އެކި މީހުންނަށް ﷲ ތަޢާލާ މިންވަރު ކުރައްވަނީ އެކި ގޮތެވެ. ދެއްވަނީ އެކި ކަހަލަ ނިޢުމަތްތަކެވެ. އިންސާނުންނަށް އޮންނަނީ ލިބޭ ނިޢުމަތްތަކަށް ޝުކުރުވެރިވުމެވެ. ގަޟާ ޤަދަރަށް އީމާންވުމެވެ. ނިޢުމަތްތަކަށް އެދި ދުޢާކުރުމެވެ. ނަމަވެސް އަނެކާއަށް ލިބޭ ނިޢުމަތްތަކަށް ހަސަދަވެރިވެ، އެކަމާ ނުރުހުންވާ މީހުން އުޅޭކަމީ ޤަބޫލުކުރަންޖެހޭ ހިތި ހަޤީޤަތެކެވެ. އެސްފީނާއާއި ހަސަދައިން އަހަރުމެންގެ ނަފުސުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރަންވާނެއެވެ.
ނަމަވެސް ގިނަ ފަހަރަށް ކުރެވޭ ކަމަކީ، ލިބޭ ނިޢުމަތްތަކާއި، ލިބޭ އުފާތަކުގެ އިތުރުން ތިމާއަށް ދިމާވާ ރަނގަޅު ގޮތްތަކުގެ ވާހަކަ މީހުން ގާތު ދެއްކުމެވެ. ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އެ ވާހަކަތައް 'އިޝްތިހާރު' ކުރުމެވެ. ގިނަ ބަޔަކަށް އެކަން އަންގާ ފާޅުކުރުމެވެ. ހަޤީޤަތުގައި އެކަންކަން މީހުންނަށް އެންގުމުގެ ބޭނުމެއް ނެތެވެ. ހުރިހާ އެންމެންނަކީ ތިމާއަށް ޙެޔޮއެދޭ މީހުންކަމުގައި ނުވެދާނެކަން ޤަބޫލުކުރަން ޖެހެއެވެ. އެންމެ ފުރިހަމައަށް އިތުބާރުކުރެވޭ، ގާތް މީހުން ގާތުގައި ނޫނީ އެފަދަ ވާހަކަތައް ދެއްކުމަކީ ބުއްދިވެރިކަމެއް ނޫނެވެ. މީހެއްގެ ހިތުގައި އޮންނަ އެއްޗެއް އަހަރުމެންނަކަށް ނޭނގޭނެއެވެ.
އެފަދަ ނިޢުމަތްތަކާއި އުފާތައް ގިނަ ބަޔަކަށް ހާމަކުރުމުން ތިމާ ހުށަހެޅިގެންދަނީ ގިނަ ބައެއްގެ ލޯތައް އަމާޒުވާ މީހަކަށެވެ. ތިމާއަށް ލިބުނު ނިޢުމަތެއް، ނުވަތަ އުފަލަކަށް ނުހަނު އެދިއެދި ހުރި މީހަކަށް، އެ ޚަބަރު ލިބުމުން ވާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ކޮންމެ މީހަކީ އަނެކުންގެ އުފަލަށް ހަސަދަވެރިވާ މީހެއް ނޫނެވެ. ނަމަވެސް ބޭއިޙްތިޔާރުގައިވެސް އެމީހެއްގެ ހިތައް އެރުވޭ އެއްޗަކުން ތިމާގެ ޙަޔާތަށް އަސަރެއް ކުރުން އެކަށީގެން ނުވޭ ހެއްޔެވެ؟
މިސާލަކަށް ދަރިއެއްގެ ނިޢުމަތަށް ކެތްމަދުވެފައި ހުންނަ ދެމަފިރިއަކަށް، ތިމާގެ ދަރިފުޅުގެ ފޮޓޯއާއި ވީޑިއޯތައް އިންސްޓަގްރާމާއި ސްނެޕްޗެޓް ފަދަ މަންސަތަކުން ފެނުމުން އެކަމާ ބޭއިޙްތިޔާރުގައި ހަސަދަވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. ހަމައެހެންމެ، އިމްތިޙާނަކުން އޭ ފާސް ނުވަތަ އެޗް ޑީ ފަދަ މަތީ ނަތީޖާތައް ލިބުމުން، އެކަން ސޯޝަލް މީޑިއާގައި ހިއްސާކުރުމުން، ރަނގަޅު ނަތީޖާއެއް ނުނެރެވުނު ކުއްޖާގެ ހިތުގައި ހަސަދައިގެ ހުޅުކޮޅު ރޯވުމަކީ ގާތްކަމެކެވެ. މީގެއިތުރުން، ވަޒީފާގަނޑެއް ހޯދުމަށް ގަނަތެޅެމުންދާ މީހަކަށް، ތިމާއަށް ލިބިފައިވާ ވަޒީފާއާއި އެކަމުގެ ރަނގަޅުކަމުގެ ވާހަކަ ދައްކާފައި ހުންނަ ސްޓޭޓަސްތައް ފެނުމުން އެކަމާ ހަސަދަވެރި ވެވިދާނެއެވެ. ހަމަމިއާއެކު، ދެމަފިރިންގެ ދެމެދުގައިވާ ލޯބީގެ ބޮޑުކަމާއި، ޒަވާޖީ ޙަޔާތުގެ ފުރިހަމަކަން ހާމަކުރުމަށް އެކި ކަހަލަ ޕޯސްޓުތަކާއި ސްޓޯރީތައް ލުމުންވެސް، މީހުންގެ އެސްފީނާއާއި ހަސަދައަށް ހުށަހެޅިގެންދިއުމަކީ ވެދާނެކަމެކެވެ.
ތިމާއަށް ލިބިފައިވާ ލޯބިލޯބި ދަރިފުޅާއި، މާބަނޑުވުމުގެ ނިޢުމަތްވިޔަސް ހެވެއެވެ. ލިބިފައިވާ ރަނގަޅު ވަޒީފާއާއި، ތަޢުލީމީ އުސްއަލިތައް ވިޔަސްމެއެވެ. ދެމަފިރިންގެ ދެމެދުގައިވާ ހަޤީޤީ ލޯތްބާއި ކުލުނުވިޔަސްއެވެ. ދުނިޔެއަށް އެކަން އިޢުލާންކޮށް އިޝްތިހާރު ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. އެކަމަށް ﷲ ތަޢާލާއަށް ޝުކުރުވެރިވެ، ނިޢުމަތްތައް އިތުރުކޮށްދެއްވުން އެދި ދުޢާ ކުރަންވީއެވެ. ގިނަ ބަޔަކަށް އެކަން ހާމަކޮށް އެންގުމަކީ، އެސްފީނާއާއި ހަސަދައަށް ހުޅުވައިދެވޭ ދޮރެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން