ހިޔާލުތަކަށް ގެއްލިފައި އޮވެވުނު އިރެއް ވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެން ސިހުނީ މީހަކު ދޮރުގައި ޓަކި ޖަހާލީމައެވެ. އަހަރެން މަޑުމަޑުން ގޮސް ދޮރު ހުޅުވާލީމެވެ.
ކުރިމަތީގައި ހުރީ އަހަރެންގެ ދޮށީ ފިރިހެން ދަރިފުޅެވެ. އެ ދަރިފުޅު އައީ އަހަންނަށް ކާއެއްޗެހި ހިފައިގެންނެވެ. އަހަރެންގެ ހުރިހާ ކުދިން ވެސް އަހަންނަށް ރަގަނޅެވެ. އަހަރެންގެ ހުރި ފަސް ކުދިން ވެސް އަހަންނަށް ވަރަށް ހެވެ. އަޅާލައެވެ. އަންހެނުން މަރުވީފަހުން އެ ކުދިން އަހަންނަށް އިރުން އިރުވަރަށް ކާއެއްޗެހި ގެނެސް ދެއެވެ. އަހަރެން ބޭނުން އެހެން ކަންތައްތައް ވެސް ކޮށްލަދެއެވެ. އެހެނަސް...
ކުދިން ބޮޑެތިވެގެން އެ ކުދިން އަމިއްލަ ދިރިއުޅުމެއް ފަށައި ހުރިހާ ކުދިން ވެސް އުޅެމުން އައީ އެކުއްޖެއްގެ ގޭގައެވެ. ކުދިން އަމިއްލަ ގޭގެއަށް ދިޔަ ފަހުން އަހަންނާއި އަންހެނުން އުޅެމުން ދިޔައީ ގޭގައި އެކަނި މާއެކަންޏެވެ. ދެ މީހުންނަށް ކުރަމުން އައި ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ އެއްޗަކުން ވަރަށް އުފަލުގައި ލޯބިން އަހަރެމެން ދެމީހުން އުޅެމުން ދިޔައީމެވެ.
އުފަލުގައި އުޅެމުން އައި އަހަރެންގެ ހަޔާތަށް ބަނަކަމާއި ހުސްކަން ވެރިވެގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ކުދިންގެ މަންމަ ނިޔާވިތާ ދެ އަހަރެއްހާ ދުވަސް ފާއިތުވީ ފަހުން އަހަރެން މީހަކާއި އިންނަން ބޭނުންވެގެން އެ ވާހަކަ ކުދިންނާއި ދެއްކީމެވެ. އެވާހަކަ ކުދިންނާއި ދެއްކުންވީ ބޭކާރު ކަމަކަށެވެ. "ބައްޕަ މުސްކުޅިވީމަ ދެން ކީއްކުރަން ކުރާ ކައިވެންޏެއްހޭ!" ހުރިހާ ކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެލިއެވެ. "ބައްޕަ މީހަކާ އިނދެފިއްޔާ ދެނެއް އަހަރެމެންގެ އެހީތެރިކަމެއް ބައްޕައަކަށް ނުލިބޭނެއޭ،" ބުނެލީ ނުރުހުމާއެކުގައެވެ.
މި އުމުރުގައި އަހަރެން ކުރަންޖެހޭ އިހުސާސްތައް އެ ކުދިންނަށް ނޭނގިދާނެކަމަށް އަހަރެންވެސް ގަބޫލުކުރަމެވެ. އަހަރެން އެ ކުދިންނަށް ހިތްބުރަކަމެއް ނެތެވެ. އެކުދިން ބުނި ފަދައިން މި އުޅެނީ މީހަކާ ނުއިނދެއެވެ. އުމުރުން ދުވަސްވީ ދުވަހު ދަރިން ބުނާގޮތް ހަނދައިގެން ހުރުން ނޫން ރަގަނޅު އެހެން ގޮތެއް ނެތްކަމަށް އަހަރެންގެ ގަބޫލުކުރީމެވެ. ހިތާއި ދެކޮޅަށް ނަމަވެސް މެއެވެ.
އަހަރެންގެ ވެސް އިހުސާސްތަކެއް ހުރެއެވެ. އުންމީދުތަކެއް ހުރެއެވެ. މި އުމުރަގައި "އަންބަކަށް" އަހަރެން ނުހަނު ބޭނުމެވެ. މިރޭވެސް މި އޮތީ ނުނިދިފައެވެ. ގަޑިން މެންދަމު 12 ޖެހީއެވެ. އަހަރެން އަދިވެސް އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮތީމެވެ. ނިދި ނައިސް ގެންނެއް ނޫނެވެ. ނުނިދިގެންނެވެ. ގައިގެ އެތަން މިތާ ރިއްސާތީއެވެ.
އަހަންނަކީ މިހާރު 65 އަހަރާއި ގާތްކުރާ މީހަކީމެވެ. އަންހެނުން ނިޔާވީ ކުއްލިއަކަށެވެ. ހާރޓްއެޓޭކެއް ޖެހިގެން މަރުކަޒަށް ގެންދިޔަތަނާއި ފަރުވާއެއް ނުދެވި އުޅެނިކޮށް އަންހެނުން މި ދުނިޔެއާއި އަލްވަދާއުކިއެވެ. އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އައި އިރު އަހަރެންގެ ދިރިއުޅުން އެފުއް މިފުށަށް ޖެހިއްޖެއެވެ. ދިރިއުޅުން މަތިން މުޅިން ފޫހި ކޮށްލައިފިއެވެ. އަނބިމީހާ ނެތްކަމުގެ އުނިކަން އިންތިހާއަށް އިތުރު ވެއްޖެއެވެ. އަންބެއްގެ ފިރިމުން އިންތިހާއަށް ބޭނުންވީ އުމުރުގައި އެކަނިވެރިކަމާއި، މާޔޫސީކަމުގެ އަނދިރިކަމުގެ ސާލު ދިރިއުޅުމަށް ވެރި ކުރުވައިފިއެވެ.
އެހެން ނޫނީ އަހަރެން ބުރަކޮށް މަސައްކަތް ކުރާ ދުވަހެއްގައި ނަމަ، ރޭގަނޑު އަންހެނުންގެ އޯގާތެރި އަތުގެ ފިރުމުން ލިބޭނެއެވެ. އެ އަތުގެ ކުޑަ ނަމަވެސް ބީހުން އިހްސާސު ވާއިރަށް އެ ލިބޭ އަރާމެއްގެ ބޮޑުކަމުން ތަދުތައް އެކީ، ފިލައިގެން ދާ ކަމުގެ އިހްސާސް އަހަންނަށް ކުރެއެވެ. އެހެނަސް މިއަދު އެ އަނބިމީހާއެއް ދުނިޔެއަކުނެތެވެ. އެ ފިރުމުންތަކެއް ދެނެއް ނުލިބޭނެއެވެ.
އަންހެނުން މަރުވިތާ އެތައް ދުވަހެއް ވަންދެން ކުދިން އެގެންނަ ކާއެތިކޮޅު ތައްޓަކަށް އަޅައިގެން އަހަންނަށް ހުރެވެއެވެ. އަަންހެނުން ދުނިޔޭގައި ހުރި އިރު ހާދަ ލޯބިން އަހަންނަށް ކާންދެއެވެ. އެ ލޯބި އަތުން ބަތްކޮޅު މޮޑެލާފައި ދޭއިރު ހާދަ މީރެވެ. އެ ރަހައެއް ދެނެއް މި އަރަކު ނުލާނެއެވެ. ފަތިސް ނަމާދުން އަަހަރެން އަންނަ އިރުގައި އެ ލޯބި އަތުން ކިރާލާފައި ހުންނަ ކޮފީތައްޓެއް ދެން ކާ މޭޒު މައްޗަކުން ނުފެންނާނެއެވެ. އެ ކަން ދެން ކުރަންޖެހޭނީ އަހަރެންގެ އަމިއްލަ އަތުންނެވެ.
މި ކަހަލަ ކޮންމެ ރެއެއްގައި ހައްވަ މަތިން އަހަރެން ނުހަނު ހަނދާންވެއެވެ. އެއީ މަރު ދުވަހާއި ހަމައަށް އަހަންނަށް އޯގާތެރިކަމާއި އެކު، ޚިދުމަތް ކުރުމުގައި ދެގޮތެއް ނުވެ ހުރި އަހަރެންގެ އަނބިމީހާއެވެ. އެ ކުލުނުވެރި އިހުސާސްތައް އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެކަން ގައިމެވެ.
-ނިމުނީ-
