24 ގަޑިއިރުގެ ތެރޭގައި ކޮވިޑްބަލީގައި ތިންވަނަ މީހަކު ނިޔާވެއްޖެއެވެ.

މި ބަލީގައި ބުރާސްފަތި ދުވަހު ތިންވަނައަށް ނިޔާވެފައިވަނީ އިންޑިޔާގެ ފަތުރުވެރިއެއްކަމަށް މައުލޫމާތުލިބެއެވެ. މިއީ، ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިއުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓުން ޕޮޒިޓިވްވެގެން، ރަސްދޫގައި ކަރަންޓީނު ވެގެން ހުރި މީހެކެވެ. އޭނާ ކޮވިޑަށް ފައްސިވި ކަން އެނގުނީ މިދިޔަ މަހުގެ 27ގަ އެވެ.

ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަލީ ރިޔާޒާއި ހަވާލާދީ ބައެއް ދިވެހި ނޫސްތަކުގައި ބުނާގޮތުން އުމުރުން 60 އަހަރުން މަތީގެ އެ ފިރިހެން މީހާ މަރުވީ، އޭނާ ހުރި ގެސްޓް ހައުސްގަ އެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު 3:18 ހާއިރު ވެސް އަންހެނަކު ވަނީ ނިޔާވެފައިވެއެވެ. އެމީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް19އަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ އަންހެނެކެވެ. މީގެ އިތުރުން ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހަކުވެސް މިއަދު މެންދުރު ވަނީ މަރުވެފަ އެވެ.

މި ތިން މަރާއެކު ރާއްޖެއިން ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 77 ކަށް އަރާފައެވެ.

 

ރާއްޖޭގައި މިފަހަކުން އަންނަނީ ކޮވިޑްގެ ހާލަތު ގޯސްވަމުންނެވެ. ރާއްޖެއިން ބުދަ ދުވަހު 700ށް ވުރެ ގިނަ މީހުން މިބައްޔަށް ފައްސިވެގެން ރިޕޯޓު ކޮށްފައިވެއެވެ. 

މިއާއެކު ރާއްޖޭގައި 7،109 އެކްޓިވްކޭސް މިހާރު ތިބި އިރު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 32،665ށް އަރާފައެވެ. އޭގެ ތެރެއިން 25،437 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 198 މީހުން އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.