދިން ވަރަށް ގިނައިން ފެނޭ. ނިކަމެތިވީމަ ގިނަފަހަރު އަނގައިން ބުނެލާނެ ރައްޓެހިންވެސް ނުތިބޭ. މިކުދިން ހުރިހާ އިޙްސާސްތަކެއް ބަންދުކޮށްގެން މިހެން ތިބެތިބެ އެންމެފަހުން ބަލިމީހުންނަށް ބަދަލުވަނީ. މާޔޫސްވެގެން، ދުނިޔެއާ އެކަހެރިވެލައިން ތިބެނީ. ޕޭޖު ހިންގަން ފެށި މައިގަނޑު ސަބަބަކީ ހަމަ މިފަދަ ބޭފުޅުންނަށް، އަންހެންވެސް ފިރިހެންވެސް ހިމެނޭ ގޮތަށް، ދިރިއުޅުން މަތިން ފޫހިވެފައި ތިބޭ ފަރާތްތަކަށް އުއްމީދު ހޯދައިދީ، ކައިވެނިކުރާނެ ރަނގަޅު ބައިވެރިން ހޯދައިދީ، ނުދެއްކި ހުރި ވާހަކަތައް ޕޭޖްގެ ޒަރީޢާއިން މީހުންނަށް އަޑު އިއްވާލަދީ ހެދުން. ލަނޑު ލިބި މާޔޫސްކަންމަތީ އުޅޭ ފިރިހެނުންވެސް މަދެއް ނޫން. އެ އެންމެންގެ އަޑު އިއްވާލަދީ އެހީތެރިވާން ޕޭޖް ހެދީ."

މިގޮތް އިޙްތިޔާރުކުރީ މިއަށްވުރެ ފަސޭހަގޮތެއް ނޯންނާނެތީއެވެ. ތެދެކެވެ. މީހުންގެ ސަމާލުކަމަށް ކަންކަން ގެނައުމަށް އެންމެ ފަސޭހައީ ސޯޝަލް މީޑިއާގެ މިފަދަ މަންސައެކެވެ. އެހެންކަމުން ޕޭޖުގެ މަޤްސަދަކީވެސް، ދިރިއުޅުންމަތިން ފޫހިވެ، މާޔޫސްވެފައި ތިބި ބަޔަކަށް ކޮންމެވެސް ގޮތެއް ހޯދައިދީ، ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ހިތްވަރުދިނުންކަމުގައި މަރީ ހާމަކުރެއެވެ. 

ޕޭޖުގެ ޕޯސްޓުތައް ނިސްބަތްވެފައި ހުންނަނީ ތަފާތު އެކި ކަންކަމަށެވެ. އެކި މީހުންނަށެވެ. ނަމަވެސް ޕޭޖުގެ ނަމަކަށް 'އެކަނިވެރި މައިން' ދެވިފައިވަނީ ކިހިނެއްތޯ ކަމާމެދު ސުވާލު އުފެދެއެވެ. އެހެންކަމުން އެ ސުވާލުވެސް އަމާޒުކޮށްލީމެވެ.

"އެއީ ގިނައިން ހާލުގައި އުޅޭތަން ފެންނަނީ ކުދިން ގޮވައިން އެކަނި އުޅޭ އަންހެނުންވީމަ އެކަނިވެރި މައިން ޕޭޖަށް ކީ. އެކަނިވެރިމައިން އަޅުގަނޑު ކިޔަނީ ހަމައެކަނި ވަރިކޮށްފަ ތިބޭ މީހުންނަކަށް ނޫން. މީހުންނާ އިނދެގެން އުޅޭ، ފިރިއެއްގެ އެހީތެރިކަން ނުލިބި، އަމިއްލަޔަށް ދަރިންގެ ހުރިހާކަމެއް ބަލާ މައިންނަކީވެސް ހަމަ އެކަނިވެރިމައިން. މަންމައާއި ބައްޕަ ނަގަންޖެހޭ ޒިންމާ މަންމަ އެކަނި ނަގާ ކޮންމެ މަޔަކީ އަޅުގަނޑުގެ ނަޒަރުގައި ހަމަ އެކަނިވެރިމައެއް."

ކުރިންވެސް ފާހަގަކުރެވުން ފަދައިން، ޕޭޖު މެދުވެރިކޮށް ތަފާތު އެކި އެހީތައް ހޯދައިދީ ނުވަތަ އެކި ޙިދުމަތްތައް ގިނަ ބަޔަކަށް ފޯރުކޮށްދެވެއެވެ. އެފަދަ ކިތަށްމެ ޕޯސްޓެއް ފޭސްބުކް ސްކްރޯލް ކޮށްލާއިރަށް ވަރަށް ފަސޭހައިން ފެންނާނެއެވެ. އެކަމާ ގުޅޭ މަޢުލޫމާތުވެސް ވަރަށް ތަފްސީލުކޮށް 'ސިސް' އަޅުގަނޑުމެންނާ ހިއްސާކުރިއެވެ.

"ޕޭޖް މެދުވެރިކޮށް ވަރަށް ގިނަ އެހީތައް ހޯދައިދެވޭ. ކުދިންނަށް ބޯހިޔާވަހިކަން، ވަޒީފާ، ގޭގައި އިނދެ އާމްދަނީ ހޯދޭނެ ގޮތްގޮތް، އެއްޗެއް ނުލިބި އެމަރޖެންސީ ވެގެން އަންނަ ކޭސްތައް ވެސް ޙާލަތު ވަރަށް ރަނގަޅަށް ބަލާފަ، ހުރިހާ މަޢުލޫމާތެއް ހޯދާފަ، ޕޭޖުގައި ޖަހައިން އެހީތެރިކަން ވަގުތުން ހޯދައިދެވޭ.  ޕޭޖު މެމްބަރުންގެ ދީލަތިކަން ފެންނަނީ. ޕޭޖަށް އެބޭފުޅުން ކުރާ އިތުބާރު. އަލްޙަމްދުލިﷲ. މީގެއިތުރުން ޕޭޖު މެދުވެރިވެގެން އެތައްބަޔަކު މީހުންނާވެސް ދެވިއްޖެ. އެއްބައި ކުދިން ދަޢުވަތުދޭ ސަޔަށް. ނަމަވެސް އަޅުގަނޑު ވަކި ފަރާތެއް ހާމަނުކޮށް ޕޭޖު ހިންގަން ބޭނުންވާތީ ނުދެވެނީ. އެކަމަކު ވަރަށް ވަރަށް ވަރަށް އުފާވޭ ކުދިން ދިރިއުޅުމައިގެން ކުރިޔަށްދާތަން ފެނުނީމަ."

ޕޭޖު މެދުވެރިކޮށް ކަމެއް ކުރަން ބޭނުންނަމަ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އަލަށް ޕޭޖަށް ތަޢާރަފުވާ މީހުންނަށް ފަހަރެއްގައި އެކަން ކުރިޔަށްދާގޮތް ނޭނގިދާނެއެވެ. ކުރަންޖެހޭނެހާވެސް ކަމަކީ ޕޭޖަށް ޕްރައިވެޓް މެސެޖެއް ކޮށްލުމެވެ. އަދި ޕޭޖުގައި ޖަހާކަހަލަ ކޮންމެ ޕޯސްޓެއްވެސް ހުރިހާ ފަރާތްތަކަށް ވެސް ފްރީކޮށް ޖަހާލެވޭނެކަމަށް ސިސް ހާމަކުރެއެވެ. ހަމައެހެންމެ، މި ޕޭޖަކީ އެފަރާތުން ގިނިކަންޏާ ހިންގާ ޕޭޖެކެވެ. މަރީއަކީވެސް ވަރަށް ބިޒީކޮށް އުޅޭ، އޮންލައިން ވިޔަފާރިއެއް ހިންގާ ކަނބަލެއްކަމުން، ޕޭޖް ހިންގަނީ ހުސްވަގުތުތައް ހޯދައިގެންނެވެ. 

ކޮންމެކަމެއް ކުރިޔަސް ކޮންމެވެސް ކަހަލަ ގޮންޖެހުންތަކެއް ނުވަތަ އުނދަގޫތަކެއް ކުރިމަތިވުމަކީ ދުނިޔެވީ ތަބީޢަތެވެ. އެހެންކަމުން މި ޕޭޖު ހިންގުމުގައި ޢާއްމުކޮށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަން ކުޑަކުރުމަށް ކުރަނީ ކޮން ކަންތައްތަކެއްތޯ ސުވާލުކޮށްލުމުން މަރީ އިތުރަށް ކިޔައިދިނެވެ. 

"ޢާއްމުކޮށް ދިވެހިންގެ ތެރޭގައި މި އޮންނަ ހަސަދަޔާ ފުރައްސާރަ. މިކަންކަމާ ކެރިގެން ކުރިމަތިލުން. ބައެއްފަހަރު ރައްދުދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. އެކަހަލަ ކަމެއް ޖެހުނީމަ ކުރާ ކަމަކީ، ރީތިކޮށް ރައްދު ދެނީ. ކެރިގެން ކުރިމަތިލަނީ. އަޅުގަނޑަށް ޖަވާބު ނުދެވޭ އެއްވެސް ސުވާލެއް އެހެން ދިމާކުރަން އަންނަ އެއްވެސް ބޭފުޅަކަށް ނުކުރެވޭނެ، އިންޝާ ﷲ." މަރީގެ ސާބިތުކަމާއި ހިތްވަރަށް ހަމަ އައްސަރިބަހާއި ސާބަސް ހައްޤެވެ. 

ޕޭޖެއް ހިންގާއިރު މީހާ ހުށަހެޅިފައި ހުންނާނީ މުޅި މުޖުތަމަޢަށެވެ. ގިނަ ބައެއްގެ ލޯތައް އެކަމަށް އަމާޒުވާނެކަން ޔަޤީނެވެ. ތަފާތު އެތައް މިޒާޖެއްގެ، އެތައް ވައްތަރެއްގެ މީހުންނާ ދިމާވާނެކަންވެސް ގައިމެވެ. ފާހަގަކޮށްލެވޭ ތަޖުރިބާތަކާވެސް ދިމާވެފައި ހުންނާނެތާއެވެ. 

"އެއީ ޕޭޖުގެ ނަމާ މެދު ހިތްހަމަނުޖެހިގެން އައި ފަރާތެއް. ނަން ބަދަލު ނުކޮށްފިނަމަ މިހެން ހަދާނަން، އެހެން ހަދާނަން ކިޔާ މަރުގެ އިންޒާރު ދީ ހެދީ. އެދެން ހަނދާންވާ ކަމެއް." ހިނިގަނޑެއް ޖަހާލަމުން ކުރުގޮތަކަށް އެފަދަ ހަނދާނުން ނުފިލާ ހާދިސާއެއްގެ ވާހަކަ ސިސް ހިއްސާކުރިއެވެ. ހަމައެހެންމެ، ޕޭޖާއި ދޭތެރޭ އެންމެ ފުރަތަމަ މުޖުތަމަޢު ދެކުނީ ކޮން ނަޒަރަކުންކަމާއި، މިހާރު މީހުން ދެކޭގޮތަކީ ކޮބައިކަންވެސް އިތުރަށް އެފަރާތުން ކިޔައިދިނެވެ.

"ގިނަ މީހުން ފުރަތަމަ ހަމަ ފުރައްސާރަކުރީ. އެބޭފުޅުންނަށް ހީވީ އަޅުގަނޑަކީ ޕޭޖު ހަދައިން ފިރިހެނުންގެ އަގު ވައްޓާ، އެމީހުންނަށް އެއްޗެހި ކިޔަން އުޅޭ މީހެކޭ. ފުރަތަމަ ކޮޅު، ބައެއް ކައިވެނި ޕޭޖުތަކުންވެސް ހިލޭ ޕޯސްޓު ޖަހާތީ ދިމާކޮށްލައިން އުޅުނު. ފަހުން އެބޭފުޅުންނަށްވެސް ޕޭޖުގެ މަޤުސަދު ވިސްނި، މިހާރު އެހެން ބެހޭ މީހުން ވަރަށް ވަރަށް މަދު. މިހާރު ގިނަ ބަޔަކު ތާޢީދުކުރާ، ބަލައިގަންނަ ޕޭޖެއް މިއީ. އަދި ސަރުކާރު ބައެއް މިނިސްޓްރީންވެސް އަޅުގަނޑު ކުރާ މަސައްކަތްތައް ބަލައިގަނެ، ޝުކުރުގެ މެސެޖުކުރި ދުވަހަކީވެސް ވަރަށް އުފާވި ދުވަހެއް. އަޅުގަނޑަށްވެސް މުޖުތަމަޢަށް ފައިދާކުރާ މަސައްކަތެއް ކުރެވޭކަމުގެ އިޙްސާސް ކުރެވުނު." ގޮންޖެހުންތަކާއި ކުރިމަތިލާ، ހިތްވަރުއެލުވާލުމެއް ނެތި ކުރިޔަށްދިޔަ މި ޝަޙުގެ މަސައްކަތަށް އެ ތަޢުރީފު އެންމެ ފުރިހަމައަށް ހައްޤެވެ. އެކަމާމެދު އިތުރު ބަހުސެއް، ޝައްކެއް ވަސްވާހެއް ނެތެވެ. 

ގާތްކަމާއި އޯގާތެރިކަމުގެ ސާލެއް ދެމިފައިވާ އިންޓަވިއުއަށް އަނެއްކާވެސް ސުވާލެއް އިތުރު ކޮށްލީމެވެ. ޕޭޖު ހިންގާއިރު، އެންމެ އުފާވަނީ އަދި ހިތްހަމަޖެހެނީ ކީއްވެތޯ އަހާލީމެވެ.

"ހަމަ ނިކަމެތި ބަޔަކު ގޮވައިން އެމީހުން އުފާކޮށްދީ، ވާހަކަތައް ޝެއަރކޮށްލާ ހެދޭތީ އެންމެ އުފާވަނީ. އަޅުގަނޑުގެ ބައްޕަ އަބަދުވެސް ބުނާނެ ދަރިފުޅާއޭ، އަބަދުވެސް ތިމާއަށްވުރެ ނިކަމެތިކޮށް އުޅޭ މީހާއަށް ބަލާ، އެމީހެއްގެ އަތުގައި ދަރިފުޅު ހިފާށޭ. އަބަދުވެސް ނަސޭޙަތްދޭނީ ދަރިފުޅާއޭ، މީހަކާ އިންނައިރުވެސް ފައިސާއަށް ނުވިކޭށޭ. ދީނަށް ލޯބިކުރާ މީހަކު ހޯދައިގެން ކައިވެނި ކުރާށޭ. އަބަދުވެސް ބައްޕަގެ ހުރިހާ ވާހަކަތަކެއްވެސް ހަނދާނުގައި ހުރޭ." 

ބައްޕަގެ ނަސޭޙަތުގައި ހިފާ، އެފަދައިން ދިރިއުޅުން ބައްޓަންކުރާ މި ޝަޙުސިއްޔަތުގެ ރޯލް މޮޑެލްއަކީވެސް ހަމަ އެފަރާތުގެ ލޮބުވެތި މަންމައާއި ބައްޕައެވެ. އެކަންވެސް އެންމެ ރަނގަޅަށް ހާމަވީ ރޯލް މޮޑެލްގެ ގޮތުގައި ދެކޭ އެއްވެސް މީހަކު ހުރިތޯ ކުރި ސުވާލަށް އެ ފަރާތުން ދިން ފުރިހަމަ ޖަވާބުންނެވެ. 

"އަބަދުވެސް އަޅުގަނޑުގެ ލޯބިވާ މަންމައާއި ބައްޕަ. ބައްޕަ ދުނިޔެއަކު ނެތް. އަޅުގަނޑަށް ބައްޕަ ނަންމަތީ މިސްކިތެއްވެސް ނޭޅޭނެ. ކުރާ ހުރިހާ ޙެޔޮކަމެއް އަޅުގަނޑު ކުރަނީ ބައްޕައަށް ޙެޔޮ ރަޙުމަތަށް އެދި. ދުނިޔޭގައި ހުރިއިރު ބައްޕައަކީ އަޅުގަނޑުގެ ބެސްޓީއަކީވެސް. އަބަދުވެސް ވާހަކަދައްކާ ސަކަރާތްޖަހާ ހަދާނެ. އަބަދުވެސް ވަގުތުގައި ނަމާދުކޮށްގެން ހުންނަށްޗޭ ކިޔާ ހަނދާންކޮށްދޭނެ. ކޮންމެ ވަގުތަކުވެސް މަރުވެދާނޭ، ނަމާދުނުކޮށް އިންދަ މަރުވެއްޖެޔާ ކިހިނެއްހޭ ހަދާނީ.. ބައްޕަ ނެތަސް ބައްޕަގެ ލޯބި ވާހަކަތައް އަބަދުވެސް ހަނދާންކުރާ ޙާލު، ޙެޔޮ ދުޢާކުރުން މަތީ ދެމިހުންނާނަން، އިންޝާ ﷲ." 

ބައްޕައެއްގެ ލޯބި އަންހެން ދަރިފުޅުގެ ވާހަކަ މިހިސާބަށް ދިޔައިރު އަޅުގަނޑުމެންގެ ލޮލަށް ފެން ގިނަވާކަހަލަ އިޙްސާސެއް ކުރެވުނެވެ. އެ ލޯތްބާއި ނަސޭޙަތުގައިވާ އަސަރެވެ. އެކަމުގައި ހިފައިން، އެކަން ބަލައިގަނެ ކުރިޔަށްދާ އަންހެން ދަރިފުޅުގެ ހިތްވަރާއި ސާބިތުކަމެވެ. ބައްޕައަކާއި ދަރިއެއްގެ ޖަޒުބާތީ ދާސްތާނެވެ. ބައްޕަގެ ނިޝާންތައް އެދަރިފުޅު ދިރުވާ އާލާކުރަނީ، ބައްޕަގެ ނަސޭޙަތްތައް ޢަމަލުން ދައްކަމުންނެވެ. ދިރިއުޅުމުގައި ޢަމަލީގޮތުން އޭގެ ކުލަވަރު ޖައްސަމުންނެވެ. އެ ބައްޕައަށް ޙެޔޮ ރަޙުމަތްލައްވާ، ޖަންނަތުލް ފިރްދައުސް މިންވަރުކޮށްދެއްވުމަކީ އަޅުގަނޑުމެންގެވެސް ދުޢާއެވެ.

'އެކަނިވެރި މައިން' މި ޕޭޖަކީ މިހާރު 16،000 މީހުން ފޮލޯކުރާ ޕޭޖެކެވެ. ހަމައެހެންމެ 6.9 ހާސް ލައިކްވެސް މިހާތަނަށް މި ޕޭޖަށް ލިބިފައިވެއެވެ. އެހެންކަމުން ފާހަގަކޮށްލެވޭ ޚާއްސަ ކާމިޔާބީއަކާ ގުޅޭގޮތުން ސުވާލެއްކޮށް، އެދިމާލަށް މިސްރާބު ޖެހީމެވެ.

"އެއް އަހަރުގެ ތެރޭގައި އެތައް ކަމެއްގެ ވާހަކަ ޖަހާ، އެތައް ކަމަކަށް އެދެވޭ ޙައްލުތަކެއް ލިބުންތަން ފެނިއްޖެ، މާޝާ ﷲ. މިހާރު އެންމެ އުންމީދުކުރެވެނީ، ސަރުކާރުން ޑޭކެއަރ ފެސިލިޓީސްތަކެއް ޤާއިމްކޮށްދިނުން. އޭރުން ވަރަށް ގިނަ ބަޔަކަށް ވަޒީފާވެސް ލިބޭނެ. ޙާލުގައި ދަރިން ގޮވައިން އުޅޭ މަންމައިންނަށް، ކުދިންކޮޅު ތަންކޮޅެއް އަގުހެޔޮކޮށް ޑޭކެއަރއަށް ލާފަ ވަޒީފާއަށް ދެވޭނެ. މިހާރު އަމިއްލަ ފަރާތްތަކުން ހިންގާ ތަންތަން ފީ އަގުބޮޑުވީމަ، ގިނަ މައިންނަށް ލިބޭ މުސާރަކޮޅުން އެފޯޑް ނުކުރެވޭ. ސަރުކާރުން ފީއެއް ނަގައިން، ތަންކޮޅެއް އަގުހެޔޮކޮށް މިކަން ކޮށްދީފިނަމަ، އަސްލު މިހާ ޙާލުގައި އަންހެނުން ގަނަތެޅެން ނުޖެހޭނެ. މިއީ އަދި ނުވާ ކަމެއް. މިކަންވެސް އިންޝާ ﷲ އަދި ވާނެ. ކޮންމެވެސް ބަޔަކު މިކަމަށް އިސްނަގާ، މަސައްކަތް ފައްޓާތަން ވަރަށް ދެކޭ ހިތްވޭ." ފާހަގަކޮށްލެވޭ ކާމިޔާބީއާ އެކީ މަރީ ހިއްސާކުރީ، މުސްތަޤުބަލުގައި ދެކެން ބޭނުންވާ މަންޒަރެއްވެސް ސިފަކޮށްދެމުންނެވެ. 

މުސްތަޤުބަލުގައި ހާސިލްކުރަން ބޭނުންވާ އެއްވެސް ލަނޑުދަނޑިއެއް އޮތްތޯ، އަޅުގަނޑުމެން އެންމެފަހު ސުވާލެއްގޮތުގައި ކޮށްލީމެވެ. ބޭނުންވާ ހުރިހާކަމެއް ﷲ ތަޢާލާގެ ރަޙުމަތުން ޙާސިލުވެއްޖެކަމާއި، ދެން އެންމެ ދެކެން ބޭނުމީ ދަރިންވެސް ނިކަމެތިންނަށް އަޅާލާ އެހީތެރިވާތަންކަމުގައި އެ އުޚުތާ ފާހަގަކުރިއެވެ. ބޭނުމީ އެކުދިން ޙެޔޮގޮތުގައި އުޅޭތަން ދެކުންކަމުގައި 'އެކަނިވެރިން މައިން' ގެ ޕޭޖުގެ ބާނީ އަޅުގަނޑުމެންނާ ހިއްސާކުރިއެވެ. 

ސާބިތުކަމާއި ހިތްވަރުގަދަ މި ޝަހުސިއްޔަތަށް އަޅުގަނޑުމެން 'ތީރު' ގެ ފަރާތުން އެދެނީ އިތުރު ކާމިޔާބީތަކާއި އުސްއަލިތަކަށެވެ. މަރީއަށް އެދެނީ އަދަށްވުރެ ފެހި އަދި ފާގަތި މުސްތަޤުބަލަކަށެވެ. މުޖުތަމަޢަށް އެ އުޚުތާގެ ޕޭޖުގެ ޒަރީޢާއިން ހޯދައިދެނީ އެތައް އެހީއެކެވެ. އެތައް ބައެއްގެ ހިތުގައި ރޯކޮށްދެނީ އުއްމީދުގެ ހުޅުކޮޅެވެ. ދިރިއުޅުމުގެ އަނދިރިގަނޑުން ނުކުމެ، އަލިކަމެއް ފޯރުކޮށްދިނުމަށް ކޮށައިދެނީ މަގުތަކެވެ. އަޅުގަނޑުމެންގެ ދުޢާއަކީ، މި މަސައްކަތުގައި ﷲ ތަޢާލާ އަބަދުވެސް ބަރަކާތްލައްވާ، ދިރިއުޅުމުގައިވެސް ބަރަކާތްލައްވާ އުފާފާގަތިކަށް މިންވަރުކޮށްދިނުމެވެ.